ސްޕެއިންގެ ބާސެލޯނާގައި ހުންނަ އޫރަޕިއަން އޭވިއޭޝަން ސްކޫލް އޮފް ބާސެލޯނާ (އީއޭއެސް ބާސެލޯނާ) އަށް ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)ގެ އެޕްރޫވަލް ސެޓްފިކެޓް ލިބުމާއެކު ޕައިލެޓުން ތަމްރީނުކުރުމަށް ހުޅުވާލައިފިއެވެ.

އެ ހުއްދަ ލިބުމާއެކު އީއޭއެސް ބާސެލޯނާ ވެފައިވަނީ ޕައިލެޓުން ތަމްރީނުކޮށް ރާއްޖޭގެ ޕައިލެޓް ލައިސެންސް (އޭޓީއޯ) ދިނުމުގެ ސީއޭއޭގެ ހުއްދަ ލިބުނު ފުރަތަމަ ސްކޫލެވެ. އަދި އެ ސްކޫލު ވެގެންދާނީ ޔޫރަޕްގެ ޕައިލެޓް ލައިސަންސް (އީއޭއެސްއޭ) އާއި ރާއްޖޭގެ ޕައިލެޓް ލައިސަންސް ދޭ ހަމައެކަނި ފްލައިން ސްކޫލަށެވެ.

އީއޭއެސް ބާސެލޯނާގެ އޮފިޝަލަކު މިއަދު 'ވަން' އަށް ވިދާޅުވިގޮތުގައި އެ ސްކޫލުގެ މަގުސަދަކީ އައްޑޫ ފްލައިން ސްކޫލުން ކިޔަވަމުން ދިޔަ ދަރިވަރުންނަށް ފަސޭހަކަމާއެކު ކިޔެވުން ފުރިހަމަ ކޮށްދިނުމެވެ. އެގޮތުން އީއޭއެސް ބާސެލޯނާ އިން އެ ދަރިވަރުން ކިޔަވަން ފަށާއިރު ފަށަން ޖެހޭނީ ކުރިން ކިޔަވާފައި ހުރި ހިސާބުން ކަމަށާއި އޭގެ ސަބަބުން އެ ދަރިވަރުންގެ ކިޔެވުން އަވަހަށް ފުރިހަމަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އޭގެ އިތުރުން އީއޭއެސް ބާސެލޯނާއަކީ އީއޭއެސްއޭ ސާޓިފައިޑް ފްލައިން ސްކޫލަކަށް ވާއިރު އެތަނުން ކިޔެވުން ފުރިހަމަކޮށް ނިމޭ ދަރިވަރުންނަށް ރާއްޖޭގެ ޕައިލެޓް ލައިސެންސްގެ އިތުރުން ޔޫރަޕްގެ ޕައިލެޓް ލައިސެންސްވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މެއިން ޓާގެޓަކީ އައްޑޫ ފްލައިން ސްކޫލުން ކިޔެވުން ހުއްޓިފައި ތިބި ދަރުވަރުންގެ ކިޔެވުން ފުރިހަމަކުރަން ފުރުސަތު ދިނުން. އެއީ ވަރަށް ބައިވަރު ކުދިން، ކިޔެވުން އެއްކޮށް ހުއްޓިފައި އެތިބީ. މި ސްކޫލުން ކިޔަވައި ނިމޭއިރު ދަރިވަރުންނަށް ލިބޭނެ ދެ ލައިސަންސް. ޔޫރަޕްގެ ލައިސަންސް ވެސް އަދި ރާއްޖޭގެ ލައިސަންސް ވެސް،" އޮފިޝަލު ވިދާޅުވިއެވެ.

އީއޭއެސް ބާސެލޯނާގައި މިވަގުތު ދިވެހި ހަ ދަރިވަރަކު އަންނަނީ ޕައިލެޓުކަން ކިޔަވަމުންނެވެ. ނަމަވެސް ގިނަ ދަރިވަރުންނަށް ބޭރުގެ އިންސިޓިޓިއުޓްތަކުން ޕައިލެޓް ތަމްރީނު ހެދުމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ފުރުސަތުގެ ދަށުން ޕައިލެޓުކަން ކިޔެވުމަށް ސަރުކާރުން ދޭ އެހީ އައްޑޫ ފްލައިން ސްކޫލަށް އެކަނި ހުޅުވާލާފައި އޮތުން ކަމަށް އީއޭއެސް ބާސެލޯނާގެ އޮފިޝަލް ވިދާޅުވިއެވެ.

އެއީ ކިޔަވަން ފުރިހަމަކުރަން ބޭނުންވެފައި ތިބި ގިނަ އަދަދެއްގެ ދަރިވަރުންނަށް ހުރި ހުރަހަކަށްވާތީ އެކަމަށް ހައްލު ހޯދުމަށް، އީއޭއެސް ބާސެލޯނާ އިން ކިޔަވާ ދަރިވަރުންނަށްވެސް އެ ލޯނު ފުރުސަތު ހަމަޖައްސައިދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުއްމީދަކީ ސަރުކާރުން އެކަމަށް އަވަސް އަދި އެދެވޭ ހައްލެއް ހޯދައިދީ، ޕައިލެޓް ތަމްރީނު ފުރިހަމަކުރަން ބޭނުންވެފައި ތިބި ދަރިވަރުންނަށް އެ ފުރުސަތު ވީހާވެސް އަވަހަކަށް ދިނުން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ސީއޭއޭގެ ހުއްދައާއެކު އީއޭއެސް ބާސެލޯނާއިން ކިޔެވުމަށް ގިނަ ފަރާތްތަކަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އީއޭއެސް ބާސެލޯނާގެ ޕައިލެޓް ޓްރެއިނިންތަކާ ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ، 7774730 އާ ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކުރުމަށް އެ ސްކޫލުން އެދެއެވެ.