މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކައިގެ ފަސް ބޯޓު މިއަހަރު އިތުރުކުރާނެ ކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ބުނެފިއެވެ.

އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު "ވަން" އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އިއްޔެ ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން އޭޓީއާރު މަރުކައިގެ ޖުމުލަ ފަސް އެއާކްރާފްޓެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ ޖުލައި މަހުގެ ތެރޭގައި ދެ އެއާކްރާފްޓް ގެނެވޭނެ ކަމަށް މިހާދު ވިދާޅުވިއެވެ.

އައިއޭއެސް އިން ވަނީ މިދިޔަ ޖެނުއަރީ މަހު އޭޓީއާރު 600-72 ގެ ދެ މަތިންދާ ބޯޓާއި އޭޓީއާރު 400-72 ގެ އެއް މަތިންދާބޯޓު ގަންނަން އެ ބޯޓުތައް އުފައްދާ ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިހާދު ވިދާޅުވީ މި ބޯޓުތަކަށް ފައިނޭންސްކުރަން ހުޅުވާލުމުން އަށް ފަރާތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށާއި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ޔޫރަޕްގެ ކުންފުނިތައްވެސް ހިމެނޭ ކަމަށެވެ. އަދި ޕްރޮޕޯސަލްތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ތިން އެއާކްރާފްޓްވެސް މި އަހަރުގެ އޮކްޓޯބަރު ނުވަތަ ނޮވެމްބަރު މަހު ލިބޭނެ ކަމަށް މިހާދު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑުމެން މިގެންނަ، ޖުލައި މަހުގައި އިންޑަކްޓް ކުރެވޭ ޑްރައިލީސް ދެ އެއާ ކްރާފްޓާއި މި އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަސްތެރޭގައި ލިބޭ ތިން އެއާ ކްރާފްޓާއެކު އަޅުގަނޑުމެން އިތުރަށް އެހެން ބަޔަކަށް ބަރޯސާ ނުވެ އަޅުގަނޑުމެންނަށް އާންމު ރައްޔިތުންނަށާއި ވިޔަފާރި ބައިވެރިންނަށް ހިދުމަތް ދެވިގެން ދާނެ،" މިހާދު ވިދާޅުވިއެވެ.

މޯލްޑިވިއަންއަށް އަންނަ ޖުލައި މަހު ގެންނަ ދެ އެއާކްރާފްޓަކީ ކުއްޔަށް ގެންނަ ދެ އެއާކްރާފްޓެވެ. އަދި މި އަހަރު ފަހުކޮޅު ގެންނަ ތިން އެއާކްރާފްޓަކީ އެކުންފުނިން ގަނެގެން ގެންނަ ތިން އެއާކްރާފްޓެވެ. މި އެއާކްރާފްޓްތައް ފްލީޓަށް އިތުރުވުމުން މިހާރު އޮންނަ ޑިމާންޑާ އެއްވަރަށް މޯލްޑިވިއަންގެ އަމިއްލަ ބޯޓުތަކުގައި ދަތުރުތައް ކުރުމަށް އެއްވެސް ދަތިކަމެއް ނޯންނާނެ ކަމަށް މިހާދު ވިދާޅުވިއެވެ.

މޯލްޑިވިއަންއަށް ގެންނަ އޭޓީއާރު މަރުކާގެ ބޯޓުތަކަކީ ތިމާވެއްޓާ ރައްޓެހި އަދި ފިއުލް ހަރަދާއި މެއިންޓެނެންސް ހަރަދު ކުޑަ އެއާކްރާފްޓް ތަކެކެވެ. މިހާދު ވިދާޅުވި ގޮތުގައި މިހާރު ބޭނުންކުރަމުން ގެންދާ ޑޭޝް-8 މަރުކައިގެ ބޯޓުތަކަކީ މެއިންޓެނެންސް ހަރަދު ބޮޑު ބޯޓުތަކެކެވެ.

ޑޭޝް-8 މަރުކާގެ ބޯޓުތަކަކީ މިހާރު އައުޓް ޑޭޓެޑް އެއާކްރާފްޓަކަށް ވާއިރު އެ މަރުކާގެ ބޯޓުތައް އުފެއްދުންވެސް ހުއްޓާލާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މޯލްޑިވިއަންގެ ފްލައިޓްތަކަށް ބޭނުންވާ ސްޕެއާ ލިބުމުގައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށާއި އޭޓީއާރު މަރުކައިގެ ފްލައިޓްތަކަށް ބަދަލުކޮށްލުމުގެ އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީ ކަމަށްވެސް މިހާދު ވިދާޅުވިއެވެ.

މޯލްޑިވިއަނުން މިވަގުތު ޖުމްލަ 23 އެއާކްރާފްޓް ބޭނުން ކުރެއެވެ.