ސީޒަނެއްގެ މެދު ކެނޑުމަކަށްފަހު އަނެއްކާވެސް ފުލްހަމްއިން އިނގިރޭސި ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވެއްޖެއެވެ.
ފުލްހަމް ޕްރިމިއާ ލީގަށް ކޮލިފައިވިކަން ޔަގީންވީ ރޭ ޗެމްޕިއަންޝިޕްގައި ކުޅުނު މެޗުގައި 3-0 އިން ޕްރިސްޓަން ބަލިކުރުމުންނެވެ. ރޭގެ މެޗުގައި ފުލްހަމްގެ ގޯލުތައް ޖަހައިދިނީ އެލެކްސެންޑްރާ މިޓްރޮވިޗާއި ފަބިއޯ ކާވާލިއޯއެވެ. ރޭގެ މެޗުގައި ޖެހި ދެ ގޯލާއެކު މިޓްރޮވިޗް ވަނީ މިފަހަރުގެ ލީގުގައި 40 ގޯލު ހަމަކޮށްފައެވެ. އެއީ ޗެމްޕިއަންޝިޕް ރެކޯޑެކެވެ.
މިޓްރޮވިޗް މި ސީޒަންގައި 40 މެޗު ކުޅެ، 40 ގޯލު ހަމަކޮށްފައިވާ އިރު، އޭނާ ވަނީ މިދިޔަ ސީޒަންގައި 31 ގޯލު ޗެމްޕިއަންޝިޕްގައި ޖަހައިގެން ބްރެންޓްފޯޑުގެ އިވާން ޓޮނޭ ހެދި ރެކޯޑު މުގުރާލައިފައެވެ.
ސީޒަނަކަށްފަހު ފުލްހަމް ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ޔަގީން ކޮށްފައިވާ އިރު، އެޓީމަށް ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމަށްވެސް ބޮޑު ފުރުސަތެއް އެބައޮތެވެ. އަންނަ ހަފުތާގައި ފުލްހަމްއިން ލީގުގެ ދެވަނައިގައި އޮތް ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ލީގު ތަށިވެސް ޔަގީންވާނެއެވެ.
ފުލްހަމްގެ ކޮލިފިކޭޝަނާއި ގުޅިގެން ކޯޗު މާކޯ ސިލްވާ ބުނެފައި ވަނީ "ފުލްހަމްއަށް ޕްރިމިއާ ލީގު ހައްގު ކަމަށެވެ." ސިލްވާ ބުނީ ސަޕޯޓަރުންގެ ހިތްހަމަ ޖެހުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، ކޮލިފިކޭޝަން ޔަގީންވީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށެވެ. ސިލްވާ އިތުރަށް ފާހަގަކުރީ ޕްރިމިއާ ލީގަކީ ވަރުގަދަ ޗެލެންޖަކަށްވާނެ ކަމަށާއި، ދެން އޮތީ އެ ޗެލެންޖަށް ތައްޔާރުވުން ކަމަށެވެ.
އިނގިރޭސި ދެވަނަ ޑިވިޝަނުން ޕްރިމިއާ ލީގަށް ތިން ޓީމު ކޮލިފައިވާ އިރު، އޭގެ ތެރެއިން ފުރަތަމަ ދެޓީމަކީ ލީގުގެ އެއްވަނަ އަދި ދެވަނަ ޓީމެވެ. ލީގަށް ޕްރޮމޯޓްވާ ތިންވަނަ ޓީމަކީ ތިންވަނައާއި ހަތަރުވަނަ، އަދި ފަސްވަނައިގެ އިތުރުން ހަވަނައަށް ދާ ޓީމުތަކުގެ މެދުގައި ކުޅެވޭ ނޮކްއައުޓް ކޮލިފިކޭޝަން މެޗުތަކުން ހޮވާ ޓީމެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު