ގައުމީ އެއާލައިން ފުޅާކޮށް އިންޓަނޭޝަނަލް ކަނެކްޓިވިޓީ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސައުތު އެފްރިކާގެ ޖޮހަނަސްބާގްއަށް ދަތުރު ފަށަން ތައްޔާރުވެއްޖެއެވެ.

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު މިހާދު "ވަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުގައި ވިދާޅުވީ މިހާރުވެސް ޖޮހަނަސްބާގް އަށް ޗާޓާޑް ފްލައިޓްތަކެއް އަޅާފައިވާނެ ކަމަށާއި މޯލްޑިވިއަންގެ ދަތުރުތައް އެ ގައުމަށް ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

"މިމަސް ތެރޭގައި އަޅުގަނޑުމެން ސައުތު އެފްރިކާގެ ޖޮހަނަސްބާގް އަށް ދެ ޗާޓަރު ފްލައިޓެއް އަޅައިފިން. އަޅުގަނޑުމެން މި އުއްމީދު ކުރަނީ އަންނަ މަހުން ފެށިގެން އެއީ ރެގިއުލާ ފްރިކުއެންސީ އަކަށް ހެދުމަށް. އެކަމަށް ސައުތުއެފްރިކާގެ ވަރަށް ރަނގަޅު ޓުއާ އޮޕަރޭޓާއަކާ މިދަނީ ޑިސްކަޝަންތައް ކުރަމުން. އިރާދަކުރެއްވިއްޔާ ކުރިއަށް ކުރިއަށް އޮތް ހަފުތާ ތެރޭގައި އެކަމަށް ގޮތެއް ނިމޭނެ،" މިހާދު ވިދާޅުވިއެވެ.

މިހާދު ވިދާޅުވީ އިންޓަނޭޝަނަލް ދަތުރުތަކަށް ބޭނުންކުރަން ޖެހެނީ ލޯންގް ހައުލް އެއާކްރާފްޓްތައް ކަމަށާއި ނަމަވެސް މިވަގުތު މޯލްޑިވިއަން އިން ބޭނުންކުރާ އެއާބަސްގެ ދެ އެއާކްރާފްޓަކީވެސް ޝޯޓް ހައުލް އެއާ ކުރާފްޓްތައް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިގު ދަތުރުކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ނަމަވެސް ލޯންގް ހައުލް އެއާކުރާފްޓްތައް ހޯދުމުގެ މަސައްކަތްވެސް އެކުންފުނިން ފަށާފައިވާ ކަމަށްވެސް މިހާދު ވިދާޅުވިއެވެ.

މޯލްޑިވިއަން އިން އަންނަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ޓްރިވެންޑްރަމްއަށް ދަތުރުތައް އަލުން ފެށުމަށްވެސް ތައްޔާރު ވަމުންނެވެ. އަދި މެލޭޝިއާއަށް ހާއްސަ ދެ ފްލައިޓެއް އެޅުމަށް ރާވާފައިވާއިރު މާލެ-ޗެންނާއި-ޑާކާގެ ދަތުރުތަށްވެސް މި މަސްތެރޭގައި ފަށަން މޯލްޑިވިއަން އިން އަންނަނީ ތައްޔާރު ވަމުންނެވެ.