ވިޔަފާރި

މެޑިފްލެކްސް ޑެންޓަލް: ރާއްޖޭގެ ފުރަތަމަ ޑެންޓަލް ލެބޯޓަރީއާއެކު ދަތުގެ އެންމެފެންވަރު ރަނގަޅު ފަރުވާ އެންމެއަވަހަށް

ސިއްހީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް ދިވެހީން ދޭ ސަމާލުކަން މި ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހާއްސަ ސަމާލުކަމެއް ކޮންމެ މީހަކުވެސް މިއަދު އެދެނީ އެކަމަށް ވެފައިވާ ހޭލުންތެރިކަންވެސް ބޮޑުވެފައި ވާތީއެވެ. އެގޮތުން ދަތުގެ ފަރުވާ ހޯދައި ދަތްތައް އުފެދުމުގައި ހުންނަ އައިބުތައް ފިލުވުމާއި މި ކަންކަމުގައި ދިމާވާ ސިއްހީ ފަރުވާ ހޯދުމާއި ދަތްތައް ރީތިކޮށް ބެހެއްޓުމަށް ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނަ އިރު ރާއްޖޭގައި މިހައިތަނަށް ޑެންޓަލް ކެއާ އޮތީ އެންމެ އެކަށީގެންވާ ހިސާބުގައެއް ނޫނެވެ.

ނަމަވެސް މެޑިފްލެކްސް އިން މިވަނީ ރާއްޖޭގެ ޑެންޓަލް ކެއާ އެހެން ހަރުފަތަކަށް ގެންދަން ޑިޖިޓަލް ލެބޯޓަރީއެއް ހުޅުވައި ދަތުގެ ފަރުވާ ފޯރުކޮށްދޭން ފަށައިފައެވެ.

މެޑިފްލެކްސް ގެ ޒަމާނީ ޑިޖިޓަލް ލެބޯޓަރީ

މެޑިފްލެކްސް ގެ "ކެޑްކެމް" ޑެންޓަލް ލެބޯޓަރީ އަކީ ރާއްޖޭގެ އެފަދަ ފުރަތަމަ ލެބޯޓަރީއެވެ. މި ލެބޯޓަރީއަކީ މެޑިފްލެކްސް އިން ރާއްޖެއަށް ތައާރަފު ކުރި ލެބެކެވެ. ޒަމާނީ މެޝިނަރީސް ތަކާއި ޒަމާނީ ފަރުވާ ލިބޭ އެ ލެބުގެ ސަބަބުން މެޑިފްލެކްސް ގެ ޑެންޓަލް ކްލިނިކަށް ފަރުވާ ހޯދަންދާ ބަލި މީހުންނަށް ފަސޭހަކަމާއެކު ހިދުމަތްތައް ލިބި ފަރުވާތައް އެތައް ގުނައަކަށް އަވަސްވާނެ ކަމަށް މެޑިފްލެކްސް އިން ބުނެއެވެ.

ރާއްޖޭގެ ޑެންޓަލް ކްލިނިކް ތަކުން އާއްމުކޮށް "ކްރައުން" އަދި "ބްރިޖް" ފަދަ ތަކެތި ހެދުމަށް ދަތުގެ "އިމްޕްރެޝަން" ނެގުމަށްފަހު ފޮނުވަން ޖެހެނީ ބޭރު ގައުމުތަކަށެވެ. އެ ހިދުމަތް ހޯދަން އާއްމުކޮށް މަހަކަށްވުރެ ގިނަ ދުވަސް ބައެއްފަހަރު ހޭދަ ކުރަން ޖެހޭއިރު އެއީ ދަތުގެ ފަރުވާ ހޯދުމުގައި ރާއްޖޭގައި ދިމާވާ އެއްމެ ބޮޑު އެއް ގޮންޖެހުމެވެ. ނަމަވެސް މެޑިފްލެކްސް އިން މިވަނީ އެކަމަށް ހައްލެއް ހޯދައިދީފައެވެ.

