ކިރްގިސްތާންގައި ފާއިތުވި ހަތަރު ދުވަހު ކުރިއަށްދިޔަ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖޭން ވާދަކޮށް، ކޮލިފައިން ފުރަތަމަ މެޗުގައި އޭޝިއާގެ އެންމެ ފަހުގެ ޗެމްޕިއަން، ދުނިޔޭގެ ރޭންކިން ހަ ވަނައިގައި އޮތް އީރާން އަތުން ރާއްޖެ ބަލިވީ 17-0 އިންނެވެ. ދެ ވަނަ މެޗުގައި ކިރްގިސްތާން އަތުން ވަނީ 7-1 އިން ބަލިވެފަ އެވެ. އަދި ފަހު މެޗުގައި އިއްޔެ ތުރުކުމެނިސްތާން އަތުން 7-0 އިން ބަލިވީއެވެ.

އެ ތިން މެޗުންވެސް ރާއްޖެ ބަލިވުމާއެކު އުންމީދު އާވި ބަޔަކާއި އުންމީދު ކަނޑާލި ބަޔަކުވެސް ފެނެއެވެ. ހަގީގީ ނަޒަރަކުން ވިސްނާލާއިރު، އެ މެޗުތަކުން ބަލިވުން އެއީ މައްސަލައެއް ކަމަށް ބެލެވޭކަށް ނެތެވެ. ރާއްޖެ ވާދަކުރި ހުރިހާ ގައުމުތަކަކީވެސް ފުޓްސަލްގެ ރަނގަޅު ސްޓްރަކްޗާއެއް ބައްޓަން ކޮށްފައިވާ ގައުމުތަކެވެ. ހާއްސަކޮށް އީރާން ފަދަ ގައުމުތަކަކީ ދުނިޔޭގެ ފުޓްސަލްގެ އެންމެ މަތީ ފަންތީގެ ގައުމުތަކެވެ. އެހެންކަމުން ރާއްޖޭގެ ޓީމު ބަލވި ބަލިވުމަށް ކުޑައިމިސް ބަހެއް ބުނަން ޖާގައެއް ނެތެވެ.

ރާއްޖޭން އެންމެ ފުރަތަމަ އޭޝިއާ ލެވަލްގެ ބޮޑު ފުޓްސަލް މުބާރާތެއްގައި ކުޅުނީ 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ބޭއްވި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގަ އެވެ. އޭގެ ފަހުން މިދިޔަ މަހު ތައިލެންޑް އިންވިޓޭޝަނަލް ފުޓްސަލް މުބާރާތުގައި ކުޅުމަށް ފަހު މި ފަހަރު ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައެވެ. މުބާރާތްތަކުގެ ކުރިން ރާއްޖޭގެ ޓީމަށް އަބަދުވެސް ދިމާވާ މައްސަލައަކީ އިންޑޯގައި ފަރިތަކޮށްލަން ނުލިބުނެވެ. މިފަހަރުގެ މުބާރާތަށް ދިޔައީވެސް އެގޮތަށް ފަރިތަނުކުރެވިއެވެ. އެއީ ފުޓްސަލްއަށް ހާއްސަ އިންޑޯއެއް ރާއްޖޭގައި ނެތުމުންނެވެ. ފުޓްސަލްއަށް ހާއްސަކޮށް ހުރިހާ ސަރުކާރަކުންވެސް ރާއްޖޭގައި އަޅާފައި ވަނީ ޓާފް ދަނޑުތަކެވެ.

ކޮލިފައިން ނިންމާލުމަށް ފަހު ކިރްގިޒް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ރާއްޖޭގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިޔާޒު (ނިޔާ) ބުނީ އޭޝިއަން ފުޓްސަލް ކަޕަށް ކޮލިފައިނުވުމުން އެކަމާ ދެރަވާ ނަމަވެސް މުބާރާތުގެ ކޮލިފައިންގައި ކުޅެލަން ލިބުނު ފުރުސަތަކީ ތަޖުރިބާއެއް ކަމަށެވެ.

"މި މުބާރާތުގެ އަލީގައި ރާއްޖޭގެ ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ވެސް މިއީ ލިބިގެންދިޔަ ރަނގަޅު ތަޖުރިބާއެއް،" ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު މިޑްފީލްޑަރު، ނިޔާ ބުންޏެވެ.

ނިޔާ ބުނީ އެންމެ ފުރަތަމަ މެޗުގައި ވަރުގަދަ އީރާނާ ޖެހުނުއިރު، ރާއްޖޭގެ ޓީމަށް ރަނގަޅަށް ނުކުޅެވުނު ކަމަށެވެ. އެކަމަކު، މެޗަކަށް ފަހު މެޗެއްގައި ރާއްޖޭގެ ކުޅުން ދިޔައީ ރަނގަޅުވަމުންކަން ނިޔާ ފާހަގަކުރި އެވެ.

"އިންޝާﷲ. އަހަރެމެން ވަރަށް ރަނގަޅަށް ކުރިއަށް އޮތްތަނުގައި ތައްޔާރުވާނަން. އެއީ، އަހަރެމެންގެ ގައުމުގައި މި ކަމަށް (ފުޓްސަލް އަށް) ބޭނުންވާ އެންމެ ރަނގަޅު ފެސިލިޓީއެއް މިވަގުތަކު ނެތް. އުންމީދަކީ ކޮންމެވެސް ދުވަހެއްގައި އެ ފެސިލިޓީ ހުރުން. އޭރުން ކުރިއަރާނެ،" ނިޔާ ބުންޏެވެ.

ފުޓްސަލްގެ އިންޑޯއެއްގެ ހައްލު ހޯދައިދިނުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ވައުދުވެވަޑައިގެންފައެވެ.

"ޕްރެކްޓިސް ކުރާނެ އިންޑޯއެއް ނެތި ފުރަތަމަ ކޮލިފިކޭޝަންގައި 12 ފަހަރުގެ ޗެމްޕިއަން އަތުން ބަލިވުމަކީ މައްސަލައެއްނޫން. ފުޓުބޯޅަ އާއި ފުޓްސަލްގެ ތަފާތު ނޭނގޭ ބަޔަކު ކުރާ މަލާމާތަށް ނުބަލައި މަސައްކަތްކުރީމަ ރަނގަޅުވާނެ. އިންޑޯއެއް ތަރައްގީކުރުން އަވަސްކޮށްދޭން މަސައްކަތްކުރާނަން،" އީރާންގެ މެޗަށްފަހު ރާއްޖޭގެ ޔޫތު މިނިސްޓަރު މަހުލޫފް ކުރެއްވި ޓުވީޓްގައިވެއެވެ.

ފުޓްސަލްއަކީ ރާއްޖޭގެ ހަލުވިކޮށް ކުރިއަރަމުން އަންނަ ކުޅިވަރަކަށްވީ އިރު، ހުރިހާ ފުޓްސަލް ކުޅުންތެރިންގެވެސް އެންމެ ބޮޑު އުންމީދަކަށް ވާނީ އިންޑޯއެކެވެ. އެއަށްފަހު ވިސްނުން ހިންގާލަންވީ ލީގަކާ ދިމާލަކަށް ކަމަށް ބެލެވެއެވެ. ދާއިމީ ގޮތެއްގައި ގައުމީ ޓީމު ނަގަން ބެލޭނެ ލީގެއް އޮތުން މުހިއްމެވެ. އެއީ ފުޓްސަލްގައި އެޅިގެންދާނެ ހެޔޮ ފާލަކަށްވާނެއެވެ.