ޖުމުލަ 26 ޓީމަކުން ވާދަކުރާ ލ. ގަމު ކައުންސިލުގެ ތުނޑީ ރަމަޟާން ކަޕުގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާއާއި މަތިމަރަދޫ ޔޫތުން ހޯދައިފިއެވެ.
ގަމު ތުނޑީ އަވަށު ޒުވާނުންގެ އިސްނެގުމަށް ތުނޑީ ފުޓްސަލް ދަނޑުގައި ރާވައި ހިންގަމުން އަންނަ ރަމަޟާން ކަޕަކީ މީގެ ކުރިންވެސް އެރަށުގައި ފޯރިއާއެކު ބާއްވާފައިވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތް ކުރިއަށްދަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހުއެވެ. މުބާރާތުގައި 26 ޓީމު ބައިވެރިވެފައިވުމުން މިއަހަރުގެ މުބާރާތް ކުޅެފައިވަނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތުގެ ނޮކްއައުޓް ބުރުގެ އެންމެ ފޯރިގަދަ ހިސާބަށް މެޗުތައް ގޮސްފައިވާ އިރު، ރޭ ކުޅެފައި ވަނީ ކުއާޓާ ފައިނަލްގެ ފަހު ދެމެޗެވެ. ރޭގެ ފުރަތަމަ މެޗުގައި ސެންޓްރަލް އޭރިއާ އިން 7-6 އިން ޑެޓްރޮއިޓްސް ޖޫނިއާސް ބަލިކުރި އިރު، ދެވަނަ މެޗުގައި މަތިމަރަދޫ ޔޫތުން ވަނީ 14-06 އިން ސުބަރު އެސްސީގެ މައްޗަށް ކުރި ހޯދާފައެވެ.
މުބާރާތުގެ ސެމީ ފައިނަލް ހުރިހާ ޖާގައެއް މިހާރު ޔަގީންވެފައިވާ އިރު، ސެންޓްރަލް އޭރިއާއާއި މަތަމަރަދޫ ޔޫތުގެ އިތުރުން ދެން ސެމީއަށް ދަތުރު ކޮށްފައިވާ ޓީމުތަކަކީ ބީން އެންކަރޭޖިން ސޮސައިޓީ ފޯ ތުނޑި (ބެސްޓް)އާއި ގޯޅި ސްޕޯޓްސް ކްލަބެވެ.
ރޭ ކުޅުނު ފުރަތަމަ މެޗުގައި ސެންޓްރަލް އޭރިއާ ޓީމުގެ ގޯލުތައް ޖަހައިދިނީ މުހައްމަދު އަސްފާނާއި އަހުމަދު އާރިފް (ކުޑޫ)ގެ އިތުރުން އިބްރާހީމް ނަބީލެވެ. މެޗުގައި ނަބީލް ދެ ގޯލު ޖެހި އިރު، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޑޫ ވަނީ ހެޓްރިކް ހަދާފައެވެ. އަނެއްކޮޅުން ޑެޓްރޮއިޓްސްގެ ގޯލުތައް ޖަހައިދިނީ ހުސައިން ޝިހާމާއި ހުސައިން ސަމީހް، ހަސަން ޒައިދުގެ އިތުރުން ހަސަން ޝިހުބާން އަދި އިބްރާހީމް ހަނީފެވެ. ޝިހުބާން ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ކުއާޓާ ފައިނަލް ފަހު މެޗުގައި މަތިމަރަދޫ ޔޫތުން 14 ގޯލު ޖެހި އިރު، އޭގެ ތެރެއިން ފަސް ގޯލު ޖަހައިދިނީ އަލީ އަކުރަމެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އަކުރަމެވެ. އޭގެ އިތުރުން އެޓީމުގެ ސަހީމް އަބްދުލް ގާދިރު ހަތަރު ގޯލު، އަހުމަދު މުޖުތަމާގެ ހެޓްރިކެއްގެ އިތުރުން މުހައްމަދު ތޯރިގުގެ ދެ ގޯލު މެޗުގައި ފެނިގެން ގޮސްފައިވެއެވެ. ސުބަރުގެ ގޯލުތައް ޖެހީ މުނާޒް މުހައްމަދާއި އިބްރާހީމް އާރިޝް، އަނޫފްގެ އިތުރުން މުހައްމަދު އިނާޝެވެ.
އިނާޝް މެޗުގައި ދެ ގޯލު ޖެހި އިރު، މަތަމަރަދޫ ޔޫތުގެ އާދަމް ފިރުޝާން އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.
ސެމީ ފައިނަލްގެ މެޗުތައް އޮންނާނީ މާދަމާ ރޭގައެވެ. މާދަމާ ރޭ 9:30 ގައި އޮންނަ ސެމީ ފައިނަލް މެޗުގައި ބެސްޓުން ސެންޓްރަލް އޭރިއާއާ ދެކޮޅަށް ނުކުންނަ އިރު، އެ ރޭ 10:30 ގައި އޮންނަ މެޗުގައި ގޯޅި އެސްސީން ނުކުންނާނީ މަތިމަރަދޫ ޔޫތާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލް ތާވަލު ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރެއަށެވެ.
ތުނޑީ ރަމަޟާން ކަޕްގެ މެއިން ސްޕޮންސަރަކީ ގަމު ކައުންސިލެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިން އެވެ.