ޚަބަރު

ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އަޅަން ހުޅުވާލައިފި

1

ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅަން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ, ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ މަތިން ކަމަށްވެސް ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ, ބީލަމުގައި ބައިވެރުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށެވެ. އެ ފައިސާ އަންނަ މޭ މަހުގެ 19 ވަނަ ދުވަހުގެ ކުރިން ބަލައިގަންނާނެއެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން, ބިޑް ސެކިޔުރިޓީގެ ގޮތުގައި 150،000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. މަޝްރޫއުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މެއި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11 ޖަހާއިރު ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި ކަމަށް އިއުލާނުގައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހު ބޭއްވި ކޮމަންޑޫ ބައި-އިލެކްޝަނާ ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮމަންޑޫގައި ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުގެ ހައުސިން ޕްލޭންގައި ހިމަނާފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައިވެސް ކޮމަންޑޫގައި ހައުސިން ޔުނިޓްތަކެއް އަޅަން އިއުލާންކުރިއެވެ. އެފަހަރު އިއުލާންކުރީ 50 ހައުސިން ޔުނިޓް އެޅުމަށެވެ. ނަމަވެސް ފަހުން އެ އިއުލާންވަނީ ބާތިލުކޮށްފައެވެ.