މެޑިފްލެކްސްގެ ސީނީއާ ޑެންޓިސްޓް ޑރ. ސިޔާން "ވަން" އަށް ވިދާޅުވިގޮތުގައި އެ ޑެންޓަލް ލެބްގައި ގާއިމްކޮށްފައިވާ "ކެޑްކެމް" ޑިޖިޓަލް ލެބް މެދުވެރިކޮށް ދަތުގެ އިމްޕްރެޝަން ނަގައި ދަތުގެ ތުރީޑީ ސްކޭން ވެސް ހެދޭނެއެވެ. އަދި ޕްރޮސީޖާ ކުރިއަށްގެންދިއުމުގެ ކުރިން އޮގްމެންޓެޑް ރިއެލިޓީ (އޭއާރް) ބޭނުންކޮށް ބަލިމީހާއަށް ޕްރޮސީޖާ ހަދާގޮތް ދައްކުވައިދޭނެ ކަމަށާއި އަދި ދަތްތަކަށް ފިޓުވާ ކްރައުން އާއި ބްރިޖް ފަދަ ތަކެތިވެސް 24 ގަޑިއެއްހާއިރު ތެރޭ ހެދޭނެ ކަމަށް ޑރ. ސިޔާން ވިދާޅުވިއެވެ.

"ރާއްޖެ އަކީ ޓްރެވެލިން އުނދަގޫ ތަނެއް ދޯ! ވާގޮތަކީ ޓްރެވެލް ކޮށްފައި ރާއްޖެތެރެއިން މީހަކު އައިސް މާލޭގައި އެހުންނައިރު ފަރުވާއަށްވުރެ ގިނައިން ހަރަދުކުރަންޖެހެނީ ހުރުމަށް. މެޑިފްލެކްސް ޑެންޓަލް އަސްލު ވުޖޫދަށް އަންނަން ޖެހުނީ މިކަހަލަ ބައިވަރު ޕްރޮބްލަމްސް ތަކެއް ރާއްޖޭގައި ހުރެގެން. މިކަންކަމަށް ބަލައި މެޑިފްލެކްސް ޑެންޓަލް އިން މިކުރާ ކަމަކީ ހުރިހާ ހިދުމަތެއް އަވަހަށް ލިބޭނެ ގޮތް ހަދައިދެނީ" ޑރ. ސިޔާން ވިދާޅުވިއެވެ.

މީގެ އިތުރުން މެޑިފްލެކްސްއިން މޫނުމަތީގެ ހާއްސަ ސްކޭނެއް ކަމަށްވާ "ސީބީސީޓީ" ސްކޭންގެ ހިދުމަތާއި ދަތުގެ ތައްގަނޑު ނެގުމުގެ ބަދަލުގައި ޑިޖިޓަލް އިންޕްރެޝަން ޕްރައިމް ސްކޭން އިމޭޖް ކޮންސްޓްރަކްޝަންއާއި އެކު ކްރައުން، ބްރިޖް އަދި "ޑެންޗާ" ފަދަ ތަކެތި ހަދައިދެއެވެ. އިތުރު ހިދުމަތްތަކުގެ ތެރޭގައި މެކްޒިލޯ ފޭޝަލް ސާޖަރީ، އޯތޮޑޮންޓިސްޓިކް އަދި އެންޑޯޑޮންޓިކްސްގެ ހިދުމަތްތައްވެސް ތައާރަފު ކޮށްފައިވާ ކަމަށް ޑރ. ސިޔާން ވިދާޅުވިއެވެ.

މެޑިފްލެކްސް ޑެންޓަލް ކްލިނިކް: ދަތުގެ ހުރިހާ ފަރުވާއެއް އެއްތަނަކުން

މެޑިފްލެކްސް ޑެންޓަލް ކްލިނިކަކީ ޒަމާނީ ފެންވަރުގެ ފަރުވާ ލިބޭ ކްލިނިކެކެވެ. މިކްލިނިކަކީ އެންމެ ޒަމާނީ ފެންވަރުގެ ޑިޖިޓަލް ލެބަކާއި އޮޕަރޭޝަން ތިއޭޓަރެއްވެސް ގާއިމުކޮށް ރާއްޖޭގެގައި މިފަދަ ހިދުމަތެއް ފޯރުކޮށްދޭ ފުރަތަމަ ޑެންޓަލް ކްލިނިކް ކަމުގައި ފާހަގަކުރެއެވެ.

ޑރ. ސިޔާން ވިދާޅުވިގޮތުގައި އެ ތިއޭޓަރުން ހޭނައްތައިގެންނާއި ސެޑޭޓް ކޮށްގެން ދަތުގެ ހުރިހާ ފަރުވާއެއް ލިބޭނެއެވެ. އަދި އަނގަމަތީގެ ތަފާތު އޮޕަރޭޝަންތަކާއި ސިސްޓް ނެގުން ފަދަ އެތައް ހިދުމަތްތަކެއް ފޯރުކޮށްދެއެވެ. އެއީ މިހާތަނަށް އާއްމުކޮށް ރާއްޖެއިން ބޭރުން ހޯދަންޖެހިފައި ހުރި ހިދުމަތްތަކެކެވެ. މިހިދުމަތްތައް މިކްލިނިކްގައި ފޯރުކޮށްދެއްވަނީ ކަމުގެ ތަޖުރިބާ އާއި ހުނަރު ލިބިފައިވާ، ދިވެހިރާއްޖޭގެ ފުރަތަމަ މެކްޒިލޯ ފޭޝަލް ސާޖަން ޑރ. ފަތުހުﷲ ސަޢީދު އެވެ.

