ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި އެނބޫދޫ ފިނޮޅު ހިއްކުމުގެ މަސައްކަތަށް ގަވާއިދާ ހިލާފަށް މުދާ އެތެރެކުރުމުގެ ސަބަބުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ދައުލަތަށް ނުލިބިވާކަން ހާމަވެއްޖެއެވެ.

އެކަން ހާމަވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 2019 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުންނެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ, އެނބޫދޫ ފިނޮޅުގެ ބިންހިއްކުމުގެ މަސައްކަތަށް ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް 2017 ވަނަ އަހަރު އިމްޕޯޓްކޮށްފައިވާ ވެހިކަލްތަކާއި އެހެނިހެން މުދާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވާލާފައިނުވާތީ, އިމްޕޯޓް ޑިއުޓީގެ ގޮތުގައި ކަސްޓަމްސްއަށް 2.2 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށެވެ.

ނަމަވެސް ކަސްޓަމްސް އިން އެ މުދާ ދޫކޮށްފައިވަނީ ރާއްޖޭން ބޭރުގެ ފަރާތެއް އެތަކެއްޗަށް ޒިންމާވާ ގޮތަށް ހުށަހަޅާފައި ވަނިކޮށް ކަމަށްވާތީ, މިހާރު އެ ފަރާތް ރާއްޖޭގައި ނެތުމުގެ ސަބަބުން އެފަރާތާ މުއާމަލާތް ނުކުރެވޭ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ނަތީޖާއެއްގެ ގޮތުން އެ ފައިސާ ހޯދުމަށް "ކަސްޓްމަސްއަށް ލިބެންވާ ފައިސާ ހޯދުމާއި ވަގުތީގޮތުން ހިދުމަތް މެދުކަނޑާލުމުގައި އަމަލުކުރާނެ އުސޫލު"ގައި ބަޔާންކުރާ ފިޔަވަޅުތައް އެޅިފައިނުވާ ކަމާއި އެ ފައިސާ މިހާތަނަށް ހޯދިފައިނުވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މުއާމަލާތް ނުކުރެވިފައިވާ ފަރާތްތަކާ މެދު ފިޔަވަޅުތައްވެސް ކަސްޓަމްސް އިން އަޅާފައިނުވާ ކަމަށް ބުނެފައިވެއެވެ.

ކަސްޓަމްސްގެ އާންމު ގަވާއިދުގެ 117 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކުރެވޭ މުދާ ދޫކުރެވޭނީ، އެތަކެއްޗަށް ޒިންމާވާނެ ރާއްޖޭގެ ފަރާތެއް ހުރެގެންނެވެ. އަދި ކަސްޓަމްސްގެ އާންމު ގަވާއިދުގެ 126 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާ ގޮތަށް އިމްޕޯޓްކުރާ މުދަލަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެ މުދާ އިމްޕޯޓް ކުރި އިރު ޑިކްލެއާ ކޮށްފައިވާ އަގުން ކަސްޓަމްސްއަށް ދެއްކުމަކީ، އެ މުދަލަށް ރާއްޖެއިން ޒިންމާވާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.