ފަލަސްތީނުގެ ރައްޔިތުން ފަތިސް ނަމާދު ކުރަން އަލް-އަގްސާ މިސްކިތުގައި ތިއްބައި އިސްރާއީލް ސިފައިން ވަދެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީ އެ މިސްކިތުގައި ތިބި މީހުންނަށް ހަމަލާ ދިން މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އިސްރާއީލު ސިފައިންގެ އެ އަމަލީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ސެކިއުރިޓީ ކައުންސިލާއި ޖެނެރަލް އެސެބްލީއާ ހިލާފު ކަމެއް ކަމަށެވެ. އަދި އެފަދަ ހަމަލާތަކަކީ ސުލްހަ ގާއިމުކޮށް، މުސްލިމުންނަށް އަމާންކަމާއެކު އުޅުމަށް ބޮޑު ގޮންޖެހުމެއް ކަމަށްވެސް ބުންޏެވެ.

ފޮރިން މިނިސްޓްރީން ވަނީ، ފަލަންތީނަކީ އިސްރާއީލުގެ އަނިޔާވެރިކަމުން ސަލާމަތްވެފައިވާ މިނިވަން ދައުލަތަކަށް ހެދުމަށް މަސައްކަތް ކުރުމަށް ގައުމުތަކަށް ގޮވާލައިފައެވެ.

ރާއްޖެއިން ބުނި ގޮތުގައި ފަލަސްތީނުގައި ސުލްހަ ގާއިމުކުރެވޭނީ، އިސްރާއީލުގެ ވަކިތަކުން އެގައުމު ސަލާމަތްވެ، ޖެރޫސަލަމަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ހެދިގެން ކަމަށެވެ.

ފަލަސްތީން ރައްޔިތުންނާ އެކު ދިވެހި ސަރުކާރު އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަލަސްތީންގެ ރައްޔިތުން ފަތިސް ނަމާދު ކުރަން އަގްސާ މިސްކިތުގައި ތިއްބައި އިޒުރޭލު ސިފައިން ވަދެ އަޅުކަން ކުރަން ހުރަސް އަޅައި، ހަމަލާދީފައިވެއެވެ. އިޒްރޭލް ފުލުހުން ހިންގި ހަމަނުޖެހުމުގެ ސަބަބުން ފަލަސްތީނުގެ 152 މީހުންނަށް ވަނީ އަނިޔާވެފައެވެ.