ޑރ. ސިޔާން ވިދާޅުވި ގޮތުގައި އަނގަޔަކީ ހަށިގަނޑަށް ޖަރާސީމު އެންމެ ބޮޑަށް ވައްދާ އެއް ޒަރީއާއަށް ވާއިރު މެޑިފްލެކްސް ޑެންޓަލް ކްލިނިކުން އެންމެ އިސްކަންދޭ އެއްކަމަކީ ހައިޖީން އެވެ. އެއީ ފަރުވާ ހޯދަން އަންނަ މީހުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.

އެ ކްލިނިކުގައި ދަތުގެ ފަރުވާ ދިނުމުގައި ބޭނުން ކުރާ ހުރިހާ ސާމާނަކީ ސްޓެރިލައިޒް ކޮށްފައިވާ ސާމާނެވެ. ޑރ. ސިޔާން ވިދާޅުވި ގޮތުގައި ކްލިނިކުގެ ހުރިހާ އިކުއިޕްމަންޓެއް ހުންނަނީ ސްޓެރިލައިޒްކޮށް ހާއްސަ ޕައުޗްތަކުގައި ބަންދުކޮށްފައެވެ. އަދި މި ޕައުޗްތަކުން އެ ސާމާނެއް ނަގާނީވެސް ބަލިމީހާއަށް ފަރުވާ ދޭ ވަގުތު ބަލިމީހާގެ ކުރިމަތީގައެވެ.

ޑރ. ސިޔާން ގަބޫލު ކުރައްވާ ގޮތުގައި ދަތުގެ ފަރުވާއަކީ އަސްލު އަގު ބޮޑު ފަރުވާ ތަކެއް ނޫނެވެ. އަދި ރާއްޖޭގެ ޑެންޓަލް ކެއާ އަގުބޮޑު ވަނީ ފަރުވާ ލަސްކުރުމުން ކަމަށް ޑރ. ސިޔާން ވިދާޅުވެއެވެ. މެޑިފްލެކްސްއިން ރެގިއުލާ ޑެންޓަލް ޗެކްއަޕް ހަދައިދިނުމާއި ބަލިތައް އަވަހަށް ދެނަގަނެ ބަލީގެ ކުރީ ސްޓޭޖްތަކުގައި ފަރުވާ ދެވެން ފެށުމަކީ އެކަމަށް ކުރަން ޖެހޭ ހަރަދުވެސް ބޮޑުތަނުން ކުޑަވާނެ ކަމެކެވެ.

މެޑިފްލެކްސް އިން އަންނަނީ ރާއްޖޭގައި ދެވޭ ދަތުގެ ފަރުވާގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޑެންޓަލް ކެއަރގެ އިތުރުފަރުވާތައް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ޑެންޗާ (މުޅި ދަތްޕިލަ) 24 ގަޑިއިރު ތެރޭގައި ޖަހައިދެވޭނެ ކަމަށާއި މިހިދުމަތް ވަރަށް އަވަހަށް ތައާރަފު ކުރައްވާނެ ކަމަށް ޑރ. ސިޔާން ވިދާޅުވެއެވެ.

މެޑިފްލެކްސް އަކީ ރާއްޖެއަށް ސިއްހީ ގިނަ ސާމާނު އެތެރެ ކުރާ މެޑްޓެކް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުންޏެކެވެ. މެޑިފްލެކްސްގެ ޑެންޓަލް ކްލިނިކުން ޑެންޓަލް ދާއިރާގެ ހުރިހާ ހިދުމަތެއް ލިބެން ހުންނައިރު މިއީ ރާއްޖެއަށް މުޅިން އާ ހިދުމަތްތަކެކެވެ. އަދި މެޑިފްލެކްސްގެ މަގްސަދަކީ ދަތުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުން ހުއްޓުވައިލުމުވެ. އަދި އަތްފޯރާފަށަށް ރާއްޖޭގެ ދަތުގެ ފަރުވާ ގެނެސްދިނުމެވެ.