ފުޓްސަލް

ގަމު ކައުންސިލް ތުނޑީ ރަމަޟާން ކަޕް: ބެސްޓާއި ގޯޅި އެސްސީގެ ވަރުގަދަ ފައިނަލަކަށް ތައްޔާރުވެއްޖެ

ޖުމުލަ 26 ޓީމަކުން ވާދަކުރި ލ. ގަމު ކައުންސިލުގެ ތުނޑީ ރަމަޟާން ކަޕުގެ ފައިނަލްގެ ޖާގަތައް ބީން އެންކަރޭޖިން ސޮސައިޓީ ފޯ ތުނޑި (ބެސްޓް)އާއި ގޯޅި ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ގަމު ތުނޑީ އަވަށު ޒުވާނުންގެ އިސްނެގުމަށް ތުނޑީ ފުޓްސަލް ދަނޑުގައި ރާވައި ހިންގަމުން އަންނަ ރަމަޟާން ކަޕަކީ މީގެ ކުރިންވެސް އެރަށުގައި ފޯރިއާއެކު ބާއްވާފައިވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތް ކުރިއަށްދަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހުއެވެ. މުބާރާތުގައި 26 ޓީމު ބައިވެރިވެފައިވުމުން މިއަހަރުގެ މުބާރާތް ކުޅެފައިވަނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލް ދެމެޗު ރޭ ކުޅެފައިވާ އިރު، ބެސްޓުން ފައިނަލް ޔަގީން ކުރީ 11-2 ގެ ނަތީޖާއަކުން ސެންޓްރަލް އޭރިއާ ބަލިކޮށްގެންނެވެ. ސެމީ ފައިނަލް ދެވަނަ މެޗުގައި ގޯޅި އެސްސީން ވަނީ ފެންވަރު ދައްކާލައި، މަތިމަރަދޫ ޔޫތު ކައިރިން 13-2 އިން މޮޅުވެފައެވެ.

ރޭ ބެސްޓުން ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ އިބްރާހީމް އަސްވަދު (ގަބޭ) އާއި އަލީ ހާފިޒް (ހާއްޕެ) ގެ އިތުރުން އަހުމަދު އިޔާދުގެ އިތުރުން ރ. ދުވާފަރުގެ މުހައްމަދު ޖުމާން އަހުމަދު އަދި އަލީ އިރުފާނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގަބޭ ވަނީ ހަތަރު ގޯލު ޖަހައިފައެވެ. އިރުފާނާއި އިޔާދު އަދި ޖުމާންވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.

ސެންޓްރަލް އޭރިއާއިން މެޗުގައި ޖެހި ދެ ގޯލު ޖެހީ އަހުމަދު ނަބީލާއި އަބްދުލްރަހުމާން އަހުމަދެވެ.

ރޭ ގޯޅިން މަތިމަރަދޫ ޔޫތާ ދެކޮޅަށް ކުޅުނު މެޗުގައި އަހުމަދު ހަލީމް (އަންމަޑޭ) ފަސް ގޯލު ޖެހި އިރު، އޭނާއަކީ އެ މެޗުގެ މޮޅު ކުޅުންތެރިޔާވެސް މެއެވެ. ދެން ގޯޅިއަށް ގޯލުތައް ޖެހީ، އިބްރާހީމް މުބީން (މުއްކި)އާއި ޖުމައިލް ޖަމީލް (ޖުމްބެ)ގެ އިތުރުން ރިހާމް އަބްދުލްޣަނީ (ބޮބީ) އާއި އަހުމަދު ނާޝިދެވެ. އަހުމަދު ނާޝިދު ގޯލެއް ޖެހި އިރު، ޖުމްބެ ހެޓްރިކް ހެދިއެވެ. މުއްކިއާއި ބޮބީ، ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ގޯލު ޖަހައިފައެވެ.

މަތިމަރަދޫ ޔޫތުގެ ދެ ގޯލު ޖެހީ އަލީ އަކުރަމާއި އާދަމް ވަޖީހެވެ.

މުބާރާތުގެ ފައިނަލް މާދަމާ ރޭ 9:30 ގައި އޮންނަ އިރު، ބެސްޓާއި ގޯޅި އެސްސީގެ ކުރިމަތިލުން ފޯރިގަދަ ވާނެއެވެ. ތުނޑީ އަވަށަށް ނިސްބަތްވާ ދެޓީމުންވެސް ރާއްޖޭގެ ފުޓްސަލް ތަރިން ފާހަގަވެގެންދާ އިރު، ދެ ޓީމަކީވެސް "އޯލް ސްޓާ" ދެ ޓީމެވެ. ފައިނަލް މެޗުގައި ގަބޭއާއި ހާއްޕެގެ އިތުރުން އިސްމާއީލް މުނީޒް، އަލީ މާއިސް (މައްޓު) އަދި އަބްދުﷲ ޝާފިއު (ޝާއްޕެ)، އަޔާޒް އަހުމަދު (އަޔާ)، ޖުމްބެ، ގޯލްކީޕަރު ފައްޔާޒު ފަޔާޒް (ފައިއްޓެ)، ސާމިން މުހައްމަދު ނަސީރު، މުއްކި އަދި ބޮބީ ފެނިގެން ދާނެ ކަމަށް ބެލެވެއެވެ. ވާދަވެރިކަން ބޮޑު ފައިނަލަށް އިންތިޒާރު ކުރަމާ ހިނގާށެވެ.

ތުނޑީ ރަމަޟާން ކަޕްގެ މެއިން ސްޕޮންސަރަކީ ގަމު ކައުންސިލެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިންއެވެ.