ހުރަވީ ދުވަހާއި ހުރަވީ ބިލްޑިންގާއި ހުރަވީ ސްކޫލާއި ހުރަވީ ހައުސްއާއި ހުރަވީ މަނަވަރާއި ހުރަވީ ޚާންދާނާއި މިހެންގޮސް ހުރަވީއާ ގުޅުވައިގެން ނަން ކިޔޭ ވަރަށް ގިނަ ތަންތަނާއި ތަކެއްޗާއި ކަންކަމާއި ދުވަސްތައް ދިވެހީންގެ ތެރޭގައި އެބަހުއްޓެވެ. ބައެއް މީހުން ހީކުރެއެވެ. މިކިޔާ ހުރަވިއްޔަތަކީ ދިވެހި ގައުމިއްޔަތުގެ އެއްބައެވެ. އެޔާއި ނުލައި ދިވެހި ގައުމިއްޔަތު ފުރިހަމައެއްވެސް ނުވާނެއެވެ. އެހެން ބުނާ މީހުން މި ހުރަވިއްޔަތާއި ގުޅުވަނީ ދިވެހި މިނިވަންކަމާއި ސިޔާދަތުގެ އެއް ބަތަލު ދޮންބަންޑާރައިންނާއެވެ. ހުރަވިއްޔަތުގެ ފެށުން ގުޅުވަނީ ދޮންބަންޑާރައިންނާއެވެ. ހަގީގަތުގައި މިއީ ވަރަށް ބޮޑު އޮޅުވައިލުމެކެވެ. މިއީ ހުރާގޭ މުހައްމަދު މަނިކުފާނު މީގެ 248 އަހަރު ކުރިން ކޮށްފައިވާ ހަރާން ބަޣާވާތެއް ގިރިޓީ ކުރުމުގެ ގޮތުން ދޮން ބަންޑާރައިންގެ ނަންފުޅާއި ގުޅުވާ ގުޅުވުމެކެވެ.

އެކިޔާ ހުރަވިއްޔަތާއި ދޮން ބަންޑާރައިން ގުޅުވާއިރު ހުރަވީންގެ ނަމުގައި ދޮންބަންޑާރައިން ރަސްކަމެއް ނުކުރައްވައެވެ. ދޮންބަންޑާރައިންގެ މުޅި އާއިލާޔަކީ ދިޔަމިގިލީ ރަސްކަމުގެ ޚާދިމުންނެވެ. ހޮޅީން ދިވެހިރާއްޖެ ހިފައި ރާއްޖޭގެ ތަޚުތުގައި އިންނެވި ދިޔަމިގިލީ ޚާންދާނުގެ މުކައްރަމް މުހައްމަދު އިމާދުއްދީނު ރަހީނުކޮށްގެން ގެންދިޔައީމާ ދޮންބަންޑާރައިން ކުރެއްވި ޖިހާދެއް ކުރެެއްވީ ދިވެހިރާއްޖެ މިނިވަން ކުރެެއްވުމަށާއި ދިޔަމިގިލީ ޚާންދާނުގެ ރަސްކަން އަލުން އިއާދަ ކުރެއްވުމަށެވެ. ތެދެކެވެ. ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމުގެ ތެރެއިންް އައްސުލްތާނުލް ޣާޒީ ހަސަން އިއްޒުއްދީން ސިރީ ކުލަރަންމީ ބަކައްތިރި ބަވަނަ މަހާރަދުންގެ ނަންފުޅުގައި 7 ޑިސެންބަރު 1759އިން 1 ފެބުރުވަރީ 1767އަށް ދޮންބަންޑާރައިން ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވިއެވެ. އެކަމަކު އެއީ ދިޔަމިގިލީ ޚާންދާނުގެ ނަންމަތީގައި ކުރެވުނު ރަސްކަމެކެވެ.

