އިންގްލެންޑްގެ ލެޖެންޑް ވޭން ރޫނީ ކޯޗުކަން ކޮށްދެމުން ދިޔަ ޑާބީ ކައުންޓީ އިނގިރޭސި ތިންވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެއެވެ.

ސީޒަންގައި އެޓީމަށް ބާކީ ތިން މެޗު އޮއްވާ ޑާބީ ރެލިގޭޓް ވީ ރޭ ކުޅުނު މެޗުގައި ކިއުޕީއާރް އަތުން 1-0 އިން ބަލިވުމުންނެވެ. މެޗުގައި ކިއުޕީއާރްގެ ހަމައެކަނި ގޯލު ޖެހީ ލޫކް އާމޯސްއެވެ. އެއީ މެޗުގެ 88 ވަނަ މިނެޓުގައެވެ.

މިރޭގެ ނަތީޖާއާއެކު ޑާބީ ތިންވަނަ ޑިވިޝަނަށް ވެއްޓިފައިވާ އިރު، އެއީ 1986 ވަނަ އަހަރަށްފަހު އެޓީމުން އިނގިރޭސި ދެވަނަ ޑިވިޝަނަށްވުރެ ދަށު ލީގެއްގައި ކުޅެން ޖެހޭނެ ފުރަތަމަ ފަހަރެވެ. މިފަހަރުގެ ކެމްޕޭނަށް އުނދަގޫ ހާލަތެއްގައި ނުކުތް ޑާބީއަށް ހިތްވަރު ދެމުން އެންމެފަހުން ތިން މެޗާ ހަމައަށްވެސް ރެލިގޭޓް ވިޔަ ނުދީ ގެންދަނީ ރޫނީއެވެ. ސީޒަން މެދުތެރެއިން ކްލަބު "އެޑްމިނިސްޓްރޭޝަނަށް" ދިޔުމުން އިނގިރޭސި އެފްއޭއިން އެ ކްލަބަށް ވަރަށް ބޮޑެތި ފިޔަވަޅުތަކެއްވެސް އެޅިއެވެ.

އެގޮތުން ސީޒަން މެދުތެރެއިން ޑާބީގެ 21 ޕޮއިންޓް ކަނޑާލުމުން ކްލަބު އެ ވަގުތުން ފެށިގެން ރެލިގޭޝަނަށް ވެއްޓުނެވެ. ހާލަތު އެހާ ގޯސްވެ، ބައެއް ކުޅުންތެރިން ފޮނުވާލަން ޖެހުނު ނަމަވެސް ރޫނީ ވަނީ ޒުވާން ކުޅުންތެރިންނާއި ލޯން އަދި ހިލޭ ގެނައި ކުޅުންތެރިންނާއެކު މުހިއްމު ނަތީޖާތަކެއް ޑާބީއާއެކު ނެރެފައެވެ.

ޑާބީގެ ހާލަތުގެ ތެރެއިން ސަލާމަތްވުމަށް ރޫނީއަށް ސީޒަންގެ މެދުތެރެއިން ވަނީ ހުށަހެޅުމެއްވެސް ލިބިފައެވެ. އެގޮތުން އެވަޓަންގެ ކޯޗު ކަމަށް ރޫނީ ގެންދަން އެ ކްލަބުން މަސައްކަތް ކުރުމުންވެސް ރޫނީ ވަނީ އެ އިންޓަވިއު ދޫކޮށްލައިފައެވެ. އެއީ ޑާބީގެ ހާލަތު އޮތް ގޮތުން އެ ކްލަބު ދޫކޮށްލައިފައި ނުދިޔުމަށެވެ.

ރެލިގޭޓްވުމާއެކު މިރޭ ނޫސްވެރިންނަށް ރޫނީ ބުނީ އޭނާ ހުރީ "ފަހުރުވެރިވެފައި،" ކަމަށެވެ.

"މިހުރީ ވަރަށް ބޮޑަށް ފަހުރުވެރިވެފައި. މި ޓީމުގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތާމެދު ވަރަށް ބޮޑަށް އުފާކުރަން. މިއީ އާދަޔާހިލާފު ރޫހެއް ދެއްކި ޓީމެއް. ޑާބީގެ ސަޕޯޓަރުން މި ޓީމަށް ފަހުރުވެރިވާން ޖެހޭނެ. މި ކްލަބަށް އެނބުރި އާދެވޭނެ މަގު ފަހިވާނެ ކަމަށް އުންމީދުކުރަން،" ރޫނީ ބުންޏެވެ.

ޑާބީ ވިއްކާލުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. ކްލަބާ އަލަށް ހަވާލުވާ ފަރާތަށް އޮތީ ބޮޑު މަސްއޫލިއްޔަތެކެވެ. އެއީ ކްލަބުގައި އޮތް ދަރަނިތައް އަދާކޮށް، އަލުން ޓީމެއް އެކުލަވާލުމުގެ މަސްއޫލިއްޔަތެވެ. ޑާބީއަށް ހިތްވަރެއް ލިބެން އޮތީ އަލަށް ހަވާލުވާ ވެރިންނާއެކުގައެވެ.