އިންޑިއާ ދެމީހެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ހަމަލާދިން މީހަކު 10 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ 15 ޖޫން 2015 ވަނަ ދުވަހުގެރޭ 10:45 އެހާކަންހާ އިރު، އޯކިޑްމަގު އާރުފޯއާރު ކެފޭ ކުރިމަތީގައި، ހިންގި މާރާމާރީއެކެވެ.
މި މާރާމާރީ ހިންގީ، އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ، އަރުލްދާސް ސަމްޕްސަން އާއި ބެންޖަމިން ކިރުބަ އާރުފޯއާރު ކެފޭ ކުރިމަތީގައި ތިއްބައި، ގުނަސީލަން ޕިޗައިމުތު އެތަނަށް ގޮސް ސިނގިރޭޓް ރޯކުރަން އަރުލްދާސް އަތުން ހޯދި ލައިޓަރު ނޭޅިގެން އޭނާގެ މައްމަޔާ އަޅުވާކިއުމުން، އައި ރުޅީގައި ގުނަސީލަންގެ ގަމީހުގައި އަރުލްދާސް ހިފުމުންނެވެ.
އެކަމާ ގުޅިގެން ގުނަސީލަން ވަނީ އޭނާގެ ޖީބުގައި އޮތް ވަޅިއަކުން އަރުލްދާސްއަށް ހަމަލާދީ ޒަހަމްކޮށްލައިފައެވެ. އެ ދެމީހުންގެ މެދުގައި ހިންގި ހަމަނުޖެހުން ހުއްޓުވަން އެތަނުގައި ހުރި ބެންޖަމިން މަސައްކަތް ކުރުމުން އޭނާއަށްވެސް ވަޅިން ހަމަލާދީފައިވެއެވެ. މާރާމާރީގައި އަރުލްދާސްގެ ބުރަކަށީގެ ވާތްފަރާތަށާއި ވާތު ކޮނޑު މައްޗަށް ވަޅިން ހަމަލާދިނެވެ.
މި ހާދިސާގައި އެ ދެމީހުންނަށް ލިބުނު އަނިޔާތައް ޝަރީއަތަށް ހާމަކޮށްދެމުން އައިޖީއެމްއެޗްގެ ޑޮކްޓަރު ބުނެފައިވަނީ އެ މާރާމާރީގައި އަރުލްދާސްއަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށެވެ. އެގޮތުން އޭނާގެ ފަސް ތަނަކަށް އަނިޔާ ލިބިފައިވާ އިރު، ބުރަކަށީގެ ތިން ތަނެއް ފުންކޮށް ޒަހަމްކޮށްލާފައިވާ ކަމަށްވެސް ޑޮކްޓަރު ބުނެފައިވެއެވެ. އަދި މާރާމާރީ ހުއްޓުވަން އުޅުނު މީހާގެ މޭ މައްޗަށް ވަލީން ހަމަލާދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަަމުން، ހަމަލާދިން ގުނަސީލަން ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައިވާ މައިގަނޑު ނުކުތާއަކީ އެ ހާދިސާ ހިނގި އިރު، އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވާތީ، އެ ހާދިސާ ހިނގި އިރު، ހުރީ ހަމަހޭގައި ނޫން ކަމަށެވެ. އެހެންކަމުން ދައުވާގައި ބުނާ އަމަލަކީ އޭނާ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެއީ ގަސްތުގައި ކުރި އަމަލެއް ނޫން ކަމަށް ސާބިތު ކޮށްދެވިފައިނުވާ ކަމަށެވެ.
އެހެންކަމުން، އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ގުނަސީލަން 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރިއެވެ.
ގާނޫނު ބުނާގޮތުން މި ކުށަށް ކަޑައެޅިފައިވާ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ. ނަމަވެސް 16 ޖޫން 2018 އިން ފެށިގެން ގުނަސީލަން ހުރީ މި މައްސަލައިގައި، ބަންދުކޮށްފައެވެ.
އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއާ ހަވާލާދީ، މައްސަލައިގައި ކަނޑައެޅޭ އަދަބުން އެ މުއްދަތު އުނި ކުރުމުން ތިން އަހަރާއި ނުވަ މަހާއި 29 ދުވަސް އޭނާ ބަންދުގައި ހޭދަކޮށްފައިވެއެވެ. އެހެންކަމުން އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ ހަ އަހަރާއި ދެ މަހާއި އެއް ދުވަހުގެ ޖަލު އަދަބެއް ކަމަށް ޝަރީއަތުން ކަނޑައެޅިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު