އަބަދުވެސް އިވޭ އަޑެކެވެ. ވަކި ވައްތަރެއްގެ ވަޒީފާއެއްގެ ނަން ބުނެލައިފިނަމަ މަންޒަރު ސިފަވެސް ކުރެވެއެވެ. މޭކަޕް ކުރާ މީހެއް، ކޭކުއަޅާ މީހެއް، ޖަރީކުރާ މީހެއް، ފަހާ މީހެއް ނުވަތަ ނަރުހެކޭ ބުނެފިނަމަ ހަމަ ވަގުތުން ސިފަވާނީ އަންހެނެކެވެ. އިންޖިނިއަރެއް، މަސްވެރިއެއް، ކަނބުރުވެރިއެއް، ނުވަތަ ބޯކޮށާމީހެކޭ ބުނެފިނަމަ ސިފަވާނީ ފިރިހެނެކެވެ. ހަމަ މިގޮތަށް ޓެކްސީ ޑްރައިވަރެކޭ ބުނުމުން ސިފަވަނީ ފިރިހެނެކެވެ. އެކަމަކު ފަހަކަށް އައިސް ފިރިހެނުންނަށް ދޫނުކުރާ ފެންވަރުގައި ރެއާއިދުވާލު ރައްޔިތުންގެ ހިދުމަތުގައި ދަތުރުތަކުގައި އުޅެމުން އަންނަ މި އަންހެން ޓެކްސީ ޑްރައިވަރުގެ މިންނެތް މަސައްކަތުން އެއީ ހަމައެކަނި ފިރިހެނުންނަށް ހާއްސަކަމެއް ނޫންކަން ސާބިތުކޮށްދީފިއެވެ.

ގދ. ވާދޫ ހެޕީ ދޮންދީދީއާއި އެގޭ އަހްމަދުދީދީއަށް ލިބުނު 7 ކުދިންގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިބި 6 ކުދިންގެ ދޮށްޓަށް އިން އައިމިނަތު ވަހީދާ އާންމު އެންމެން ދަންނަ، ދަތުރުތަކުގެ އިތުބާރު ކުރެވޭ އެކުވެރިޔާ އައިންތުއަކީ ރާއްޖޭގައި ޓެކްސީދުއްވުމުގެ ތާރީހު ބަދަލުކޮށްލި ކުޅަދާނަ، ކެރޭ، ހިތްވަރުގަދަ އަންހެން ޓެކްސީ ޑްރައިވަރެވެ. ޑްރައިވިން ހަޔާތުގައިވެސް އެތަކެއް ދަތި ހުރަސްތަކެއް ކުރިމަތިވުމާއެކުވެސް ހަތް އަހަރުވަންދެން އައިންތު ކުރަމުން މިއަންނަ މަސައްކަތުގެ ފެށުމާއި އޭގެ ކުރިއާއި އަދި މިހާރުގެ ވާހަކަތައް އޭނާ ވަނީ "ވަން"އާ ހިއްސާކޮށްފަ އެވެ.

ފޯރުންތެރިކަމާއި ތަނަވަސްކަމެއް އައިންތުއަށް ލިބިފައެއް ނުވެއެވެ. މިހާރުވެސް ކޮންމެ ދުވަހަކު ބައްޕަ މަހަށް ދިއުމަށްޓަކައި ގެއިން ނުކުންނައިރު ގެންދަނީ ތުނިކޮށް ފިހެފައި އޮންނަ ބޯކިބާ، ނުވަތަ މަސްރޮށްޓެއް ކަހަލަ ފޮޅިއެކެވެ. އެއީ އެބައްޕަގެ މުޅި ދުވަސް ބުރަމަސައްކަތުގައި ހޭދަ ކުރާއިރު ކާން ލިބޭ ހަމައެކަނި ކެއުމެވެ. ލޯބޯ ފިއްސައިގެން އަނބިދަރިންނަށްޓަކައި ޖާނާއި މާލުން، ހިތާއި ފުރާނައިން ފިދާވެ ގުރުބާން ވަމުންދިޔަ ބައްޕަގެ ރޭދުވާ ވަކި ނުކޮށް ކުރަމުންދިޔަ ބުރަ މަސައްކަތަށް އަތެއް ދިނުމަކީ އައިންތުގެ އެންމެފުރަތަމަ އަޒުމެވެ.

"ވަރަށް ދެރަވެ ހިތުގަ ޖެހޭ މަންޒަރެއް އެއީ، މިހާރުވެސް ހަނދާން ހުރޭ، ބައްޕަ މަހަށްދިއުމަށް ފުރާ ދޯންޏަށް ދާއިރު ގެންދާ ބޯކިބާ، އެއީ މުޅި ދުވަހު ދޯނިމަތީގަ އުޅޭއިރުގެ ކެއުން." އައިންތުއަށް މިހިސާބަށް ބުނެވުނީވެސް ހިތްވަރުންނެވެ. އައިންތުގެ އަޑު ބެދި އެސްފިޔަތައް ތެމުނެވެ. ދެތިން މިނިޓް އިސްޖަހައިގެން، ހިންދިރުވާލައި އަމިއްލަ ނަފުސު އަމިއްލަ ބާރުގެ ދަށަށް ގެންދިއުމަށްފަހު އިސްއުފުލައިލީ ހިނިތުންވަމުންނެވެ.

ދިރިއުޅުމުގައި ދިމާވި ކޮންމެ ކަމެއްގައިވެސް އައިންތުގެ ހަނދާނުން ފޮހެނުލައި ތާއަބަދު ހަރުލާފައި ހުންނަ ބައްޕަގެ ނަމޫނާ މިސާލަކީ އޭނާގެ ހިތްވަރެވެ. އާއިލާއެއްގެ ދޮށްޓަށް ފިރިހެން ދަރިފުޅަކު ލިބުމުގެ ބަދަލުގައި އަންހެން ދަރިފުޅަކު ލިބުމުން، ބައެއް ހާލަތްތަކުގައި ދިމާވާ ކަންތައްތަކަށް ދަތިވެގެން ދާ ވަގުތު އައިންތު އެ އުނިކަން ފޫބައްދައިލަދޭ، ގަދަފަދަ ވަރުގަދަ މަސައްކަތްތެރިގޮތުން ބައެއް ފަހަރު އައިންތަކީ އާއިލާއަށް އަންހެންކުއްޖެއްގެ ސިފައިގައި ލިބިފައި ހުރި ފިރިހެން ދަރިފުޅެކޭ ބުނެވެއެވެ. މަންމަ ހީނލާފައި މިހެން ބުނުމުން އައިންތުއަށް އާއިލާގައި ދޮށީ ދަރިފުޅެއްގެ ޒިންމާއަކީ ބޮޑު ކަމެއްކަން ކުޑަކުޑައިރުވެސް އިހުސާސްކުރެވެއެވެ.

އެކިކަހަލަ ދަތިތަކާއި ދިރިއުޅުމުގެ ހާލަށް ދިރިތެޅުނު ހާލަތުން ނުކުމެ އަމިއްލަ ފައިމަތީގައި ރިވެތި ނަމޫނާއެއް ދައްކަމުން އަންނަ އައިންތަކީ ފުރަތަމަ ދުވަހެކޭ އެއްފަދައިން މިއަދުވެސް އަބުރުވެރި ފަހުރުވެރި އަންހެންދަރިއެކެވެ. މަސައްކަތްތެރި ފަހުރުވެރި ޒުވާން މަންމައެކެވެ. ކޮންމެ ހާލެއްގައި އުޅެމުން އަންނައިރުވެސް އަބަދުވެސް އިއްޒަތާއި ގަދަރާއި ކަރާމާތަށް އަމާނާތްތެރިވުމުގައި ސާބިތުވެ ހުރުމަކީ އައިންތުގެ ބަދަލު ނުވި ގަދަފަދަ އަޒުމެކެވެ.

"ބައެއްފަހަރު އެބަހުރި ގުޅާފަ މީހުން ފާޑުފާޑުގެ ދައުވަތުދީފަ، ހާހުންހާހުން އަގުކިޔާފަ، ހާބަރުކަޑައިގަ އުޅުނުއިރު ބަދިގެއަށް ވަދެ ލޯފޮހެން ޖެހުނީ ކިތައް ދުވަހު ކަމެއް ނޭނގޭ. އެކަމަކު ކިތަންމެ ފަގީރަސް ކިރިޔާ ބަނޑުފުރާނަ މުއްތި ކުރެވޭ ވަރު ނުވާ ދުވަސް ހޭދަވީއިރުވެސް އައިންތުގެ ނަފުސުގެ އަގުމާބޮޑު، އީމާންތެރިކަން ހުރޭ. މުޖުތަމައުން އެފަދަ ކަންތައް ދިމާވަނީވެސް ބައެއް ކުދިން ކަންތައް ކުރާ ގޮތުންކަން ގަބޫލު ކުރަން."

