ރާއްޖޭގެ ތިން ސަރަހައްދެއްގެ ހޮސްޕިޓަލުތަކުގައި ތިން މަޝްރޫއެއް ހިންގުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
މިއަދު ސޮއިކުރެވުނު ތިން އެއްބަސްވުމަކީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީ ޔުނިޓެއް ގާއިމުކުރުމަށާއި، ހުޅުމާލޭ ހޮސްޕިޓަލުގައި ޕްރޮސްތެޓިކްސް އަދި އޯތޮސްޓިކްސް މެނުފެކްޗާ ކުރުމަށް ވޯކްޝޮޕެއް ގާއިމުކުރުމަށާއި އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް) ގައި މެންޓަލް ހެލްތު ސެންޓަރެއް ގާއިމުކުރުމަށް، އިންޑިއާ ސަރުކާރުން ހިލޭ އެހީދިނުމުގެ އެއްބަސްވުންތަކެވެ.
ފޮރިން މިނިސްޓްރީން ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ހިންގާ މަޝްރޫއުގެ ދަށުން އެ ހޮސްޕިޓަލުގައި އެންމެ ޒަމާނީ ފެންވަރުގެ ސްޕީޗް ތެރަޕީ ޔުނިޓެއް ގާއިމުކުރެވޭނެ ކަމަށެވެ. އެގޮތުން އެ މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ ނުވަ ލައްކަ ދިވެހި ރުފިޔާގެ އެހީތެރިކަން ދޭން އެއްބަސްވެފައެވެ. އެ މަޝްރޫއުގެ ދަށުން ސައުންޑް ޕްރޫފް ސްޓޭޝަނަކާއެކު އޯޑިއޯމެޓްރީ ސެޓަޕެއް ގާއިމުކޮށް، އެތަނަށް ބޭނުންވާ ކޮމްޕިއުޓާ ސިސްޓަމުތައް ބަހައްޓައި، ޔުނިޓުގެ އުމްރާނީ މަސައްކަތްތައް ކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ޕްރޮސްތެޓިކްސް އަދި އޯތޮސްޓިކްސް (ހަށިގަނޑުން މަދުވާ ބައިތަކަށް އާޓިފިޝަލް ތަކެއްޗާއި އެކި ހުޅުތަކަށް ބޭނުންވާ ގާޑު ފަދަ ތަކެތި) މެނުފެކްޗާކުރުމަށް ވޯކްޝޮޕެއް ގާއިމުކުރުމަށް ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އިންޑިއާ ސަރުކާރުން 1.99 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭނެއެވެ. އެ މަޝްރޫއުގެ ދަށުން ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗަރިން ވޯކްޝޮޕް ގާއިމުކޮށް، އެތަނަށް ބޭނުންވާ މެޝިނަރީޒްއާއި މެޓީރިއަލް ހޯދައި، އެ ވޯކްޝޮޕް ހިންގަން ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އޭއީއެޗްގައި މެންޓަލް ހެލްތު ސެންޓަރު ގާއިމުކުރުމަށް އިންޑިއާ އިން ވަނީ 665،000 ރުފިޔާގެ ހިލޭ އެހީ ދީފައެވެ.
ނަފްސާނީ ބަލިތަކުގެ ފަރުވާ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.
މި މަޝްރޫއުތަކަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކެކެވެ.