ލ. ގަން

ގަމު ކައުންސިލް ތުނޑީ ރަމަޟާން ކަޕް: ބެސްޓް، ކަންމަތި އަދި އައުޓްރީފް ކުއާޓާއަށް

ޖުމުލަ 26 ޓީމަކުން ވާދަކުރާ ލ. ގަމު ކައުންސިލުގެ ތުނޑީ ރަމަޟާން ކަޕުގެ ކުއާޓާ ފައިނަލް ފުރަތަމަ ޖާގަތައް ބީން އެންކަރޭޖިން ސޮސައިޓީ ފޯ ތުނޑި (ބެސްޓް)، ކަންމަތި އަދި އައުޓްރީފް އެސްސީން ހޯދައިފިއެވެ.

ގަމު ތުނޑީ އަވަށު ޒުވާނުންގެ އިސްނެގުމަށް ތުނޑީ ފުޓްސަލް ދަނޑުގައި ރާވައި ހިންގަމުން އަންނަ ރަމަޟާން ކަޕަކީ މީގެ ކުރިންވެސް އެރަށުގައި ފޯރިއާއެކު ބާއްވާފައިވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތް ކުރިއަށްދަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހުއެވެ. މުބާރާތުގައި 26 ޓީމު ބައިވެރިވެފައިވުމުން މިއަހަރުގެ މުބާރާތް ކުޅެފައިވަނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.

ކޮންމެ ގްރޫޕަކުންވެސް ދެޓީމު ގަދަ 16ގެ ބުރަށް ގޮސްފައިވާ އިރު، ރޭ ވަނީ މުބާރާތުގެ ގަދަ 16 ގެ މެޗުތައް ފަށައިފައެވެ. ގަދަ 16 ގައި ފުރަތަމަ ކުޅުނު މެޗުގައި ޑެޓްރޮއިޓްސް ސްޕޯޓްސް ކްލަބާއި އައުޓްރީފް އެސްސީ ވާދަކޮށް، އައުޓްރީފުން މެޗު ކާމިޔާބުކުރީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އައުޓްރީފްގެ ގޯލުތައް ޖަހައިދިނީ އަބްދުﷲ ޒިޔާން (ޖަންކީ) އާއި އިބްރާހީމް ހަމްދާން (ހަމްދެ)ގެ އިތުރުން އާދަމް ނާސިހު (އާދަންނާ)، އިސްމާއީލް ވަޖީހު (ވައްޖެ) އަދި އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ. ތަރިންގެ ޓީމުން ޖަންކީ އާއި އާދަންނާ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. ޑެޓްރޮއިޓްސްއިން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ ހުސައިން އަލީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އާދަންނާއެވެ.

ރޭ ކުޅުނު ގަދަ 16ގެ ދެވަނަ މެޗުގައި ކަންމަތިން ޑީކޭއެންޒީ އެފްސީ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ޑީކޭއެންޒީގެ އަލީ ވިރާޝް އަތުން ބައިކޮޅަށް ގޯލެއް ވަނުމުގެ އިތުރުން ދެން ކަންމަތީގެ ގޯލުތައް ޖަހައިދިނީ ޒައިދާން އަބްދުﷲ (ޒައިއްކޮ) އަދި މުހައްމަދު ނިޒާމްއެވެ. ޒައިއްކޮ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދެ ގޯލު ޖަހައިގެންނެވެ. ޑީކޭއެންޒީގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ޖުމާންއެވެ.

ދެން ކުޅުނު ގަދަ 16 ގެ ތިންވަނަ މެޗުގައި ބެސްޓުން ވަނީ ބޮޑު ތަފާތަކުން ރެޑްބުލް ބަލިކޮށްފައެވެ. 7-1 އިން ބެސްޓް ރޭގެ މެޗު ކާމިޔާބު ކުރި އިރު، ބެސްޓްގެ ގޯލުތައް ޖެހީ ނިމިދިޔަ ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ ފުޓްސަލް ކިންގްގެ މަގާމު ހޯދި އިބްރާހީމް އަސްވަދު (ގަބޭ) އާއި ގައުމީ ފުޓްސަލް ޓީމުގެ އަލީ ހާފިޒް (ހާއްޕެ)ގެ އިތުރުން މުހައްމަދު ޖުމާން އަހުމަދު އަދި އަލީ އިރުފާނެވެ. ގަބޭ އާއި ހާއްޕެ ކޮންމެ ކުޅުންތެރިޔަކު މެޗުގައި ދެ ގޯލު ޖަހާފައިވާ އިރު، ރެޑްބުލްގެ ހުސައިން ޝިހާމް އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.

ރެޑްބުލްއިން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ ހުސައިން ޝިހާމެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ގަބޭއެވެ.

ގަމު ކައުންސިލް ތުނޑީ ރަމަޟާން ކަޕްގެ ގަދަ 16 ގެ ތިން މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ 9:30 ގައި އޮންނަ މެޗުގައި ގޯޅި ޖޫނިއާ ނުކުންނާނީ ގޯޅި އެސްސީއާ ދެކޮޅަށެވެ. 10:30 ގެ މެޗުގައި ޑެޓްރޮއިޓްސް ޖޫނިއާއިން ވައްޓަފާޅިއާ ދެކޮޅަށް ނުކުންނަ އިރު، މިރޭގެ ފަހު މެޗުގައި 11:30 ގައި އައުޓްރީފް އެފްސީން ނުކުންނާނީ ސުބަރު އެސްސީއާ ދެކޮޅަށެވެ.

ތުނޑީ ރަމަޟާން ކަޕްގެ މެއިން ސްޕޮންސަރަކީ ގަމު ކައުންސިލެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިންއެވެ.