ލައިފް ސްޓައިލް

ގިނައިރު އިށީނދެ އިނުމަކީ ހަށިގަނޑަށް ދެވޭ އަނިޔާއެއް، އެހެން ގޮތެއް އާދަކުރަމާ!

އަހަރެމެންނަށް ހީވެފައި އޮންނަ ވަރަށް ބޮޑު ކުށްހީއެއް އޮވެއެވެ. ހަށިގަނޑަކީ އަަރާމަށް ބޭނުންވާ އެއްޗެކެވެ. ގިނަވަގުތު ހިމޭނުން އިނުމަށް ހަށިގަނޑު ލޯބި ކުރެއެވެ. އަބަދު ހަށިގަނޑަށް ބުރަ ދޭކަށް ނުވާނެއެވެ. ރަނގަޅު ވާހަކައެކެވެ. އަބަދު ހަށިގަނޑަށް ބުރަ ދޭކަށް ނުވާނެއެވެ. އަރާމުވެސް ދޭން ޖެހޭނެއެވެ. އަޅައިލުމާއި އޯގާތެެރިކަން ދޭންޖެހޭނެއެވެ. އެކަމަކު އެއީ އަހަރެމެން މިހީކުރާ ގޮތަަކަށް ނޫނެވެ.

ފިލްމެއް ނޫނީ ވީޑިޔޯއެއް ބަލަން އިށީނދެބަލާށެވެ. އެނގޭހެއްޔެވެ. ތިއިނީ ވަރަށް ހަމަޖެހިގެން އަރާމުގައި ވީޑިޔޯއެއް ބަލަން ނޫންހެއްޔެވެ. އެކަމަކު ތިޔަހީވީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. ހަށިގަނޑު އެ އިންތިޒާރު ކުރަނީ ތެދުވާނެ އިރަަކަށެވެ. ތެދުވެގެން ހިނގާލާނެ ވަގުތަކަށެވެ. މިވާގޮތް އެނގޭހެއްޔެވެ؟

ރަނގަޅެވެ. ވަގުތުކޮޅަކަށް އިށީނދެގެން އިނުމުން ހަށިގަނޑަށް އަރާމަކާއި ހަމަޖެހުމެއް ލިއްބައިދޭނެއެވެ. ނުވަތަ ހެލިފެލިވެ ކަސްރަތުކޮށް އުޅުމުގެ ބަލިކަން ފިލައި ހަމަޖެހިދާނެއެވެ. އެހެންނަމަވެސް އަދުގެ ހާލަތާއި ކަންތައް ހުންނަ ގޮތުން، އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ގިނަވަގުތު އިށީނދެގެން ތިބުމަށް މަޖުބޫރު އެބަވެއެވެ. އެހެންނަމަވެސް މިއީ އެއްގޮތަަކަށްވެސް ކަމުދާ އަދި ރަނގަޅު، ދުޅަހެޔޮ ހޮތެއް ނޫނެވެ. މިގޮތަށް ހިރިނުލައި ހެލިފެލިވެނުލައި، އެއިން ގޮތަށް މަސައްކަތް ކުރަން އިނުމުގެ ސަބަބުން ހަށިގަނޑަށް ލޮޑުކަން ވެރިވެ ވަރުބަލުވެދާނެއެވެ.

އަހަރެމެން އިންސާނުންގެ ހަށިގަނޑު އުފެދިފައި ވަނީ ހަމާއި މަހާއި ކަށްޓާއި ނާރުތަކުގެ އިތުރުން ފެނާއި ލޭ އެކުވެގެންނެވެ. މިހުރިހާ ސާމާނުތައް ލާފައި ބޯލްޓް ހަރުކޮށް އިސްކުރު ބާރުކޮށް ހުޅުހުޅު ލައްވައި ހައްދަވާފައިވާ ފުރިހަމަ މި އިންސާނާގެ ހަށިގަނޑަކީ ހެލިފެލިވެ ހަރަކާތްތެރިވާ ގޮތަށް ތައްޔާރު ކުރެވިފައިވާ އެއްޗެކެވެ. ހަށިގަނޑު އެތުރިފައިވާ ގޮތުން މިކަމުގެ ހެކި ފެންނާނެއެވެ. އަހަރެމެންގެ ހަށިގަނޑު އުފެދިފައިވަނީ 360 ޖޮއިންޓްސް (ކަށިތައް ގުޅުވާ ބަނދަތައް) 700 ސްކެލެޓަލް މަސްލްސް ނުވަތަ ކަށީމަސްކޮޅުގެ މައްޗަށެވެ. ހަރަކާތްތެެރިވެ ހެލިފެލިވުމަށް ފަސޭހަ ވާނެހެން ތަރުތީބުން އެތުރިފައިވާ ގޮތަކަށެވެ. ބަނދަތަކުގައިވާ ލޮނދިތަކުން ފަސޭހަކަމާއެކު ހުޅުތައް އަނބުރައި ހަރަކާތް ހަލުވިމިނުގައި ދައްޗަކާނުލައި ގެންދެވޭނެ ނިޒާމެއްގެ މަތިންނެވެ. މެޝިނެއްގައިވާ ބޯލްޓްތައް ތެޔޮ ބޭނުން ކުރާ އުސޫލުންނެވެ. އަހަރެމެންގެ ހަށިގަނޑުގައި ވާ ތަފާތު ގާބިލުހުނަރަކުން ބިމުގެ ދަމާބާރާއި ދެކޮޅަށް ހަށިގަނޑު ކޮޅަށް ނަގައިގެން ހުރުމުގެ ކުޅަދާނަކަން އެއަށް ލިބިފައިވެއެވެ. އަހަރެމެންގެ ނާރުތަކުން ހިނގާ ލޭގެ ހިނގުން ބަރޯސާ ވަނީ އަހަރެމެންގެ ހަރަކާތްތެރިކަމަށެވެ. މާނައަކީ ހަރަކާތެއް ނެތި އެއްގޮތަކަށް ތަނެއްގައި އިންނަން ފެށުމުން އައްސިވުމުން ދޭހަވަނީ ކޮންކަމެއްތޯއެވެ. އެއީ މިބުނާ ބަރޯސާވުމެވެ. ލޭގެ ހިނގުން ކުރިއަށްދަނީ އަހަރެމެން ހަށިގަނޑު ހެލިފެލިކޮށްގެނެވެ. އަަހަރެމެންގެ ނާޒުކު ނާވް ސެލްސް(އެއް ސެލް އަނެއް ސެލްއާ ގުޅުވައިދޭ މައިސެލް) ފައިދާ ނަގަނީ ހަރަކާތްތަކުންނެވެ. ހަރަކާތެއް ނެތި މީހަކު އޮންނަން ވެއްޖެނަމަ އެމީހެއްގެ ނާވްސެލްސް މަސައްކަތް ނުކޮށް ހުއްޓާލާނެއެވެ. އެހިސާބުން މާހިރުން އެބުނަނީ އިންޓާނަލް އޯގަންސް ފެއިލް ވާން ފަށަނީ މިބަހުގެ އަސްލު ސަބަބަކީ ހަރަކާތެއް ނެތި މީހާ އޮތުމުން ނާވްސެލްސް ފަނާވެދިއުމެވެ. އަދި އަހަރެމެންގެ ހަމަކީ ރަބަރުހެން ދެމޭ، ގުނަވަންތަކުގެ އަމުރަށް ހަރަކާތްތަކުން ބާރުދޭ އެހީތެރިޔާއެވެ.

މިހުރިހާ ކަމަކުން އެނގެނީ ހަށިގަނޑު އިންތިޒާރު ކުރަނީ ހަރަކާތްކުރުމަށްކަމަށެވެ. ވީމާ ހަރަކާތްނުކޮށް މިކިޔާ ކަންނެތް ކަމުގައި އަބަދު އިށީނދެ ނުވަތަ އޮށޯވެ ނުވަތަ ބުރަކަށި ދަމައިލައިގެން ބަނޑު ދަމާލައިގެން ތިބުމުން ވާނެ ގޮތަކާމެދު ވިސްނައިލަމާތޯއެވެ؟ ފުރަތަމަ ބުރަކަށީގެ މައިބަދައިން ފަށަމާތޯއެވެ.

މައިބަދަ އަކީ ދެ ޑިސްކަކުން ދެމެދުން ގުޅާލާފައިވާ، ކަށިކޮޅުތަކާއި ގުޅުވާ ބަނދަބަނދަތަކާއި ބަނދަތަކުގެ ވަށައިގެން އެޅުވިފައިވާ ރަބަރުފަށްތައް އާދެ ލިގަމެންޓްސް ތަކެއް ލާފައިވާ ދިގު ހަނިދެކަށިގަނޑެވެ. ގިނަވަގުތު އުނަގަނޑު ނަގައި ކޮޅަށް ސީދާކޮށްގެން އިށީނދެ ދެއަތް ދަމާލައިގެން އަތްތިލައިން ކުރާ މަސައްކަތަށް މޭޒަށް ބޯ ގުދުކުރުމުން މިދެކަށިގަނޑު ގުދުވެ ކުރުގެޅިގެންގޮސް އަނެއް ފަރާތުން ބަނޑާއި ދިމާއިން ފުއްޕާމޭ ލެނބި ނޭވާލުމަށް ބޭނުންވާ އޮކްސިޖަން އެތެރެވާ ނިޒާމު ހަނިވެ އޮކްސިޖަން ދަށްވެ ނޭވާލުމަށް ދަތިވެގެންދެއެވެ. އަދި މިއިށީނދެގެން އިނުމުން ދެފަޔަށް ބާރު ކުރަން ފަށައެވެ. ކަށިތަކުގެ ވަށައިގެން ލާފައިވާ މަސްފަށަލައަށް ބާރުބޮޑުވެ ލޭހިނގުމަށް ދަތިވެ ދެފައި ދުޅަވެ އައްސިވާ ފަހަރު އަންނާނެއެވެ.

ދެން އޮތީ ސިކުނޑީގެ ވާހަކައެވެ. އާންމުކޮށް އަހަރެމެން އިށީނދެ މިތިބެނީ ސިކުނޑީގެ މަސައްކަތަކަށެވެ. އެހެންނަމަވެސް އެއްކަލަ އޮކްސިޖަން މަދުވުމާއި އައްސިވުމާއި މިހުރިހާ ކަމެއްގެ ބަރު އުފުލާނީ ސިކުނޑިންނެވެ. އެހެނީ ސިކުނޑިއަކީ ސާފު ވައި މާނައަކީ އޮކްސިޖަން ލިބިގެން މަސައްކަތް ކުރެވޭ އެއްޗަކަށް ވާތީ ސިކުނޑިއަށް މިހެން ހަށިގަނޑު ހަރަކާތެއް ނެތިފައި އިނުމުން އެކައްޗެއްވެސް ވިސްނައިގަންނާކަށް ނޭނގޭނެއެވެ. އޭގެ ބަދަލުގައި ސިކުނޑީގެ މަސައްކަތަަށް ހުއްޓުން އަންނާނެއެވެ.

މިއީ ހައްތާވެސް ހަށިގަނޑު ގިނައިރު ހަރަކާތް ކުރުމުން ދުރުގައި މާގިނައިރު އިށީނދެ އިނުމުން ދިމާވާ މަދު ކަންތައްތަކެއްގެ ވާހަކައެވެ. މިފަދަ އެތައް އެތައް ހަގީގީ ތެދެއް ހިމެނޭނެއެވެ. ތިމާއަކީ މަސައްކަތުގެ މާހައުލުގައި ގިނަ ވަގުތު އިށީނދެގެން އިންނަން ޖެހޭ މީހެއްކަމުގައި ވާނަކަ ކޮންމެ ވިހި މިނިޓަކުން ވިހިމިނިޓަކުން ކަހަލަ ގޮތަކަށް ތެދުވެ ހަށިގނޑު ދަމާލައި ކުޑަކޮށް ސްޓްރެޗިން ހަދާލައި ހަށިގަނޑަށް ހަރަކާތްތައް ގެނެސް ތާޒާކޮށްލާށެވެ. ހަމައެންމެ ފަސްމިނިޓް އިނގޭތޯއެވެ.