ހޮޅީން ނުވަތަ މަލާބާރީންގެ ފަރާތުން ރާއްޖޭގެ ވެރިކަމަށް އަރައިހުރީ މަލިކު މީހެކެވެ. މުހައްމަދު ބަންޑޯރު މަނިކަކީ، ކަނައްކަފޫޅަކީ އަދި އަލީރާޖާގެ ގަވަރުނަރަކީވެސް މީނާއެވެ. މުލީގޭ ދޮން ހަސަން މަނިކުފާނު ނުކުންނަވައި މީނާ ގަތުލުކުރައްވައި ދިވެހި ގައުމު މިނިވަންކުރެއްވީއެވެ. އެކަން ކުރެއްވި ދުވަހަށްވެސް މިކިޔަނީ ހުރަވީ ދުވަހެވެ. ހުރަވީ ދުވަހޭ ކިޔުމަކީ އޮޅުވައިލުމެކެވެ. ދޮން ހަސަން މަނިކުފާނަކަށް ހުރާގޭ ހަސަން މަނިކުފާނެކޭ ނުކިޔައެވެ. އެއީ މުލީގޭ ދޮން ހަސަން މަނިކުފާނެވެ. ރާއްޖެ މިނިވަން ކުރެއްވުމަށްފަހު ދޮންބަންޑާރައިން ވެރިކަން ކުރެއްވީ ދިޔަމިގިލީ ޚާންދާނުގެ ރިޖެންޓެއްގެ ގޮތުގައެވެ. ރަސްކަމަށް އިސްވެވަޑައިގަތީ މަލިކުގައި މުކައްރަމް މުހައްމަދު އިމާދުއްދީން އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމުންނެވެ.

ދޮންބަންޑާރައިން ކުރެއްވި ރަސްކަމަކީ ހުރަވީ ރަސްކަމެއް ނޫންކަމާއި އެއީ ދިޔަމިގިލީ ރަސްކަމުގެ ދެ ދައުރެއް ގުޅުވައިލުމުގެ ރަސްކަމެއްކަން ސާބިތުވާ އެހެން ދެކަމެއްވެސް އެބައޮތެވެ. އެ ދެކަމަކީ އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައިގެން ކުރެއްވި ދެ ވަސިއްޔަތެވެ. އެއް ވަސިއްޔަތަކީ ދޮންބަންޑާރައިން އަވަހާރަވުމަށްފަހު ރަސްކަމަށް ދިޔަމިގިލީ އިބްރާހިމް ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ޣިޔާސުއްދީނު އިސްކުޅައުމަށް ކުރެއްވި ވަސިއްޔަތެވެ. އަމިއްލަފުޅު ޚާންދާނީ ރަސްކަމެއް ދަމަހައްޓަވަން ދޮންބަންޑާރައިން ބޭނުންފުޅުވިނަމަ އަމިއްލަފުޅު ބޭފުޅުން ތިއްބެވިއެވެ. މުހައްމަދު މުއިއްޒުއްދީނާއި ހަސަން ނޫރައްދީނެވެ. އެބޭފުޅުންނާއިމެދު ދޮންބަންޑާރައިން ވިދާޅުވީ ތިމަންނާގެ ދަރީން މާތްރަސްކަލާނގެއާއި ވަކީލެވެ. ދިވެހި ރަސްކަން ޣިޔާސުއްދީނާއި ވަކީލެވެ.

ދޮންބަންޑާރައިންގެ ދެވަނަ ވަސިއްޔަތަކީ އަވަހާރަވެގެން ފަސްދާނުލާންވީތަނަކާއިމެދު ކުރެއްވި ވަސިއްޔަތެވެ. ވިދާޅުވީ މާލޭ ހުކުރުމިސްކިތުގެ ހަރިންމަތެރޭގައި އެހެރަ ދިޔަމިގިލީ ޚާންދާނުގެ އިބްރާހިމް ރަސްގެފާނުގެ ޒިޔާރަތުގެ ތެރޭގައި ފަސްދާނުލުމަށެވެ. ހުކުރުމިސްކިތުގެ ހަރިންމަ ތެރޭގައި އެދުވަސްވަރު ޖާގަ ނެތީއެއް ނޫނެވެ. ދޮންބަންޑާރައިންނަށްޓަކައި ހުރަވީ ބޮޑު ޒިޔާރަތެއް ހަދައި ހުރަވީންގެ ހައިބަތު ދައްކާނޭ ބިން ނެތީއެއް ނޫނެވެ. އެކަމަކު ދޮންބަންޑާރައިން އެގޮތް ބޭނުންފުޅެއް ނުވީއެވެ. ބޭނުންފުޅުވީ ދިޔަމިގިލީ އިބްރާހިމް ރަސްގެފާނުގެ މަގްބަރާޔާއި ޖެހިގެން އެޒިޔާރަތުގެ ތެރޭގައި އޮންނެވުމަށެވެ. ހުރަވިއްޔަތު ދެއްކެވުމުގެ ވިސްނުންފުޅެއް ނެތެވެ. ވިސްނުންފުޅަކީ ދިޔަމިގިލީ ޚާންދާނަށް ވަފާތެރި އިޚުލާސްތެރިއެއްގެ ގޮތުގައި ތާރީޚުން ޖާގަ ހޯއްދެވުމެވެ.

މިކަންކަން މިހެންހުއްޓައި މާފަހަކުން ހުރަވިއްޔަތެއް ދިރިގެން އައިސް ދޮންބަންޑާރައިންނާ ގުޅުވާން ފެށުނު ގޮތަކީ ކޮބައި ބާވައެވެ. ދޮން ބަންޑާރައިންނަކީ މާލެ އަތޮޅު ހުރާ އަލްވަޒީރު ހުސައިން ދަހަރާތަކުރުފާނުގެ ފުތް އަލްވަޒީރު މުހައްމަދު ފާމުލަދޭރި މަނިކުފާނުގެ ދަރިކަލުންނެވެ. ދޮންހަސަން މަނިކުފާނުގެ މައިކަނބަލަކީ މުލަކަތޮޅު މުލީ މުހައްމަދު ޚަތީބު ތަކުރުފާނުގެ ދި އައިމިނާފާނެވެ. މުލީގޭ ދޮން ހަސަން މަނިކުފާނޭ ކިޔަނީ މައިކަނބަލުންގެ އާއިލާއަށް ނިސްބަތްކޮށްފައެވެ. ކޮންމެއަކަސް ދޮންބަންޑާރައިން އަވަހާރަވެ އެރަދުންގެ ވަސިއްޔަތާ އެއްގޮތަށް ދިޔަމިގިލީ ޚާންދާނުގެ މުހައްމަދު ޣިޔާސުއްދީނު ރަސްކަން ކުރައްވަމުން ގެންދަވަނިކޮށް ދޮން ބަންޑާރައިންނަށް ބޮޑުބޭބެ ކިޔާ މީހަކު ބަޣާވާތްކޮށް ޣިޔާސުއްދީނު ކަނޑުފައްތައި ޝަހީދުކޮށް 1774ގައި ރަސްކަން ފޭރިގެންފިއެވެ.

މިމީހަކީ ހުރާގޭ މުހައްމަދު މަނިކުފާނެވެ. މި މުހައްމަދު މަނިކުފާނަކީ ދޮން ބަންޑާރައިންނާ އެއްބަފައި ހުސައިން މަނިކުފާނުގެ ދަރިއެކެވެ. މީނާ މިސަކަރާތެއް ޖެހީމާ އެއީ ހުރަވީންގެ ރަސްކަން އަލުން އިއާދަކުރުމެއް ކަމަށް ބަލައިގެން ދޮން ބަންޑާރައިންނާއި މީނާ ގުޅުވައިލައި މީނާގެ ބަޣާވާތް ސައްހަކޮށް މީނާޔަށް ވެސް ދޮން ބަންޑާރައިންގެ މާތްކަމާއި ޝަރަފުވެރިކަމުން ބަޔެއް އަޅަން ބޭނުންވެއްޖެއެވެ. އެކަން ކުރެވެންއޮތީ ދޮން ބަންޑާރައިންވެސް ހުރަވީ ބުރެކެޓްގެ ތެރެއަށް ލައިގެން ކަމަށް ފެނިގެން އެހިސާބުން ހުރަވިއްޔަތު އުފަންކުރީއެވެ. މީނާއަށްފަހު ރަސްކަމަށް އިސްވީ ދޮން ބަންޑާރައިންގެ ދޮށީ ދަރިކަލުން މުހައްމަދު މުއިއްޒުއްދީނެވެ. އެއައަށްފަހު ދޮން ބަންޑާރައިންގެ ދެވަނަ ދަރިކަލުން ހަސަން ނޫރައްދީނެވެ.

ހުވަދު އަތޮޅަށް އުރުނު ހިންދުކަރައިގެ ނަވަކުން ލައްކަ ބައިވަރު ރަނާއި ރިއްސާއި ޖަވާހިރު ޣަނީމާވެގެން މުއްސަނދިވެގެން ސުލްތާން ހަސަން ނޫރައްދީނު ކުރައްވާނެ ނުކުރައްވާނެ ކަމެއް އެނގިވަޑައިނުގެން ހުންނެވުމުގެ ތެރެއިން މައްކާ ހިފާން ގަސްތުކުރައްވައި ބޮޑު އަރުމާޒެއް ތައްޔާރު ކުރައްވައިގެން 1799ގައި ފުރާވަޑައިގެންނެވީ ތުއްޕުޅު ދަރިކަލުން މުހައްމަދު މުއީނުއްދީނު ތަޚުތުގައި ބައިންދަވައިފައެވެ. މުއީނުއްދީނުގެ ރަސްކަން ހިމާޔަތްކުރުމުގެ ޒިންމާ މަތިކުރެއްވީ ހުރާގޭ އަލީ ބޮޑުމުރީދުގެ ދަރިކަލުން ހުސައިން މަނިކާއެވެ. ފަހުން އަތިރީގޭ ހުސައިން ދޮށިމޭނާއަކީ މިއީއެވެ. އަތިރީގޭ ޚާންދާނުގެ ފެށުމަކީ މިއީއެވެ. މި ހުސައިން ދޮށިމޭނާޔަކީ ދޮންބަންޑާރައިންގެ ކާފަޔާއި އެއްބަފައި އިބްރާހީމުގެ އަލީގެ ހުސައިން މަނިކެވެ. އެގޮތުން ހުރާގެޔާއި މީނާ ގުޅެއެވެ.

އަތިރީގޭ ޚާންދާނު ހުރާގެޔާއި ގުޅެނީ މިގޮތުންނެވެ. ދޮން ބަންޑާރައިންގެ އައުލާދާއި އަތިރީގެ ގުޅުވައިލެވެނީ ހުރާގެޔާ ހަމަޔަށް ލިންކު އަޅައިގެންނެވެ. އެހެންވީމާ އަތިރީގޭ ޚާންދާނުން ހުރަވިއްޔަތު ދިރުވައި ހުރަވީކަން ކުރިއަށް ނެރެންފެށީ މާވަރަކަށެވެ. ދޮން ބަންޑާރައިންނާ ގުޅުވައިގެން ހުރަވިއްޔަތު ގިރިޓީކުރަން ފެށުނީ ހުރާގޭ މުހައްމަދު މަނިކުފާނާއި ހުރާގޭ އަލީ ބޮޑުމުރީދުގެ ހުސައިން މަނިކާއި ދެމީހުން ދޮން ބަންޑާރައިންނާއި ގުޅުވުމުގެ ނިޔަތުގައެވެ. ވެރިކަމާއި ހައިސިއްޔަތު ސައްހަކުރުމުގެ ނިޔަތުގައެވެ. ހުރަވީން 194 އަހަރުވަންދެން ކުރި ދިގު ރަސްކަމުގައި މިގޮތަށް ކުރެވިފައިހުރި ކަންކަމުގެ އަސަރު މިއަދާހަމަޔަށްވެސް ދެމިގެން އައިސްފައިވެއެވެ. މިސާލެއް ދަންނަވައިލާނަމެވެ. ދިވެހިރާއްޖޭގައި އަސްކަރީންގެ ދާއިމީ ފްލީޓެއް އެންމެ ފުރަތަމަ ކަލާސީންގެ ނަމުގައި އުފެއްދެވީ ދިޔަމިގިލީ މުޒައްފަރު މުހައްމަދު އިމާދުއްދީނެވެ. އެކަމަކު ދިވެހި ކޯސްޓްގާޑުގެ އެންމެ ބޮޑު އުޅަނދަށް އެކިޔަނީ އެއްކަލަ އާދައިގެމަތިން ހުރަވީއެވެ.