ދަރިފުޅު ގާތުގައި ހުރުމަށްޓަކައި ގެދޮރު ވިއްކާލާފައި އޮސްޓްރޭލިޔާއަށް ބަދަލުވި ސިންގަޕޫރުގެ އުމުރުން 82 އަހަރުގެ އަންހެނަކު ހާލުގައި ޖެހިއްޖެއެވެ.
ސިންގަޕޫރުގެ މެރީން ކްރެސެންޓްގައި ހުންނަ ހަތަރު ކޮޓަރީގެ އަމިއްލަ ގެ ވިއްކައިލުމަށްފަހު 2018 ވަނަ އަހަރު ޒާން ޒިއުޖިން އޮސްޓްރޭލިޔާއަށް ބަދަލުވީ އޭނާގެ އަންހެން ދަރިފުޅު ތަކުރާރުކޮށް އެކަމަށް އެދިގެންނެވެ. އުމުރުން 56 އަހަރުވީ ދަރިފުޅު އޮސްޓްރޭލިޔާގައި ދިރިއުޅެނީ އެތާގެ މީހަކާ ކައިވެނިކޮށްގެންނެވެ.
ގެދޮރު ވިއްކައި އަތުގައި ހުރިއްޔާ ހުރި ފައިސާޔަކާއެކު އޮސްޓްރޭލިޔާއަށް ގޮސް ދަރިފުޅުމެން އުޅޭ ގޭގައި ވަކި ކޮޓަރިއެއް ހެދުމަށްވެސް ޒާން ވަނީ އެތައް ހާސް ޑޮލަރެއް ޚަރަދުކޮށްފައެވެ. ހުރިހާ ފައިސާއެއް ދަރިފުޅު އަތަށް އެރުމުން މަންމަޔަށް އަޅާލުމާއި އެހީތެރިކަން ދިނުން ދަރިފުޅު ވަނީ ހުއްޓާލައިފައެވެ. އަދި ގެޔަށް ވަނަނުދީ ހިފަހައްޓަން ބާރުގެ ބޭނުންވެސް ކޮށްފައިވެއެވެ.
ދަރިފުޅުގެ އަމަލުތައް ހުންނަ ގޮތުގެ ވާހަކަ ސިންގަޕޫރުގައި ދިރިއުޅޭ ތިމާގެ މީހުންނަށް ކިޔައި ދިނުމުން ޒާންއަށް ބޮޑުދައިތަ ކިޔާ ފިރިހެނަކު ވަނީ އޮސްޓްރޭލިޔާއަށް ދަތުރުކޮށް ޒާން އާއި ބައްދަލުކޮށް އޭނާ އަލުން ސިންގަޕޫރަށް ގެންގޮސްފައެވެ.
އަމިއްލަ ވަޒަނަށް އާދެވުނަސް އަމިއްލަ ގެދޮރު ނެތުމުން ޒާން އަށް މިހާރު ދިރިއުޅެން ޖެހިފައިވަނީ އެހެން މީހުންގެ އެހީތެރިކަމާއެކު ހިތްދަތި ދިރިއުޅުމެކެވެ. ނިދާނެ ތަނަކާއި ކާނެ އެއްޗެއްވެސް ލިބެނީ ތިމާގެ ކޮންމެވެސް މީހަކު ދިނިއްޔާއެވެ. ނޫސްވެރިން ގާތުގައި ޒާން ބުނެފައިވަނީ އެންމެ ދަރިޔަކު ހުރެފައި އެދަރީގެ ބުނުމަށް ގެދޮރު ވިއްކާލައި ެއޮސްޓްރޭލިޔާއަށް ދިޔައީ މިދުވަސް ފެންނާނެ ކަމަކަށް ނޫނެވެ. މުސްކުޅި އުމުރުގެ އެހެން މީހުންނަށް ޒާން ކުރާ އިލްތިމާސަކީ ދަރިންވިޔަސް އިތުބާރު ނުކުރުމަށާއި އަތުގައި އޮތް އެއްޗެއް ދޫކޮށްފައި ބޭރު ގައުމުތަކަށް ދިރިއުޅޭން ނުދިއުމަށެވެ.