އައިންތުގެ ދޮށީ އަންހެން ދަރިފުޅަކީ މިހާރު ގައުމަށް ހިދުމަތްކުރުމުގައި، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގެ ޒިންމާދާރު ނަރުހެކެވެ. ހަގު ފިރިހެން ދަރިފުޅު ގްރޭޑް ދިހައެއް ނިންމުމަށްފަހު އޯލެވެލް އިމްތިހާނަށް ތައްޔާރުވަނީއެވެ. މިރޯދަމަހުވެސް ޓެކްސީ ކުރުމުގައި ރައްޔިތުންގެ ހިދުމަތުގައި ކުރިއަށް ދަތުރު ކުރަމުން އަންނައިރު، އަދަކު ތެޅެމުން ފޮޅެމުން ކާރުން ފައިބާކަށް ނުޖެހެއެވެ. އަސުރު ނަމާދަށް ކާރު ބޭއްވުމަށްފަހު ފޭބިނަމަވެސް ރޯދަމަހުގެ އިރުއޮއްސޭވަގުތުގެ އެއްވެސް ކަމަކަށް ބަދިގެއަށް ވަންނާކަށް ނުޖެހެއެވެ. އައިންތުގެ އަންހެންދަރިފުޅު ނުހަނު ލޯތްބާއެކު މަންމައަށް ބަދިގެއަށް ނުވަދެ އަރާމުކޮށްލާފައި ބޭނުމިއްޔާ ކާރަށް އަރަން ދާން ބުނެލާއިރު މި މަންމަގެ ހިތް ލޯބިން ފުރިގެން އާދެއެވެ.

އަންހެނަކަށްވިޔަސް އައިންތުއަކީ ފިސާރި ހިތްވަރުގަދަ، ކެރޭ، ދިމާވާ ކަންތައްތަކާ ކެތްތެރިކަމާއެކު ކުރިމަތިލާ އެހައިމެ ހަރުދަނާ މީހެކެވެ. މައުސޫމު ކުޑަކުއްޖެއްގެ އުމުރުގައި، ކުޅޭތަކެއްޗަށް ހިތްޖެހި އެތަކެތިން އުފާލިބިގަންނަ އުމުރުގައި އައިންތުއަށް ކުޅެން ލިބުނީ ކޮންއެއްޗެއް ހެއްޔެވެ؟ ކުޑަކުއްޖެއްގެ ގޮތުގައި، އިން އައިންތު ގެ އުނގުގައި ކުޅެން، ގެންގުޅެން އޮތީ، ތުބުން ބުއްފުޅި ނައްޓާލީމަ ރޮއިގަންނަ ބޯބުޅި ބުދެއް ނޫނެވެ. އެކަމަކު ބަނޑުހައިވީމަ ރޮއި ގަނެއެވެ. ބުދު ފެންވަރުވާކަށް ނުޖެހެއެވެ. ބޮލުގައި އޮންނަ ރަންކުލައިގެ އިސްތަށިގަނޑު، ބޭނުންނަމަ ކުލަކުލައިގެ ރިބަނުން އައްސާލުން ނޫނީ ގޮތެއް ނުހެދިޔަސް އޮންނަނީ ރީތިކޮށެވެ. އަދި ސާފުކޮށް ފެންވަރުވައި ހެދުން ބަދަލުކުރުވައި ހަދާކަށްވެސް ނުޖެހެއެވެ. އެކަމަކު އައިންތުއަށް ކުޅެން ލިބުނު ރަންކުލައިގެ ލޯބިލޯބި ފުށްގަނޑު ތަފާތެވެ. ތަދެއް ވިޔަސް އަދި އެހެން ކަމެއް ބޭނުންވިޔަސް ބުނެދޭން އެނގެނީ ހަމައެކަނި ރުއިމުންނެވެ. ހުރިހާ ވަގުތަކުވެސް ސަމާލުކަން ދޭންޖެހެއެވެ. ބަރާބަރަށް ސާފުތާހިރުކޮށް، ފެންވަރުވައި ނަލަކޮށް ފަރުވާތެރިކަމާއެކު ހުރިހާ ވަގުތަކުވެސް ހުޝިޔާރުވެ ހުންނަން ޖެހެއެވެ. މިއީ އެހެން ކުދިންނާ ތަފާތުކޮށް އައިންތުއަށް ކުޅެން ލިބުނު، ބައިވެރިޔާގެ ވާހަކައެވެ. އާނއެކެވެ. ކުޑަކުއްޖެއްގެ ގޮތުގައި އިން 18އަހަރު ނުފުރޭ އައިންތުގެ އުނގުގައި އޮތީ ލޯބިލޯބި ދަރިފުޅެކެވެ.

ފުރަތަމަ ކައިވެނި ކުރެވުނުއިރު އައިންތުއަށް ކައިވެންޏަކީ ކޮބައިކަމުގެ އެއްވެސް މައުލޫމާތެއް ނޭނގެއެވެ. އައިންތަކީ އާއިލާގެ ދޮށީ ދަރިފުޅެވެ. ހުރިހާ މަންޒަރަކާއި ކަންތަކެއް އޮތީ އައިންތުއާ ހަމައިގައި ސާފުކޮށް ހާމައަށެވެ. ކައިވެންޏާއި ފިރިމީހާއަކީ ކިހިނެއްވާ ކޮންއެއްޗެއްކަން ނޭނގޭ މިންވަރަކީ ހާކިމާ ކައިވެނި ކޮށްދިނުމަށް، ހުތުބާ ކިޔައި ނިކާހުލައިދީ، އަނބިގަބޫލުތޯ އަހައި މިހުރިހާ ކަމެއް ނިމި ދުއާއަށް މޫނުފިރުމުމަށްފަހު އެންމެން އިށީނދެ ހަމަޖެހުމުން އައިންތު އެނބުރުނީ މަންމައާއި ބައްޕައާ ދިމާއަށެވެ.

"މިދެން ކައިވެނިކުރެވުނީނު. އައިންތު ދެންމިދަނީ ގެއަށްދާން!"

ރަކިގޮތަކަށް ހީނލާފައި ކައިވެނީގެ ރޭ އައިންތު ބުނެލީ އޭނާގެ މައުސޫމިއްޔަތުކަމުގެ ކިހާވަރެއްގެ ހެއްކެއް ސާބިތުވާފަދަ ޖުމުލައެއްކަން އެދުވަހު އެތާނގައި ތިބި އެންމެނަށް އިހުސާސް ވީކަމެއް ނޭނގެއެވެ. އެކަމަކު އައިންތު މިވާހަކަ ހިއްސާކޮށްލި ވަގުތު އަޑު އަހަން ތިބި ހުރިހާ މަންމައިންނަށް އެކަން އިހުސާސް ކުރެވުނެވެ. "މަމްސް އެންޖީއޯ"ގެ ފަރާތުން މިއަހަރުގެ އަންހެނުންގެ ދުވަހުގައި ބޭއްވި ކުޑަ "ޓީބްރޭކް" ގައި ހަޔާތުގެ ދަތުރުގައި މިހިސާބަށް އާދެވުނު ގޮތް ކިޔައިދިން ވަގުތުވެސް އަދި އޭގެ ފަހުން، ދެރެއެއްވަރު ކުރިން އައިންތު "ވަން" އަށް ކިޔައިދިން އިރުވެސް، މިއިން ކޮންމެ ވާހަކައެއް، ތާރީހާއެކު އައިންތު ކިޔައިދޭ ގޮތުން، އައިންތުގެ ދިރިއުޅުމުގެ މިކަންތައްތަކަކީ އޭނާގެ ހިތަށް ކިހާ އަސަރެއް ކުރުވާފައިވާ ކަންތައްތަކެއްކަން ދޭހަވެ ހާމަވެއެވެ.

"އެއްފަހަރަކު އައިންތުއަށް މެސެޖުން ބިރު ދައްކައިގެން ކަމާބެހޭ ފަރާތްތަކުން ހޯދައި ބެލިއިރު، އެއީ ކޮންމެވެސް ޑްރައިވަރެއްކަމަށްވީ، އަންހެނެއްހެން ގޭގައި އޮވެބަލާށޭ، ތިހެން އުޅެނިކޮށް މިވެނިހެން އެވެނިހެން ހަދަން ޖެހިދާނެއޭ ބުނާ ކަހަލަ މެސެޖުތަކެއް. ފާޑެއްގެ ބިރެއްގެ ތެރޭ ހުންނަން ޖެހުނީ، އެކަމަކު އައިންތު މީ އެހާފަސޭޖައިން ގޮތްދޫކުރާ ކަހަލަ މީހެއް ނޫން. އަބަދުވެސް ކުޑައިރުވެސް މިހާރުވެސް މަންމަމެންވެސް ބުނާނެ ވަރަށް ބޯހަރުވާނެއޭ. އެކަމަކު މިހާރު އައިންތުއަށް އެނގެނީ އައިންތުގެ ސެލްފްޑިފެންސަކަށް ވީ އެބޯހަރު، ގޮތްދޫނުކުރާ މިޒާޖުކަން."

