ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު (ސީޓީއޯ)ގެ މަގާމަށް މުހައްމަދު މުސްޢަދު ހަމަޖައްސައިފިއެވެ.
މުސްޢަދު އެ މަގާމަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ދިރާގުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޑިރެކްޓަރުގެ މަގާމުގައެވެ.
ދިރާގުން މިއަދު ބުނީ، ސީޓީއޯގެ މަގާމު އުފައްދައި އެ މަގާމަށް މުސްޢަދު އައްޔަންކުރީ މިމަހުގެ 19 ވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައި ކަމަށެވެ. ސީޓީއޯ ރިޕޯޓުކުރަން ޖެހޭނީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް ކަމަށްވެސް ދިރާގުން ބުންޏެވެ.
ސީޓީއޯގެ މަސްއޫލިއްޔަތުތަކާ މުސްޢަދު ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ.
އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އިންފޮމޭޝަން ގަވަނަންސްއާ ބެހޭ ސްޓްރެޓެޖީތަކާއި ޕޮލިސީތައް އެކުލަވައިލުމާއި އިންފޮމޭޝަން ސިސްޓަމްތައް މެނޭޖުކުރުމުގެ އިތުރުން ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި މަސައްކަތްތަކާއި ޑިޖިޓަލް ޓްރާންސްފޮމޭޝަން މަސައްކަތް ހިމެނެއެވެ.
މުސްޢަދަކީ ޓެލެކޮމް ދާއިރާގައި 23 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޗާޓަޑް އިންޖިނިއަރެކެވެ. އޭނާ މަތީ ތައުލީމު ހާސިލުކުރެއްވީ އޮސްޓްރޭލިއާ، އިނގިރޭސިވިލާތް އަދި ނިއުޒީލެންޑުންނެވެ. މުސްޢަދު ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް އިން އެމްބީއޭ ހާސިލްކުރައްވައިފައެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ހަލްއިން ވަނީ ބެޗެލާ އޮފް އިންޖިނިއަރިން އިން މޮބައިލް ޓެލެކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ހާސިލުކުރައްވައިފައެވެ.
މީގެ އިތުރުން ނިއު ޒީލެންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީ އޮފް ވެލިންގްޓަން އިން މާސްޓާ އޮފް ކޮމާސް އިން އިންފޮމޭޝަން ސިސްޓަމްސް، މުސްޢަދު ވަނީ ހާސިލުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު