ބާސެލޯނާ އަދި ސްޕެއިންގެ ޒުވާން ތަރި، އުމުރުން 19 އަހަރުގެ ޕެޑްރީ ގޮންޒާލޭސްގެ ފަލަމަސްގަނޑަށް އަނިޔާވެ، ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ބާސާއިން މިދިޔަ ހަފުތާ ތެރޭގައި ޖަރުމަނުގެ އެއިންޓްރެޗްޓް ފްރެންކްފާޓާ ދެކޮޅަށް ކުޅުނު ޔޫރޮޕާ ލީގުގެ މެޗުގައި ޕެޑްރީއަށް އަނިޔާވެގެން ބާލަން ޖެހިފައިވެއެވެ. ފަލަމަސްގަނޑަށް ލިބުނު އެ އަނިޔާގެ ތަފްސީލު އިއްޔެ ބާސާއިން ހާމަ ކޮށްފައިވާ އިރު، ބާސާއިން ބުނެފައި ވަނީ ޕެޑްރީގެ "ފެމޯރަލް ބައިސެޕްސް" އަށް އަނިޔާގެ މައްސަލަ ދިމާވި ކަމަށެވެ. އެހެން ކަމުން ގިނަ ހަފުތާތަކެއް ވަންދެން ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށްވެސް ބާސާއިން ބުނެފައިވެއެވެ.
މިދިޔަ ސީޒަންގައިވެސް ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ޕެޑްރީއަށް ވަނީ ފަލަމަސްގަނޑުގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. މިދިޔަ ސީޒަންގައި ބާސާގެ ހުރިހާ މެޗެއް ކުޅެ، ޕެޑްރީ ވަނީ ޔޫރޯ 2020 ގައި ސްޕެއިންގެ ހުރިހާ މެޗެއްގައިވެސް ކުޅެފައެވެ. އަދި އޭގެ ފަހުން އޮލިމްޕިކްސްއަށް ގޮސް ސްޕެއިންއާއެކު އޮލިމްޕިކް ފައިނަލަށްވެސް ޕެޑްރީ ގޮސްފައިވެއެވެ.
އެ ހުރިހާ މެޗުތަކެއް ކުޅެން ޖެހުމުން ޒުވާން އުމުރުގައި ޕެޑްރީއަށް އަނިޔާގެ މައްސަލަތައް ކުރިމަތިވާން ފަށާފައިވާ އިރު، އެކަމުގެ ކަންބޮޑުވުން ކޯޗު ޒަވީ ހެނާންޑޭޒްވެސް ވަނީ ފާޅު ކޮށްފައެވެ. ޒަވީ ބުނީ ޕެޑްރީއަށް އަނިޔާވުމަކީ މާޔޫސް ކަމެއް ކަމަށެވެ. އަދި ބާސާއަށް ޕެޑްރީ ނެތްތައް ދައްކާނެ ކަމަށްވެސް ޒަވީ ބުންޏެވެ.
މި ސީޒަންގެ ކުރީކޮޅުގައިވެސް ޕެޑްރީގެ ފަލަސްމަސްގަނޑަށް އަނިޔާވެ އޭނާއަށް މެޗުތަކެއް ގެއްލުނެވެ. މިހާތަނަށް މި ސީޒަންގައި 22 މެޗު ޕެޑްރީ ކުޅެފައިވާ އިރު، އޭނާގެ ފަރާތުން ދަނީ ރަނގަޅު ކުޅުމެއް ފެންނަމުންނެވެ. އަނިޔާގެ ބާވަތަށް ބަލައި، ޕެޑްރީ އަލުން ކުޅުމަށް އަންނާނެ ކަމަށް ބެލެވެނީ ދެން އަންނަ ސީޒަންގައެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