ޚަބަރު

ކުއްލި މައްސަލަ ހުށަހެޅުން ހުއްޓުވަން ސަރުކާރަށް ތާއީދުކުރާ މެންބަރުން މަސައްކަތްކުރޭ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުން އެ މައްސަލަ ހުއްޓުވުމަށް، އެމްޑީޕީގެ މެންބަރުންގެ ތެރެއިން ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ކުއްލި މައްސަލަ ހުށަހެޅުމަށް ފުރުސަތު ދެއްވުމުގެ ކުރިން ވާހަކަދައްކަވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހަށް ކުއްލި މައްސަލަ ހުށެޅުން ހުއްޓުވުމަށް ސަރުކާރަށް ތާއީދުކުރާ ބައެެއް މެންބަރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތަށް މައްސަލަ ހުށަހެޅުން ހުއްޓުވުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށް އެ މެންބަރުން ދެކި ވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން އެންމެ ފަހުން ބޭއްވި މަޖިލިސް ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ކުއްލި މައްސަލައެއް ހުށަހެޅުއްވުމަށް މަޖިލިސް ރައީސް ފުރުސަތު ދެއްވުމުން ނިޒާމީ މައްސަލަ ނަންގަވައި، އެ މައްސަލަ ހުށަހެޅުމަށް ފުރުސަތު ދެއްވީ މަޖިލިސް ގަވާއިދާ ހިލާފަށް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރިޔާސަތުގައި ދެންނެވިއެވެ.

މަޖިލިސް ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) ގެ ހަތަރު ވަނަ ނަންބަރު މަޖިލިސް ރައީސްގެ ސަމާލުކަމަށް ގެންނަވަމުން ސަލީމް ވިދާޅުވީ، މަޖިލީހަށް ހުށަހަޅަން ފޮނުވާ ގަރާރުތަކާއި މައްސަލަތަކާއި އިމްތިޔާޒުގެ މައްސަލަތަކާއި އަދި އެނޫންވެސް ކަންކަމާ ގުޅޭ ގޮތުން، ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފާ ލިބިފައި އޮންނަންވާނެ ކަމަށް އެ މާއްދާގައި ބުނާ ކަމަށާއި އެފަދަ ލަފައެއް ޕޯޓަލްގައި ފެންނަން ނެތް ކަމަށެވެ.

އެހެންކަމުން އެ މައްސަލައަކީ ޝަރުތު ހަމަވާ މައްސަލައެއްތޯ ސަލީމް ސުވާލު ކުރެއްވިއެވެ. އަދި އެކަމުގައި މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވާފައިވާ ލަފާ ސާފުކޮށްދެއްވުމަށްވެސް މަޖިލިސް ރައީސްގެ ކިބައިން ސަލީމް އެދިވަޑައިގެންނެވިއެވެ.

ޖަވާބު ދެއްވަމުން އެދުވަހުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، ސަލީމުގެ ނިޒާމީ ނުކުތާ ބަލައި ނުގަނެވޭ ކަމަށެވެ. ހަމައެއާ އެކު މައްސަލަ ހުށަހެޅުން ކުރިއަށް ގެންދެވުމަށް ޝަރީފަށް މަޖިލިސް ރައީސް ދެންނެވިއެވެ.

މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުމާ ގުޅޭ ގޮތުން، މަޖިލީހުގެ މެޖޯރިޓީ ގުރޫޕުން އެދިވަޑައިގަންނަވާ ނަމަ އެކަން ނިންމާނީ ކުއްލި މައްސަލަ ބަލައިގަތުމަށް ނަގާ ވޯޓުން ކަމަށެވެ.

ނަމަވެސް "ކުއްލި މައްސަލަ މިތަނުގައި ހުށަހެޅުމުގެ ފުރުސަތު ނުދިނުމަށް އަޅުގަނޑަށް ބައެއް މެންބަރުން ބާރު އަޅުއްވާ އަޅުގަނޑަށް ދެންނެވޭނީ އެއީ އަލުގަނޑޔު މި މަޖިލިސް ހިންގަން އެދޭ ގޮތް ނޫން،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކުއްލި މައްސަލައާ ގުޅޭ ގޮތުން އޮންނަ، މަޖިލިސް ގަވާއިދުގެ 170 ވަނަ މާއްދާގައި ކުއްލި މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނިގެންވާ މުހިންމު ކަމެއް ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލިސް ޖަލްސާއަކަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ކަމަށް ބުނާ ކަމަށެވެ.

އެހެންކަމުން އެ މަގުން ކުއްލި މައްސަލަތައް މަޖިލީހަށް ހުށަހެޅޭނެ ކަމަށާއި މަޖިލިސް ކުރިއަށްގެންދަނީ އެ އުސޫލުގައި ކަމަށްވެސް ވިދާޅުވިއެވެ.