ކޮލަމްބިއާ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން، ފްރެޑީ އެއުސޭބިއޯ ރިންކޮން، ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.
އުމުރުން 55 އަހަރުގެ ރިންކޮން މަރުވެފައި ވަނީ އޭނާ ދުއްވަމުން ދިޔަ ކާރު ބަހެއްގައި ޖެހިގެންނެވެ. ކޮލަމްބިއާގެ ކާލީގައި ހިނގި އެ އެކްސިޑެންޓުގައި ފްރެޑީގެ ބޮލަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ.
ރިންކޮންއަކީ ކުރިން ރެއާލް މެޑްރިޑަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ރެއާލަށް 17 ގޯލު ޖަހައިފައެވެ. އޭނާ ވަނީ ކޮލަމްބިއާއާއެކު ތިން ވޯލްޑް ކަޕުގައިވެސް ކުޅެފައެވެ. އެއީ 1990، 1994 އަދި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. ރިންކޮން ވަނީ ވޯލްޑް ކަޕެއްގެ ދިހަ މެޗުގައި ކުޅެފައެވެ. ކާލޯސް ވަލްޑެރާމާވެސް ވޯލްޑް ކަޕްގެ ދިހަ މެޗު ކުޅެފައިވާ އިރު، އެ ދެކުޅުންތެރިންނަކީ ވޯލްޑް ކަޕްގެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑު އޮންނަ ދެ ކުޅުންތެރިންނެވެ.
ރިންކޮން ހިމެނެނީ ކޮލަމްބިއާގެ ހާއްސަ ސްކޮޑެއްގައެވެ. 1990 ވަނަ އަހަރު ވޯލްޑް ކަޕްގައި ރިންކޮންއާއި ކޮލަމްބިއާ ކުޅެފައި ވަނީ 28 އަހަރު ވަންދެން ވޯލްޑް ކަޕަށް ކޮލިފައިނުވެ އޮތުމަށްފަހުއެވެ. އެ ވޯލްޑް ކަޕްގައި ރިންކޮން ވަނީ މުހިއްމު ގޯލެއްވެސް ޖަހައިފައެވެ. ކޮލަމްބިއާއިން އެފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަން ވެސްޓް ޖަރުމަނާ 1-1 އިން އެއްވަރު ކޮށްފައިވާ އިރު، އެ މެޗުގައި ގޯލު ޖެހީ ރިންކޮންއެވެ.
ރިންކޮން ވަނީ ކްލަބު ކެރިއަރުގައި ނަޕޯލީގެ އިތުރުން ބްރެޒިލްގެ ޕަލްމޭރިއާސްއާއި ސަންޓޯސް އަދި ކޮރިންތިއަންސްއަށްވެސް ކުޅެފައެވެ. އޭނާ ވަނީ ކޮރިންތިއަންސްއާއެކު 2000 ވަނަ އަހަރު ފީފާ ކްލަބު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.
"އަހަރެމެންގެ ޓީމުން ބުރަ މަސައްކަތް ކޮށްގެންވެސް ފްރެޑީ ރިންކޮން ވެލެންސިއާގެ ފުރާނަ ސަލާމަތްކުރެވޭނެ ގޮތެއް ނުވި،" ކާލީގެ އިމްބަނަކޯ ކްލިނިކްގެ މެޑިކަލް ޑިރެކްޓަރު ލައުރޭނިއޯ ގުއެންޓޭރޯ ބުނެފައިވެއެވެ.
ކޮލަމްބިއާ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ރިންކޮންގެ މަރާ ގުޅިގެން ފީފާއިންވެސް ވަނީ ހިތާމަ ފާޅުކޮށްފައެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