ޖުމުލަ 26 ޓީމަކުން ވާދަކުރާ ލ. ގަމު ކައުންސިލުގެ ތުނޑީ ރަމަޟާން ކަޕުގެ ގްރޫޕް ސްޓޭޖު މެޗުތައް ނިމި، ގަދަ 16ގެ މެޗުތައް ފަށަން ތައްޔާރުވެއްޖެއެވެ.
ގަމު ތުނޑީ އަވަށު ޒުވާނުންގެ އިސްނެގުމަށް ރާވައި ހިންގަމުން އަންނަ ރަމަޟާން ކަޕަކީ މީގެ ކުރިންވެސް އެރަށުގައި ފޯރިއާއެކު ބާއްވާފައިވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތް ކުރިއަށްދަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހުއެވެ. މުބާރާތުގައި 26 ޓީމު ބައިވެރިވެފައިވުމުން މިއަހަރުގެ މުބާރާތް ކުޅެފައިވަނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.
ކޮންމެ ގްރޫޕަކުންވެސް ދެޓީމު ގަދަ 16ގެ ބުރަށް ގޮސްފައިވާ އިރު، ގްރޫޕް ސްޓޭޖުގައިވެސް ޝައުގުވެރި މެޗުތަކެއް ފެނިގެން ގޮސްފައިވެއެވެ.
ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރުކުރީ ޑެޓްރޮއިޓްސް އެސްސީއެވެ. ހަތަރު ޓީމު ހިމެނުނު އެ ގްރޫޕުގައި ޑެޓްރޮއިޓްސް އެސްސީ ކުޅުނު ހުރިހާ މެޗަކުން ވަނީ މޮޅުވެފައެވެ. ގްރޫޕްގެ ދެވަނަ ލިބިފައިވަނީ ތިން މެޗުން ދެމެޗު ކާމިޔާބުކުރި ޑީކޭއެންޒީ އެސްސީއަށެވެ.
ގްރޫޕް ބީގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ކަންމަތި ވަނީ އެ ގްރޫޕުގެ އެއްވަނަ ހޯދައިފައެވެ. ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދިޔައީ އައުޓްރީފް އެސްސީއެވެ. އެޓީމުން ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެފައެވެ.
ގްރޫޕް ސީގައި ތިން ޓީމު ހިމެނުނު އިރު، އެ ގްރޫޕުގައި ކުޅުނު ދެމެޗުންވެސް މޮޅުވެ، ބެސްޓް ވަނީ ގަދަ 16 ޔަގީންކޮށްފައެވެ. ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދިޔައީ ގޯޅި ޖޫނިއާއެވެ.
ގްރޫޕް ޑީގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނަ ހޯދީ ގޯޅި އެސްސީއެވެ. އެ ގްރޫޕުގެ ދެވަނަ ލިބުނީ ރެޑްބުލްއަށެވެ.
ގްރޫޕް އީގައި ޑެޓްރޮއިޓްސް ޖޫނިއާ އަދި އައުޓްރީފް އެފްސީ ޕޮއިންޓްގެ ގޮތުން ހަމަހަމަ ވެފައި އޮތް އިރު، ފައިދާ ގޯލުގެ ތަފާތުން އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދިޔައީ ޑެޓްރޮއިޓްސް ޖޫނިއާއެވެ. އައުޓްރީފް އެފްސީ ދިޔައީ ދެވަނައަށެވެ.
ގްރޫޕް އެފްގެ އެއްވަނަ ލިބިފައިވަނީ ގްރޫޕުގައި ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އަނެއް މެޗު އެއްވަރު ކުރި ސުބަރު އެސްސީއަށެވެ. އެ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދިޔައީ ވައްޓަފާޅިއެވެ.
ގްރޫޕް ޖީގެ އެއްވަނަ ނެގީ ކުޅުނު ދެމެޗުންވެސް ބޮޑު ތަފާތަކުން މޮޅުވި އެމްއެންޑީއެފް ސެންޓްރަލް އޭރިއާއެވެ. އެ ގްރޫޕުގެ ދެވަނަ ލިބުނީ މަތިމަރަދޫ ޔޫތަށެވެ.
ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދިޔައީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުންވެސް މޮޅުވި ހިތަދޫ އެފްސީއެވެ. ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 ޔަގީންކުރީ ހޮރަނގަ އެފްސީއެވެ.
މުބާރާތުގެ ގަދަ 16ގެ ފުރަތަމަ ތިން މެޗު މިރޭ އޮންނާނެއެވެ. ގަދަ 16ގެ ފުރަތަމަ މެޗު މިރޭ 9:30 ގައި އޮންނަ އިރު، އެ މެޗުގައި ވާދަކުރާނީ ޑެޓްރޮއިޓްސް އެސްސީއާއި އައުޓްރީފް އެސްސީއެވެ. ދެވަނަ މެޗުގައި ޑީކޭއެންޒީ އެސްސީއާއި ކަންމަތި ވާދަކުރާ އިރު، އެ މެޗު އޮންނާނީ މިރޭ 10:30 ގައެވެ. އެންމެ ފަހު މެޗު މިރޭ 11:30ގައި އޮންނަ އިރު، އެ މެޗުގައި ބެސްޓް ނުކުންނާނީ ރެޑްބުލްއާ ދެކޮޅަށެވެ.
ތުނޑީ ރަމަޟާން ކަޕްގެ މެއިން ސްޕޮންސަރަކީ ގަމު ކައުންސިލެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިންއެވެ.
މުބާރާތުގެ މިހާތަނަށް އައިއިރު ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ތަރިން ފެނިގެން ގޮސްފައިވާ އިރު، ނޮކްއައުޓް ބުރުން ފެށިގެން މެޗުތައް ވަރަށް ބޮޑަށް ފޯރިގަދަ ވެގެން ދާނެ ކަމަށް ބެލެވެއެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް