"އަހަރެން ހީކުރީމެވެ. ކަލާގެ އެއްވެސް ހަނދާނެއް އަހަންނަށް އުނދަގުލެއް ނުކުރާނެއެވެ. ކަލާގެ ނަންވެސް، ސޫރަވެސް އަހަރެން ހަނދާނެއް ނުހުންނާނެއެވެ. އަހަރެން ކަހަލަ މީހަކަށް ކަމެއް ހަނދާން ނައްތާލުމަކީ ކޮން އުނދަގޫކަމެއް ހެއްޔެވެ؟ އަމުދުން ކަލާ ކަހަލަ ކަޓު އާދައިގެ މީހެއްގެ ހިޔާލުތަކުން އަހަރެން ކަހަލަ ފުދުންތެރި، ޒަމާނަށް ފެތިފައި ހުރި މީހަކު ސިހިދާނެ ހެއްޔެވެ؟ އެކަމަކު އެއީ އަހަންނަށް ކުރެވުނު ކުށްހީއެކެވެ. ހަމައެންމެ ފަހަރަކު ނަމަވެސް ކަލާ އެނބުރި އަންނާނެނަމައެވެ. އެނބުރި އައުމަށް ހިތް އެދެނީ ކީއްވެހެއްޔެވެ؟ މިއަށްކިޔަނީ ލޯބިހެއްޔެވެ. އެހެންކަމަށްވާނަމަ އަހަންނަށް ކަލާ ދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ. އޭރުން އަހަރެން އަތުން ކަލާއަށް ދިން އަނިޔާގެ ބަދަލަށް ހިތާއި ނަފުސުން ފުރިބަރާވަންދެން ކަލާއަށް ލޯބިދޭނަމެވެ."
*******
"މޯރނިންގ ޝިވާ"
ސިހިގެން ގޮސް ހާމަ ދުނިޔެއަށް އެނބުރި އާދެވުނީ ކޯޕައިލެޓު ޝާފީގެ އަޑަށެވެ. ބޯދޮށަށް އަތްލައްވައިގެން ޒާތަކަށް އޮށޯވެގެން އޮތް ގޮނޑިން ހަށިގަނޑު ތެދުކޮށްލުމަށްފަހު ދަތުރުގެ ބައިވެރިޔާއަށް އަދި ޒަމާންވީ އެކުވެރިޔާއަށް ހިނިތުންވެލައި ހެނދުނުގެ ސަލާންކޮށްލިއެވެ.
އެއާހޮސްޓެސްގެ އިރުޝާދު ދިނުމުގެ އަޑު ކަންފަތުގައި ޖެހުމާއެކު ދެމީހުން ކޮކްޕިޓުގައި ހަމަޖެހި ސީޓުބެލްޓް އަޅައި މައިކްތައް އޮންކޮށް ސެޓްކޮށްލިއެވެ.
"އަޅުގަނޑުމެންގެ މިއަދުގެ ދަތުރުގެ ޕައިލެޓަކީ ޝިވާން ޒާހިރު އަދި ކޯޕައިލެޓަކީ ޝާފިއު އިސްމާއިލް."
އެއަރހޮސްޓެސްގެ އަޑާއެކު ޝިވާން އޭނާގެ ފަރިތަ އިނގިލިތަކުން ބަޓްންތަކުގައި ހިންގާލީ ޔަގީންކަމާއި އިތުބާރާއެކު މިދަތުރުގެ ބައިވެރިން މީގެ މަންޒިލަށް ރައްކާތެރިކަމާއި އަމާންކަމާއެކު ގެންދިއުމަށް ކަނޑައެޅި އަޒުމުގައި ހިތުގެ އަޑިން އަދި ތަޅުވާލި ތުންފަތުން މަޑުމަޑުން ކިޔާލި ދުއާއާއެކުގައެވެ. ރަންވޭގެމަތިން ނައްޓާލި ފްލައިޓު އޭގެ ސްޕީޑު ނަގަމުން ބިމުން މައްޗަށް އަދިވެސް މައްޗަށް ގޮސް ވިލާތަކަށްވުރެ އުހުން އުދަރެހުގެ ތަރަހައިން އޭގެ ކަނޑައެޅިފައިވާ މަންޒިލާ ދިމާއަށް ދިއުމަށް އުދުހިގަތެވެ. ކޮކްޕިޓުގައި އިން ކުޅަދާނަ ޒުވާން ޕައިލެޓް ޝިވާންގެ ހިޔާލުތައްވެސް އުދުހެމުން ދިޔަ ފްލައިޓާއެކު މާޒީއާ ދިމާއަށް އުދުހެމުންދިޔައެވެ.
އަހަރުތަކެއް ކުރިއަށް ޖެހި ބަލައިލައިފިނަމަ ފެންނާނީ ކާމިޔާބު މޮޅު އަދި އެހާމެ ރީތި ޒުވާން ޕައިލެޓެއް ނޫނެވެ. އާވާރާ އުޅުމެއް ނެތް ޒުވާނެކެވެ. އެއްވެސް ފިކުރެއް ހިޔާލެއް ނުހުރެއެވެ. އަމުރު ހިންގޭ ވަރުގެ މީހަކު ނުހުރެއެވެ. އެއްވެސް ކަމަކާމެދު ވިސްނާކަށް ނުޖެހެއެވެ. ހަމަރަނގަޅަށްވެސް މުއްސަނދި މަންމައަކާއި ބައްޕައެއްގެ ފައިސާވެރިކަމާއި މުދަލުން ތެމިފައި ހުރި، ކަނުލޯބިން ކުލަޖެހިފައިވާ ޒަމާނީ ފެޝަން ފިރިހެން ދަރިއެކެވެ.
ޕައިލެޓް ކޯސް ކުރިއަށް ދިޔައީ ލަންކާގައިކަމުން ސިންހަލަ ބަހުން ވާހަކަދައްކަން ޝިވާން ވަރަށްވެސް ފަރިތައެވެ. ލަންކާގައި ޝިވާން އުޅުނު އެޕާޓްމަންޓަކީ އޭނާއަށް އޭގެ އެއްވެސް ކަމަކާ ފިކުރު ކުރަން ނުޖެހޭ ވަރަށް ހުރިހާ ކަމެއް ފުރިހަމަ ކޮށްދީފައި ބަހައްޓާފައި ހުރި ގެއެކެވެ. ކާނެ ބޯނެ ތަކެއްޗާއި ފެނާއި ކަރަންޓާއި އަންނައުނު މިފަދަ އެއްވެސް ކަމަކާދޭތެރޭ ވިސްނަން ކީއްކުރަން ހެއްޔެވެ؟ އެއީ ކިހިނެއް ކޮންއިރަކު ކާކު ކޮންތާކުން ގެންނަ އެއްޗެއްކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގޭކަށް ނުވެސް ޖެހެއެވެ. ބަލާކަށްވެސް ނުޖެހެއެވެ. ވަގުތުންވަގުތަށް ހުރިހާ ކަމެއް ހުންނަނީ ފުރިހަމަވެފައެވެ. އެއްވެސް އެއްޗެއް މަދުވެއްޖެނަމަ ކޮށްލަންޖެހެނީ އެންމެ ފޯނުކޯލެކެވެ. އެވެސް ހަމަ އެންމެ އެއްޗެއް މަދުވެގެންނެވެ. ފައިސާއެވެ. ގިނަފަހަރު އެކަންވެސް ވަރަށް ފުރިހަމައަށް އޮންނަނީ ހަމަޖެހިފައެވެ.
ދުވާލު ކޮލެޖަށް ދާން ހޭލާނީ ރޭގަނޑުގެ ޕާޓީގައި އުޅޭނެ އިރަކު ލަވައާއި ނެށުމުގައި އުޅެފައި އެތައް ދަމެއް ވާފަހުން ނިދިފައި ދަމަކަށް އިރުއަރާފަހުންނެވެ. ކަލާނގެ ކުޅަދުންވަންތަކަމުން އޭނާއަކީ ފޮތަކާ ނުލައި އެދުރުވާކަހަލަ އަލިހިތަކާއި ތޫނުފިލި ސިކުނޑިއެއް މާތްކަލާނގެ ދެއްވާފައިވާ ޒުވާނެކެވެ. އެހެންކަމުން ކޮންމެ ގަޑިއަކު ކޮލެޖަށް ދިޔަކަމުގައިވިޔަސް އަދި ކޮންމެ ސިފައަކަށް އުޅުނުކަމުގައި ވިޔަސް އިމްތިހާނުތަކުގައި އެލިޔާ ޕޭޕަރަކުން ލިބެން އޮންނަ އެންމެ މަތީ މާކުސް ގެންނާތީވެ އޭނާއާ ދިމާއަށް އެއްވެސް ބަހެއް ބުނުމުގެ ފުރުސަތެއް އެއްވެސްމީހަކަށް ނުލިބެއެވެ.
ކޮލެޖުގެ ފަހު އަހަރުކަމުން އިތުރަށް ނުކުރާނެ މަޖަލެއް ނުބާއްވަން ގަސްދުކުރާތީ ތޯއްޗެކެވެ. ޝިވާނަށް ރޭތައް ދިޔައީ ކުރުވަމުންނެވެ. އޮއްސޭ އިރާއެކު ގޭތެރޭގައި ރައްޓެހިންގެ ބައިގަނޑު ގިނަވެގަންނާނެއެވެ. ސިނގިރޭޓް ދުމާއި ޝެމްޕޭން، ބިޔަރުގެ ވަސް މުޅި ގެ އޮންނަނީ އެއްވަސް ކުރުވައިފައެވެ. އެކި ފާޑުގެ މިޔުޒިކާއި ލަވައިގެ އަޑު ސަރަހައްދުގައި ހުންނާނީ ގުގުމައިފައެވެ. މިއީ ފަރުބަދަމަތީގެ ގެއަކަށްވެފައި މުޅި ސަރަހައްދުގައިވެސް މިނިވަންކަން އޮންނަނީ ހިތަކަށް ލިބިފައެވެ.
ހުވާނާއާ ބައްދަލުވީ މިރޭތަކުގެ ތެރެއިން ރެއެއްގައެވެ. ޝިވާންއަކީ ގިނަ އަންހެންކުދިންތަކެއް މަރުދޭ ޒުވާނަކަށް ވީތީ އޭނާގެ ވަށައިގެން އެނބުރޭ މާތަކުގެ ފޮނި ބޭނުން އިރަކު ބޭނުން ގޮތަކަށް ރަހަބަލަން ލިބޭތީ މާގިނަ ދުވަހަކު އެކަކާއެކީ އުޅުމުގެ އާދަ ހިފިފައެއް ނެތެވެ. އެރެއަކީ ޝިވާން ފޫހިފިލުވައިލުމަށް ކޮންމެވެސް މަންޖެއެއް ގޮވައިގެން އުޅުނު ރެއެކެވެ. މިސުވިސް މަންޖެއާއެކު އުޅޭތާ ހަފުތާއެއް ވަނީއެވެ. މާ މަޖާ ވާހަކަ ދައްކާ މަންޖެއެއްކަމުން ޝިވާން މިފަހަރު އުޅުނީ މަޖާ ގުޅުމެއްގައެވެ.
ހުވާނާ ގެއަށް އައީ ގޭގައި މަސައްކަތް ކުރަން އަންނަ ދައްތަ ކުއްލިކަމެއްގައި އެދައްތަގެ އަވަށަށް ދިއުމުން އޭގެ ބަދަލުގައި ގޭތެރެ ސާފުކޮށް ޝިވާނަށް ހިދުމަތްކުރުމަށެވެ. އާންމުކޮށް ހުކުރުވިލޭރޭ ނޫނީ އާދީއްތަ ވިލޭރޭ އައިސް ގޭތެރޭގެ ކަންތައް ކޮށް އަންނައުނު ދޮވެ އިސްތިރިކުރެއެވެ. މުޅި ހަފުތާ ތެރޭގައި ގޭތެރެއަށް ހަދާލާފައި އޮންނަ ގޮތް ހަމަ ވަރަށް ތަރުތީބުން ސާފުކުރަނީ ޖެހިގެން އަންނަ ދުވަހުވެސް ގޭތެރެ އޮންނާނީ ހަމަމިހެންކަން އެނގޭހާލުގައެވެ. ހުވާނާއަކީ ދިވެހި ކުއްޖެއްކަމާއި އެއީ އެގޭގައި މަސައްކަތު އަންނަ ދައްތަގެ އެހީގައި ގޭގެއަށް މަަސައްކަތްކޮށްދީގެން ކިޔަވާނެ ފައިސާ ހޯދާ ފިސާރި ކެރޭ ހިތްވަރުގަދަ އަންހެން ކުއްޖެއްކަމެއް އޭރަކު ޝިވާނަކަށް ނޭނގެއެވެ.
ޝިވާނަށް ހުވާނާއަކަށް އެއްވެސް ސަމާލުކަމެއް އޭރަކު ނުދެވެއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. ޝިވާނަކީ ވެރިމީހާއެވެ. ހުވާނާއަކީ ނޯކަރެއްގެ ފަރާތުން އައިސް އުޅޭ މަސައްކަތު މީހެއްވިއްޔާއެވެ.
މަންޒަރު ބަދަލުވެ ރާގު ތަފާތު ވެ ލަވަ އެއްހަމަވީ ހުވާނާ ތިންވަނައަށް އެގެޔަށް ދިޔަ ހުކުރުވިލޭރެއެވެ. ހުވާނާ މިމަސައްކަތް ކުރަން އަންނަން ފެށިފަހުން ކޮންމެ ދުވަަހަކުވެސް ޝިވާންގެ ނުރުހުމުގެ ހިތްހަމަނުޖެހި ރުޅިއައިސްގެން ބުނާ ބަސްތަކެއްގެ އަޑުއަހަން ހުވާނާއަށް ޖެހެއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. ހުވާނާ އޭނާގެ އާދަކާދައަށް ގުޑުން އަރުވަން މަސައްކަތް ކުރަނީއެވެ.
"މިމޭޒުމަތީގައި ބަހައްޓާފައި ހުރި ކަރުދާސްތައް ކޮބާ؟ މިދެން ކިހާ ދެރަކަމެއް؟ ކިހާ ވަރަކަށް ކޮންމެ ދުވަހަކު މިކިޔައިދެނީ މަގޭ ކޮޓަރީގެ ތެރޭގައި ހުންނަ އެއްޗިއްސާ ނުބެހޭށޭ. މިތަން ތަރުތީބު ނުކުރާށޭ."
ކޯހުގެ އެސައިންމަންޓެއް ހަދަން ޕޮއިންޓުތަކެއް ނޯޓުކޮށްފަ ހުރި ކަރުދާސްތަކެއް ގެއްލުނީއެވެ. މޭޒުމައްޗަށް އެގޮތް މިގޮތަށް އުކާލާފައި ހުންނަ ފޮތްތަކާއި ފައިލްތަކާއި ކަރުދާސްތައް ސާފުކޮށް ތަރުތީބުކޮށްފަ ހުންނަލެއް ވަރަށްވެސް ރީއްޗެވެ. އެކަމަކު މިގޮތަށް ބޭނުންވާ ތަކެތި ނުފެނުމުން ޝިވާން ގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. މާދަމާ އިމްތިހާނު ފެށޭތީ މިރޭގެ ޕާޓީވެސް އޭނާ ވަނީ ކެންސަލްކޮށްފައެެވެ. އެކަމަކު މިނަސީބުކުޑަ އަންހެން ކުއްޖާ އޭނާއަށް މިޖެއްސީ ކޮންފަދަ ތުރާލެއް ހެއްޔެވެ.
"އޭ ޖާހިލު ގަމާރު ސްޓުޕިޑް. މިކޮޅަށް އާދެބަލަ. އިވޭ ކަމަށްވެސް ނުހަދާ ތިހުންނަނީޔޯ. މަންމަނެއްތަ؟ ނޫނީ ބީރުވީތަ؟"
ކޮޓަރީގެ ދޮރުން ބޭރަށް ބޯދިއްކޮށްލާފައި ބޮޑުކޮޓަރީގައި ހުރި ހުވާނާއަށް ގޮވާލިއެވެ. މަންމައަކު ގޮވާލީމަ ބަސްއަހާ ކުޑަކުއްޖަކު ފަދައިން ޝިވާންގެ ކޮޓަރިއަށް ހުވާނާ ދިޔައެވެ.
"އަޅެ މިއީ ކީއްކުރަން ހުންނަ އެއްޗެއް؟ ބޮޅުު އަޅުވަންތަ؟ މި ހަމައެނި ފުނާއަޅަން؟"
ޝިވާން ހުވާނާގެ ކަންފަތުގައި ހިފާ އަނބުރާލައިފިއެވެ. ވީތަދުން ހުވާނާއަށް ކޫސް ދަމާލެވުނެވެ.
ދެންވެސް ހުވާނާ އަނގައިން ނުބުންޏެވެ. ޝިވާންގެ ރުޅި ހައްދުން ނެއްޓި ހުވާނާގެ މޫނާއި ދިމާއަށް ހޫރާލެވުނު އަތް ހުއްޓުނީ، މޭޒުމަތީގައި ހުޅުވާލާފައި އޮތް ފިޒިކްސް ފޮތް ފެނުމުންނެވެ.
ހުވާނާ ޝިވާންގެ ހުރިހާ ނޯޓުތަކެއް ރީތި ލިޔުމަކުން ފޮތަށް ނަގައިދީފައި ހުރި މަންޒަރު ފެނުމުން ޝިވާނަށް މިހެދެނީ މުޅިން މޮޔަ އެއްޗެއްކަން ވިސްނައިގަނެވުނެވެ.
އަންހެނެއްގެ ގާތްކަމަކީ ޝިވާނަކަށް އާ ކަމެއް ނޫނެވެ. އެކަމަކު ހުވާނާ ތަފާތެވެ. އެކަން އިހުސާސްކުރެވުނީ ހަ މަސްދުވަސް ވަންދެން އެކުއެކީގައި އުޅުމަށްފަހު ހުވާނާ ވީތަނެއް ނޭނގި ގެއްލުނު ފަހުންނެވެ. ހުވާނާއާ ގުޅުން ބަދަހިކުރަން ފެށުނު ފަހުން އޭނާގެ އާވާރާ ދިރިއުޅުމަށް އައީ ބޮޑެތި ބަދަލުތަކެކެވެ. ހުރިހާ ކަމެއްހެން ތާހިރުވެ ރީތިވެގެންދިޔައެވެ. އެކަމަކު ހަމަކުއްލިއަކަށް އެއްދުވަހުގެ ހެނދުނު ހުވާނާ ވީނުވީތަނެއް ނޭނގި ގެއްލުނު ގޮތަށް ދެން ނުފެނުމުން، އޭނާގެ ހަޔާތަށް ބޮޑު ބަދަލެއް އަތުވެއްޖެކަން ޝިވާނަށް އިހުސާސް ކުރެވެންފެށިއެވެ.
ކޯހުގެ އެންމެ ފުރިހަމަ އެއްވަނައާއެކު ޝިވާން ރާއްޖެ އައިއިރުވެސް ހުވާނާގެ އެއްވެސް ހަބަރެއް ލިބިފައެއް ނެތެވެ.
ހުވާނާއަކީ "އާވާރާ ޝިވާން" ޕައިލެޓް ޝިވާނަށް ހެދި އަންހެންކުއްޖާއެވެ. ދިރިއުޅުމުގައި އެއްވެސް އަމާޒެއްނެތި ވަކި މިސްރާބެއް ނެތި ހޫރެމުން ދިޔަ ޝިވާނަށް މަގު ދައްކައިދީ ކާމިޔާބު އަދި ފުރިހަމަ އަގީދާއަކާއި އީމާންތެރިކަމެއް އަށަގެންނެވުމަށް އެ ބީރައްޓެހި އެހެނަސް .....
“ދަތުރުގެ އެންމެހާ ބައިވެރިން.“
އެއާހޮސްޓެސްގެ އަޑު އިވިއްޖެއެވެ. ފްލައިޓު އޭގެ މަންޒިލަށް ތިރިކުރުމުގެ ވަގުތު ޖެހުނީއެވެ. ޝިވާން އޭނާގެ އަތުގެ ތެރޭގައި ހުޝިޔާރު ކަމާއެކު ހުންގާނު ސަމާލުކޮށްލިއެވެ.
ދަތުރު ނިމިގެން ދެއެކުވެރިން ވަކިވީ މިރޭ ޝާފީ އެއާޕޯޓުގައި ބާއްވާ ފެސްޓިވަލެއްގައި ބައިވެރިވާން ޖެހޭތީއެވެ. އެހެންކަމުން ޝާފީއާ ރޭގަނޑުގެ ސަލާމްކޮށްފައި އެއާޕޯޓުން ނުކުމެގެން ޝިވާން ހިނގައިގަތީ، މާލެ ދިއުމަށް ކާރަށް އެރުމަށެވެ. އޭރު ހިމަފޮދު ވާރޭގެ ތިކިތައް މާހައުލު ތެތްފިނިކުރަން ފަށައިފިއެވެ. ޝިވާން އޭނާގެ ދަބަސް ހިފައިގެން ގޮސް ކާރަށް އެރީ އުޑުމަތީ ގިނަވަމުންދާ ކަޅުވިލާތަކަށް ބަލަމުންނެވެ.
"ޕައިލެޓް ސާހަބް. މާލެ ދުރުވާއިރު އަޅުގަނޑުމެންވެސް ގެންދަވާ! އެނޫނީ މި ހިމަފޮދުވާރޭ ތޫފާނަކަށް ބަދަލުވެ އޭގައި ޖެހި މިތާނގަ ތާށިވެދާނެ. އޭރުން އަނެއްކާވެސް އަޅުގަނޑުމެން ގެއްލިދާނެ."
ޝިވާން ސިހިފައި އެނބުރިލިއިރު ދާދި ކައިރީގައި ކުޑަކުޑަ އަންހެންކުއްޖަކު އުރާލައިގެން އެހެރީ ދެވަނަ އިންސާނެއްނޫނެވެ. އެއީ ހުވާނާއެވެ. ކުރިއަށްވުރެ މާރީއްޗެވެ. ސަމައްތަރު ހެޔޮވެފައި ބުރުސޫރަ ރީތި މިކުޑަކުއްޖާއަކީ ކާކުބާވައެވެ؟
ކާރުގެ ކުރީ ސީޓުގައި ހަމަޖެހިލަމުން ޑްރައިވިން ސީޓުގައި އިން ޝިވާންގެ އުނގަށް ކުއްޖާ ލައިދެމުން ހުވާނާ ހިނިތުންވެލިއެވެ.
“އަހަރެމެންގެ…ހާޔާ.. މާނައަކީ ވާރޭ..”
ޝިވާން ދަރިފުޅު އުރާލިއެވެ. ވެހެމުން ދިޔަ ހިމަފޮދުވާރޭގެ ތިކިތައް ކާރުގެ ބިއްލޫރިގަނޑު ފުސްކުރަން ފެށިއެވެ. މާލެއާ ދިމާއަށް ދުއްވަން ފެށި ކާރުގެ ދުވެއްޔާއެކު ޝިވާންގެ ކޮނޑުގައި ބޯއަޅާލައިގެން ހުވާނާ ވޭތުވެދިޔަ އެއްއަަހަރުތެރޭ އޭނާ ވީތަނަކާއި އުޅުނު ހާލުގެ ވާހަކަ ކިޔައިދޭން ފެށިއެވެ.
(ނިމުނީ)