ޖުމުލަ 26 ޓީމަކުން ވާދަކުރާ ލ. ގަމު ކައުންސިލުގެ ތުނޑީ ރަމަޟާން ކަޕުގެ ކުއާޓާ ފައިނަލްގެ ފަހު ދެ ޖާގަ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އާއި މަތިމަރަދޫ ޔޫތުން ހޯދައިފިއެވެ.
ގަމު ތުނޑީ އަވަށު ޒުވާނުންގެ އިސްނެގުމަށް ތުނޑީ ފުޓްސަލް ދަނޑުގައި ރާވައި ހިންގަމުން އަންނަ ރަމަޟާން ކަޕަކީ މީގެ ކުރިންވެސް އެރަށުގައި ފޯރިއާއެކު ބާއްވާފައިވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތް ކުރިއަށްދަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހުއެވެ. މުބާރާތުގައި 26 ޓީމު ބައިވެރިވެފައިވުމުން މިއަހަރުގެ މުބާރާތް ކުޅެފައިވަނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.
ކޮންމެ ގްރޫޕަކުންވެސް ދެޓީމު ގަދަ 16ގެ ބުރަށް ގޮސްފައިވާ އިރު، ހުކުރު ދުވަހުގެ ރޭ ވަނީ މުބާރާތުގެ ގަދަ 16 ގެ މެޗުތައް ފަށައިފައެވެ.
ރޭ ކުޅެފައި ވަނީ ގަދަ 16 ގެ އެންމެ ފަހު ދެމެޗެވެ. އޭގެ ތެރެއިން ފުރަތަމަ މެޗުގައި ސެންޓްރަލް އޭރިއާއިން ވަނީ 7-3 އިން ހޮރަނގަ އެފްސީ ބަލިކޮށްފައެވެ. ސެންޓްރަލް އޭރިއާގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ސަމާހާއި މުހައްމަދު އަޝްފާންގެ އިތުރުން އަހުމަދު އާރިފާއި މުހައްމަދު ފައްޔާޒެވެ. ސަމާހު މެޗުގައި ހެޓްރިކް ހަދައި، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއެވެ.
ހޮރަނގަ އެފްސީގެ ގޯލުތައް މެޗުގައި ޖެހީ މުހައްމަދު ރިފްޝާނާއި އިބްރާހީމް ނާއިލް އަދި ހަސަން މާދެވެ.
ރޭ ކުޅުނު ގަދަ 16 ގެ ފަހު މެޗުގައި މަތިމަރަދޫ ޔޫތުން ހިތަދޫ އެފްސީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ޝަހީމް އަބްދުލް ގާދިރެވެ.
މުބާރާތުގެ ގަދަ 16 ނިމިފައިވާ އިރު، ކުއާޓާ ފައިނަލްގެ ފޯރިގަދަ މެޗުތައް މިރޭ ފަށާނެއެވެ. މިރޭ އޮންނާނީ ކުއާޓާ ފައިނަލްގެ ފުރަތަމަ ދެމެޗެވެ. މިރޭ 9:30 ގައި އޮންނަ ކުއާޓާގެ ފުރަތަމަ މެޗުގައި ކުރިމަތިލާނީ ތަރިންގެ ދެޓީމެވެ. އެއީ އައުޓްރީފް އެސްސީ އާއި ބީން އެންކަރޭޖިން ސޮސައިޓީ ފޯ ތުނޑި (ބެސްޓް) އެވެ. އަނެއް މެޗުގައި 10:30 ގައި ވަރުގަދަ ކަންމަތި ނުކުންނާނީ އެންމެ ވާދަވެރި ގޯޅި އެސްސީ އާ ދެކޮޅަށެވެ.
ކުއާޓާ ފައިނަލްގައި ޑެޓްރޮއިޓްސް ޖޫނިއާ އާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ވާދަކުރާ މެޗާއި ސުބަރު އެސްސީން މަތިމަރަދޫ ޔޫތާ ވާދަކުރާ މެޗު އޮންނާނީ މާދަމާ ރޭއެވެ.
ތުނޑީ ރަމަޟާން ކަޕްގެ މެއިން ސްޕޮންސަރަކީ ގަމު ކައުންސިލެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިންއެވެ.