ޚަބަރު

ހައްޖާއި އުމްރާވުމުގެ ފުރުސަތު ސްޓެލްކޯގެ 4 މުވައްޒަފަކަށް ދީފި

ރިފާ ހަލީލު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މުވައްޒަފުންނަށް ދެމުން އަންނަ ހައްޖާއި އުމްރާގެ އަޅުކަމުގެ ފުރުސަތު އެކުންފުނީގެ ހަތަރު މުވައްޒަފުންނަށް ލިބިއްޖެ އެވެ.

އުމްރާގެ އަޅުކަމަށް ކުރިމަތިލީ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވެ، މިއަހަރު ފުރުސަތު ދިނީ ދެ މުވައްޒަފަކަށެވެ. އަދި ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބުނީވެސް ދެ މުވައްޒަފަކަށެވެ. އެގޮތުން އުމްރާގެ އަޅުކަމަށް ފުރުސަތު ލިބުނީ އެކުންފުނީގައި ފަސް އަހަަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން ކ. ވިލިނގިލި އަވަށު އިންޖީނުގޭގެ މުވައްޒަފެއް ކަމަށްވާ އަބްދުﷲ ޝަފީގާއި ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ސަމީރާ ހުސައިން އަށެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ޝަރުތު ހަމަވަނީ އެކުންފުނީގައި 15 އަހަރު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނެވެ. އެގޮތުން މިއަހަރު އެ ފުރުސަތު ލިބުނީ ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް މެއިންޓަނެންސް ޑިޕާޓްމަންޓްގެ މުހައްމަދު އަބޫބަކުރު އަދި ކަސްޓަމަރސަވިސަސް އެންޑް ބިލިން ޑިޕާޓްމަންޓްގެ ނަޒްނާ އަހުމަދު އަށެވެ.

މި މުވައްޒަފުންނަށް ލިޔުން ހަވާލު ކުރީ ރަމަޟާން މަސް އިހްޔާ ކުރުމަށާއި، އެ ކުންފުނީގެ ފަރާތުން މުވައްޒަފުންނަށް ރޭ ބޭއްވި ތަރާވީހުގަ އެވެ. މި ތަރާވީހުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ތަރާވީހުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ރަމަޟާން މަސް އިހްޔާ ކުރުމަށް ސްޓެލްކޯގައި އުފެދިފައި އޮތް ސަގާފަތް އަލުން ފެށީ ކަމަށާއި، އެ ކުންފުނިން ދެމުންގެންދިޔަ ހައްޖު އަދި އުމްރާގެ ފުރުސަތުތައް ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު އަލުން ދޭން ފެށުނުކަމީ ނުހަނު އުފާކުރައްވާ ކަމެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ރަމަޟާން މަހަކީ ބަރަކާތުން ފުރިގެންވާ މައްސަރަކަށްވުމުން، އެ މަހުގެ ބަރަކާތްތެރިކަން ހާސިލު ކުރެވޭތޯ ހުރިހާ މުވައްޒަފުންވެސް ގަދައަޅައި މަސައްކަތް ކުރަންވާނެ ކަމަށެވެ. އަދި ވީހާވެސް ގިނައިން ގުރުއާން ކިޔެވުމަށާއި، ޒިކުރުކުރުމަށާއި، އަޅުކަން ކުރުމުގައި ދެމި ތިބުމަށް އިލްތިމާސްކުރައްވައި، ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަށް އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ އިނާޔަތްތަކާއި، ކޮށްދެއްވަމުންގެންދަވާ ކަންކަމުގެ ބަދަލުގައި ހަމައެކަނި ބޭނުން ވަނީ ހެޔޮހިތުން، ހިނިތުންވުމާއެކު، ރައްޔިތުން އެދޭފަދަ ރަނގަޅު ހިދުމަތްތަކެއް އިހްލާސްތެރިކަމާއެކު، އެ ރައްޔިތުންނަށް ދެމުން ގެންދިއުން ކަމަށެވެ. އަދި ރައްޔިތުން އެ ކުންފުނީގެ ހިދުމަތް ބަލައިގަންނަ ކަމުގެ އިހްސާސް ކުރެވުން އެއީ ކުންފުނީގެ މަގްސަދު ހާސިލްވުން ކަމަށް ވެސް ވިދާޅުވި އެވެ.