ފިތުރު ޒަކާތުގެ ގޮތުގައި މާލެއިން އެކަނި އަށް ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރޯދަމަހުގެ ފުރަތަމަ 11 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި މާލެ އިން އެކަނި 878،646 ރުފިޔާ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 19523 މީހުން ޒަކާތް ދައްކާފައިވާއިރު މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުތަކަށް ޒަކާތް ދައްކާފައިވަނީ 4956 މީހުން ކަމަށާއި އަދި އޮންލައިންކޮށް ޒަކާތް ދެއްކީ 14567 މީހުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިދިޔައަހަރު ރޯދަމަހު، މި މުއްދަތުގައި ޒަކާތުގެ ގޮތުގައި 899،031 ރުފިޔާ ލިބިފައިވާއިރު 1441 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ އެއްމިލިޔަން ނުވަސަތޭކަ ސާޅީސް ދެހާސް ދުއިސައްތަ އެއް ރުފިޔާ ކަމަށް މިނިސްޓރީން ބުންޏެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ޖުމްލަ 20،863 މީހުން ޒަކާތް ދައްކާފައިވާއިރު މީގެ ތެރެއިން 17،858 މީހުން ޒަކާތް ދައްކާފައިވަނީ އޮންލައިންކޮށެވެ. މި މުއްދަތުގައި 3005 މީހުން ޒަކާތްދައްކާފައިވަނީ އެ މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުތަކަށް ކަމަށްވެސް އެ މިނިސްޓރްީން ވަނީ ބުނެފަ އެވެ.

މިނިސްޓްރީން ބުނީ، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް އެ ފައިސާ ދައްކަން ބޭނުންނުވާ މީހުންނަށް މާދަމާއިން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލުން ޒަކާތް ބަލައިގަތުމުގެ ކަންތައްވެސް ކުރިއަށްގެންދާނެ ކަމަށެވެ. އެތަނުން ޒަކާތް ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 1:00 އަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގު، ފައިސާއިންނެވެ.

ފިތުރު ޒަކާތް ބަލައިގަންނާނީ ދިރާގު ޕޭ، އެމް ފައިސާ، ފައިސާ މޮބައިލް، ޕޯޓަލް، ފަހިޕޭ އަދި ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެއެވެ. އަދި ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓްރީގެ ކައުންޓަރުތަކުން ޒަކާތްބަލައިގަތުން ރޯދަމަހުގެ އެންމެފަހު ދުވަހުގެ އިރުއޮއްސި 6:00 އާއި ހަމައަށް ކުރިއަށް ދާނެއެވެ.

  • އާދައިގެ ހަނޑޫ - 12 ރުފިޔާ
  • ތައިލެންޑު ހުދު ހަނޑޫ - 77 ރުފިޔާ
  • ރަތް ހަނޑޫ - 72 ރުފިޔާ
  • ބާސްމަތީ އާދައިގެ ހަނޑޫ - 77 ރުފިޔާ
  • ބާސްމަތީ މޮޅު ހަނޑޫ - 90 ރުފިޔާ
  • ބާސްމަތީ އެންމެ މޮޅު ހަނޑޫ - 132 ރުފިޔާ
  • އާދައިގެ ފުށް - 12 ރުފިޔާ
  • އާޓާފުށް - 75 ރުފިޔާ

ފިތުރު ޒަކާތް ބަހާނީ ރޯދަމަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ފިތުރު ޒަކާތް ދޭނީ ފަގީރުންގެ ލިސްޓުގައިވާ މީހުންނަށެވެ. މިއަހަރުގެ ފަގީރުންގެ ލިސްޓުގައި ހިމެނެނީ 8984 މީހުންނެވެ. ފަގީރުންގެ ދަފްތަރު އަޕްޑޭޓްކޮށްފައިވަނީ މި ރޯދަމަސް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. މިދިޔަ އަހަރު ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނީ 7778 މީހުންނެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނީ މިއަހަރު ރާއްޖޭގައި 42 ރަށަކުން އެއްވެސް މީހަކު ފަގީރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ފަގީރެއްގެ ގޮތުގައި އެއްވެސް މީހަކު ރަޖިސްޓްރީ ނުކުރާ 45 ރަށެއް އޮތެވެ.