ޚަބަރު

ދައުރު ނިމުމުގެ ކުރިން ޖަލުތަކުގެ ހާލަތު ރަނގަޅު ކުރާނަން: އިމްރާން

މުހައްމަދު އިޝާން

މި ދައުރު ނިމުމުގެ ކުރިން ޖަލުތަކުގެ ހާލަތު ރަނގަޅުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕްރިޒަންސް އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި އޮފިސަރުން ދަސްވެނިވެ، ހުވާކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރުން ފެށިގެން ޖަލުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ނުރަނގަޅު ތަސައްވަރު ބަދަލުކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމަށެވެ. އަދި އެކަން މި ދައުރު ނިމުމުގެ ކުރިން ކުރައްވާނެކަމަށް ވިދާޅުވިއެވެ.

"ޖަލުގެ ގޮތުގައި ބޭނުންކުރެވޭ ބައެއް މަދު އިމާރާތްތަކީ ޖަލަށްޓަކައި ބޭނުންކުރުމަށް އިމާރާތްކޮށްފައިވީކަމުގައި ވީނަމަވެސް އެތަންތަން ހުރީ އިންސާނީ ކަރާމަތާ އަސާސީ ހައްގުތަކަށް ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެވޭނެ މިންވަރަށް ވުރެ އެކަށީގެންވާ ދަށްފެންވަރެއްގައި ކަމީ އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް. ހަމަ އެހެންމެ އޮފިސަރުންގެ ބެރެކްސްތަކާއި ގައިދީންނަށް ހިދުމަތް ދިނުމަށް އިދާރީ މަސައްކަތް ހަމަޖެހިފައިވާ މާހައުލަކީ މިފަދަ ސްޓްރެސް މަސައްކަތެއް ކުރުމަށް އެންމެ އެކަށީގެންނުވާ ތަންތަންކަމީ އަޅުގަނޑުމެން އެންމެންނަށް ފެންނަން އޮތް ހަގީގަތް. މާތްﷲ އިރާދަކުރެއްވިއްޔާ މިދައުރު ނިމުމުގެ ކުރިން މި ހަގީގަތް އަޅުގަނޑުމެން އެއްކޮށް ބަދަލުކޮށްލާނަން،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ޖަލުތަކުގައި ތިބޭ ގައިދީން ތަހައްމަލުކުރަން ޖެހިފައިވާ ހިތްދަތިކަމަކީ ފަރުވާ ހޯދަން ޖެހިފައިވާ ގައުމީ މައްސަލައެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އެ ސަބަބާހުރެ ޖަލު ހިންގުމުގެ ނިޒާމަކީ އިންސާނީ ކަރާމާތާއި އަސާސީ ހައްގުތައް ނުގެއްލޭ ގޮތަށް އިންތިޒާމު ކުރެވިފައިވާ ނިޒާމަކަށް ހެދުމަށް ބޭނުންވާ ސްޓްރެޖެޓިކް ޑައިރެކްޝަން ސަރުކާރުގެ ފަރާތުން ކަރެކްޝަން ސާވިސްއަށް ދެމުންގެންދާ ކަމަށް ވިދާޅުވިއެވެ.

ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާވަަރަށް މި ސަރުކާރުން ޖަލުތަކުން ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ޖަލު އޮޑިޓެއް ހަދައި އެ އޮޑިޓުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަން އިސްލާހުކޮށްފައިވާ ކަމަށެވެ. އަދި ބާކީ ހުރި ކަންކަން ފުރިހަމަކުރުމަށްވެސް ސަރުކާރުގެ ފަރާތުން ކަރެކްޝަންސް ސާވިސްއަށް އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ޖަލު އޮޑިޓެއް ތައްޔާރުކުރުމުގެ ބޭނުމަކީ، ދުނިޔެއަށް ރާއްޖޭގެ ޖަލުތަކުގެ ހާލަތު މިހާރު އޮތްގޮތް ދައްކައިދީ، ޖަލު އޮޑިޓް ނިމޭއިރު ޖަލަށް އައިސްފައިވާ ބަދަލު ދުނިޔެއަށް ދެއްކުންކަމަށް އިމްރާން ވިދާޅުވިއެވެ.