ރާއްޖޭއިން ދަރަންޏާ މެދު ސަމާލުވެ ދަރަނި މެނޭޖްކުރެވޭނެ ގޮތްތަކެއް ހޯދަން ވޯލްޑް ބޭންކުން ރާއްޖެއަށް އިލްތިމާސްކޮށްފިއެވެ.

ކޮންމެ އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިގުތިސޯދީ އަޕްޑޭޓާއެކު މިއަދު ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް"ގެ އެންމެ ފަހު އަދަދުގައި ބުނެފައިވަނީ މިދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކޮވިޑުގެ ކުރިން އޮތް ހިސާބަށް އަންނަ އަހަރުގެ ތެރޭގައި ރުޖޫއަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ އަދަދުގައިވާ ގޮތުން އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 10.2 ޕަސަންޓުން ކުރިއަރާނެއެވެ.

އެ އަދަދުގައިވާ ގޮތުގައި، މިހާރު ކުރިއަށްދާ ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ އެކަމުގެ ގެއްލުން ފަތުރުވެރި ކަމަށާއި ރާއްޖޭގެ އިގުތިސޯދަށް ކުރާނެއެވެ. އަދި އެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ދުނިޔޭގެ ހަކަތައިގެ އަގުތައް އިތުރަށް އުފުލިގެން ދިއުމަކީ އިތުރު މާލީ ބުރައެއް އުފުލަން ޖެހިދާނެ ކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

ވޯލްޑް ބޭންކުން ވަނީ، ރާއްޖެއިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިތައް އިގުތިސޯދު ކުރިއަރާ މިންވަރަށް ވުރެ މަތިވުމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. އަދި ރާއްޖޭގައި ހިންގާ ގިނަ މަޝްރޫއުތައް ހިންގަނީ ބޭރުގެ ފަރާތްތަކުން ދަރަންޏަށް ފައިސާ ނަގައިގެން ކަމަށް ވާތީ، އޭގެ ބަދަލުގައި ދިގު މުއްދަތުގައި ފައިދާވާނޭ އިގުތިސޯދީ މަޝްރޫއުތައް ހިންގުމަށްވެސް ވޯލްޑް ބޭންކުން ވަނީ ގޮވާލައިފައެވެ.