ސްރީލަންކާއަށް މިވަގުތު ދިމާވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ އަސްލަކީ އެގައުމުގެ ދަރަންޏެވެ. ބޭރުގެ ދަރަނީގެ މިންވަރަކީ ގާތްގަޑަކަށް 25 ބިލިޔަން ޑޮލަރެވެ. އެންމެ ބޮޑުބައެއް ދައްކަން ޖެހިފައިވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ޖަޕާނާއި ޗައިނާއަށެވެ. ލޯނުތަކަށް ކޮންމެ އަހަރަކުވެސް ދައްކާންޖެހޭ އަދަދަށް ދެއްކީމާ އިތުރު ކަންކަމަށް ހޭދަކުރާނޭ ބޭރުފައިސާއެއް ނުހުރެއެވެ. ލޯނުތައް އަނބުރައި ދެއްކުމަށްޓަކައި މިއަހަރު އެކަނިވެސް 7 ބިލިޔަން ޑޮލަރު އެބަ ބޭނުންވެއެވެ. ދަރަނި ބޮޑުވުމާއި އާމްދަނީ ދަށްވުމުގެ ސަބަބުތައް މައިގަނޑުގޮތެެއްގައި ގުޅިފައިވަނީ ރައީސް ގޮޓާބެ ރާޖަޕަކްސާޔާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދޯހަޅި އިގްތިސާދީ ސިޔާސަތާއެވެ. ވެރިކަމުގެ ކަންކަމުން ރާޖަޕަކްސާގެ އާއިލާ ދުރަށްދާށޭ ރައްޔިތުން ގޮވަމުންދަނީ މިހެންވެގެންނެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތާށިކަމުގެ ތެރޭގައި ތަކެތި އިމްޕޯޓްކުރުމަށް އެޅުނު ހުރަހުގެ އަސަރު އެންމެ ބޮޑަށް ފޯރާފައިވާ ދާއިރާއަކީ ސިއްހީ ޚިދުމަތުގެ ދާއިރާއެވެ. ހިތުގެ ބަލިތަކާއި އެނޫންވެސް ބޮޑެތި ބައެއް ބަލިތަަކުގެ ޚާއްސަ ފަރުވާގެ ބޭހާއި އަލަށް ވިހާ ކުދިން އޮކްސިޖަނާއި ގުޅާނެ ޓިއުބްފަދަ ތަކެތި ލިބުން ވަރަށް ދައްޗެވެ. ރަށްފުށުގެ ހިސާބުތަކުގެ ހަސްފަތާލުތަކުން ގިނަ ވަގުތު ކަރަންޓު ކަނޑާތީ ޒަޚަމްތައް ފެހުމާއި ހަރުފަ ވިހައިގެ މައްސަލަތަކަށް ފަރުވާ ދިނުން ކަހަލަ ކަންކަން އުއްބައްތީގެ އަލީގައި ކުރިޔަށް ގެންދަން ޑޮކްޓަރުންނަށް މަޖްބޫރުވެއެވެ. މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ މުޅި ސިއްހީ ދާއިރާ ބޮއްސުންލައިގެން ގޮސް އެތައް ހާސްބައެއްގެ ފުރާނަ ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ޑޮކްޓަރުން ވަނީ އިންޒާރު ދީފައެވެ.

ހުރިހާ ހަސްފަތާލުތަކެއްގައިވެސް އޮޕަރޭޝަން ކުރުމާއި ލެބޯޓްރީ ޓެސްޓްތައް ހެދުން މިހާރު ވަނީ ބޮޑުތަނުން މަދުކޮށްފައެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ގިނަ ބަޔަކުވެސް މިހާރު މަގުމައްޗަށް ނުކުމެ ސަރުކާރާއި ދެކޮޅު މުޒާހަރާތަކުގައި ދަނީ ބައިވެރިވަމުންނެވެ. ރައީސް ގޮޓާބެ ރާޖަޕަކްސާޔާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ އިސްތިއުފާއަށް ދަނީ ގޮވަމުންނެވެ. ލަންކާގެ ޑޮކްޓަރުންގެ އެސޯސިއޭޝަނުން މިހަފުތާގައި ބުނެފައިވަނީ ހަސްފަތާލުތަކުން ޚިދުމަތް ލިބުން ހުއްޓުމާ ދާދިގާތްވެއްޖެ ކަމަށާއި ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި މިކަން ހައްލު ނުކުރެވިއްޖެނަމަ މުޅި ނިޒާމް ބޮއްސުންލާނޭ ކަމުގައެވެ. ފަރުވާ ނުލިބި މީސްތަކުން މަރުވާންފެށީމާ ދެން އުފެދޭ ގަޑުބަޑުގެ ނުރައްކާ ވަރަށް ބޮޑުވާނޭ ކަމަށްވެސް ބުނެފައިވެއެވެ.

ސްރީލަންކާގެ ޕަބްލިކް ހަސްފަތާލުތަކުގެ ހާލަތު ސަތޭކަ އަހަރު ފަހަތަށް ވެއްޓިފައިވާއިރު އެންމެ އަސާސީ ތަކެތީގެ ތެރެއިން އެންޓިބަޔަޓިކާއި ބެންޑޭޖްކުރާ ސާމާނުވެސް ގިނަ ތަންތަނުން މިހާރު ނުލިބޭކަމަށް ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކުރެއެވެ. ރަށްފުށުގެ ކުދިކުދި ހަސްފަތާލުތަކާއި ކުލިނިކްތަކުގައި ޚިދުމަތް ދެވޭނޭ ގޮތެއް ނެތިގެން ކޮންމެވެސް ސިޓީއެއްގެ ބޮޑު ހަސްފަތާލަކަށް ޓްރާންސްފަރ ކުރަން މަޖްބޫރުވެއެވެ. އާޚިރުގައި އެމްބިއުލާންސަށް އަޅާނެ ޑީސަލް ނެތިގެން އެކަމެއްވެސް ނުކުރެވެއެވެ. ކޮލަމްބޯޔާއި ކެންޑީއާއި ގޯލް ފަދަ ސިޓީތަކުގެ ޕަބްލިކް ބޮޑެތި ހަސްފަތާލުތަކުން ކަރަންޓު ނުކެނޑިޔަސް ކޮންމެހެން މަޖުބޫރު ހާލަތެެއްގައި ނޫނީ ލެބޯޓަރީ ޓެސްޓެއް ނުހެދުމަށާއި އޮޮޕަރޭޝަނެއް ނުކުރުމަށް ސަރުކާރުން ވަނީ އަންގައިފައެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން ހުސްވި ހަފުތާގައި ބުނެފައިވަނީ ސާޅީސް ވައްތަރެެއްގެ ބޭސް ގާތްގަޑަކަށް ހުސްވެއްޖެ ކަމަށާއި މުހިއްމު ބޭސްބޭހުގެ ތެރެއިން އިތުރު 140 ބޭހެއް ދާދި އަވަހަށް ހުސްވާނޭ ކަމަށް ލަފާކުރެވޭ ކަމުގައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އާއި އިންޑިޔާ ސަރުކާރާ ގުޅިގެން މި ހާލަތު ބަދަލުކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރަމުންދާ ކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އެކަމަކު ހާލަތު ބަދަލުކޮށްލެވޭ މިންވަރަށް ބޭހާއި އެފަދަ އެނޫންވެސް ތަކެތި އިތުރުކުރެވޭނީ މަދުވެގެން ދެމަސްފަހުން ކަމަށް ހެލްތު މިނިސްޓްރީން އެއްބަސްވެއެވެ. އެހިސާބަށް ކަންކަން މެނޭޖްކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތަކީ ވަގުތުން ވަގުތަށް މަޖުބޫރު ނޫން ފަރުވާތައް ލަސްކުރުމެވެ. ޓެސްޓްތަކާއި އޮޕަރޭޝަންތައް މަދުކުރުމެވެ.

ސަރުކާރުގެ މިސިޔާސަތާއި ޑޮކްޓަރުން ވަރަށް ބޮޑަށް ދެކޮޅެވެ. ބަލިމީހާގެ ބަލި ހާލަތަކީ ބަދަލުވަމުންދާ ހާލަތެކެވެ. ފުރާނަޔަށް ނުރައްކަލެއްނެތް ކަމަށް ހީކުރެވޭ ހާލަތު ހަމަ ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި ބަދަލުވެގެން ހިނގައިދާނެއެވެ. އެހެންވީމާ ޑޮކްޓަރުންގެ އެސޯސިއޭޝަނުން ބުނަނީ ދިރިތިބޭނޭ މީހުންނާއި މަރުވާން ދޫކޮށްލެވޭނޭ މީހުން ކަނޑައެޅުން ކަހަލަ ނުރައްކާތެރި ކަމެއް ސަރުކާރުން ޑޮކްޓަރުންނާ މަތިކޮށްފި ކަމުގައެވެ. މިއީ ގަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށާއި މިއީ ޑޮކްޓަރުންގެ ސުލޫކާއި ކޮށްގެންތިބި ހުވަޔާވެސް ފުށުއަރާ ކަމެއް ކަމަށް ބުނެއެވެ. މިހާލަތުން އަރައިގަތުމަށް އޮތް އެންމެ ކުރުމަގަކީ ރައީސް ގޮޓާބެގެ ވެރިކަން ނިންމައިލުން ކަމަށް ގަބޫލުކުރާ ނަރުހުންނާއި ޑޮކްޓަރުން މިހާރު އެތިބީ މަގުމަތީގެ އިހުތިޖާޖުތަކުގައެވެ.