އައިންތުއަކީ އަންހެން ޑްރައިވަރަކަށް ވުމުން ބައެއް ފިރިހެން ޑްރައިވަރުންގެ ފަރާތުން ފާޑުފާޑުގެ މެސެޖުތަކާއި ބިރުދެއްކުމުގެ ކަންތައް ހިނގައިދިޔަ ދުވަސްވެސް މާޒީއާއެކުވެ ހިނގައްޖެއެވެ. އައިންތުގެ ދެވަނަ ކައިވެންޏަކީ ލޯބިވެގެން ނުހަނު ބޭނުންވެގެން ކުރި ކައިވެންޏެއް ނަމަވެސް އެކައިވެނީގެ ހިތިވޭނާއި ތަދާއެކު އެފިރިމީހާގެ ފަރާތުން އައިންތުއަށް ދިން ގެއްލުންތައް ބޮޑެވެ. އައިންތު އަގުދައްކައިގެން އަމިއްލަ މަސައްކަތުން ހޯދި ފައިސާއިން ގަނެފައި އޮތް ދެކާރަށް އެތައް ފަހަރެއްގެ މަތިން ތަފާތު އެހައިމެ ބޮޑެތި ގެއްލުންދީ އައިންތުއަށް އެތައް ވައްތަރެއްގެ ބިރު ދެއްކުންފަދަ ކަންތައްތައް އެފިރިމީހާ ވަނީ ކޮށްފައި ކަމަށް އައިންތު ބުނެއެވެ.

އެތައް ހަރަދެއް ކޮށްގެން ކާރު އަލުން ހަދައި ނެރޭއިރަށް އަނެއްކާވެސް ގެއްލުމެއް ދެއެވެ. އެކަމުގެ ތެރޭގައި އައިންތުގެ ހާލު ދެރަވެ ނަފުސާނީ މާހިރުންގެ ލަފާ ހޯދަން ޖެހުނެވެ. މިހާރުގެ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ މިނިސްޓަރު އަހުމަދު މަހުލޫފު އަމިއްލައަށް ފެނިވަޑައިގެން އައިންތުގެ ގެއްލުން ލިބިފައި އޮތް ކާރު އަލުން އާކޮށްދެއްވިއެވެ. ނަމަވެސް މިމައްސަލަ ގޯސްވެގެން ދިޔަ މިންވަރަކީ އައިންތުއަށް ދުއްވަން ކާރު ދޫކުރަން ކާރުތަކުގެ ވެރިން ނުރުހެން ފެށުމެވެ. މިހާރު އައިންތު ދުއްވަނީ ކުލީ ކާރެކެވެ. އަމިއްލައަށް އޭގެ ހުރިހާ މަރާމާތަކާއި ހުރިހާ ހަރަދަކާ ހަވާލުވެގެންނެވެ.

އައިންތުގެ ދެވަނަ ފިރިމީހާގެ ފަރާތުން އޭނާއަށް ލޯތްބާއި ކުލުނަށްވުރެ ލިބެން ފެށި ވޭނާއި ދެރަ މާބޮޑެވެ. ދެންވެސް ކެތްކުރެވޭތޯ މަސައްކަތް ކުރަމުން ދަނިކޮށް އެންމެ ފަހުން ހިނގި ހާދިސާ ދެން އިތުރަށް ކެތްކުރުމަކަށް އައިންތުގެ ޒަމީރުވެސް އައިންތަކަށް ތަނެއް ނުދިނެވެ. އައިންތުގެ އަންހެން ދަރިފުޅު ކޯހެއްގައި ލަންކާގައި ހުއްޓައި ދަރިފުޅު ގާތަށް ދިޔައިރު، އައިންތު ދިޔައީ ހަގު ދަރިފުޅުވެސް ބޮޑުދައިތައެއް ގާތުގައި ބެހެއްޓުމަށްފަހުއެވެ. ގޭތެރެ އޮތީ ފިރިމީހާއަށް ހިތަކަށް ލިބިފައެވެ. އައިންތު ފުރައިގެން ދިއުމުން ގޭތެރޭގައި ފިރިމީހާ ދެއްކީ މުޅިން އަނދިރި ބިރުވެރި މަންޒަރެކެވެ. އެރޭ އައިންތު ލަންކާއިން އެނބުރި އައީ ފިރިމީހާގެ އުފަންދުވަސްކަމަށްވާތީ އަގުބޮޑު ހަދިޔާއެއްވެސް ހިފައިގެންނެވެ. އެކަމަކު އެރޭ ފިރިމީހާއަށް ދޭން އައި ސަޕްރައިޒް ލިބުނީ އައިންތަށެވެ.

އެހިސާބުން އައިންތުގެ ހިތް ހަލާކުވީއެވެ. އެކައިވެނިން މިންޖުވުމަށް ނިންމަން ޖެހުނީ ދަރިންނަށް އެފަދަ އެއްވެސް ކަމެއްގެ ހިޔަނިވެސް އެޅެން އައިންތު ބޭނުން ނުވާތީއެވެ. އައިންތުގެ މިހާރުގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދެކުދިންވެސް ތިބީ އަމާން ރައްކާތެރި ވެއްޓެއްގައި ކަމާއި އެކުދިން އެހިސާބަށް ގެނެސްފައި އެތިބީ އެއްވެސް މީހެއްގެ އަތުން ބޮޑު ލާރިއެއްވެސް ނުހޯދައި އަމިއްލަ އަތްފައި ކޮށައި މަށައިގެން ހަލާލު ގޮތުގައި ހޯދާފައިވާ އާމްދަނީން ކަން އިހުސާސްވުމެވެ.

"އައިންތު ހިތުގެ އަޑިން ބުނާ ތެދެއް މީ. ވަރަށް ބުނެދޭންވެސް ނޭނގޭކަހަލަ އުފަލެއްވޭ. ވަރަށް ފަހުރުވެރިވޭ، އައިންތުގެ ދަރިން އެހިސާބަށް ގެނެސް އެކުދިން އަމިއްލަ ފައިމައްޗަށް ނެގުމުގައި އައިންތު ކާމިޔާބު ވެއްޖެ ކަން، އައިންތުގެ މަސައްކަތުން އައިންތު ހޯދާ ފައިސާއިން ކަން އެކުދިންގެ ކަންތައްތައް ކުރަނީ، މިހެން ހިތަށް އެރިޔަސް ނޭނގޭ ހަމަޖެހުމެއް ލިބޭ. ރޫހާނީ އުފަލެއް ލިބޭ."

އައިންތުގެ ދިރިއުޅުން އެކި ތަފާތު އަޑިގުނޑަންތަކުން އައިސް ސަރާސަރު އަމާން މަގަކަށް ނުކުމެ މިއަދު ހަމަނޭވާ ލެވޭއިރު އިތުރަށް ދެން ޒަވާޖީ ހަޔާތެއް ނުފަށަންތޯ އަދި ބައިވެރިޔަކު ހިޔާރު ކުރުމުގައި ބަލާ މިންގަނޑުތަކެއް އެބަހުރިތޯ ސުވާލުކުރުމުން ހެވިލާފައި ޖަވާބު ދެމުން ބުންޏެވެ.

"ނޫނޭ. ހަޔާތުގެ ބައިވެރިޔަކުވެސް އަންނާނެ. އައިންތު ބޭނުންވަނީ އިންޑިޕެންޑެންޓް ވިސްނުމުގައި ހަރުދަނާ، އައިންތުގެ ޑްރައިވިން ކޯލުތަކަށްވެސް ޖަވާބު ދެވޭވަރުގެ މީހަކަށް އެމީހާ ވާން. އައިންތުއަށް އަންނަ ކޯލުތަކަށް އައިންތު ފޯނަށް ޖަވާބު ނުދެވޭ ހާލަތެއްގަ ހުރިނަމަ އެކުވެރިކަމާއި އިހުތިރާމާއެކު އެކޯލަށް ޖަވާބުދެވެން ޖެހޭނެ. ދެމީހުންގެ ކަންތައްތަކުގައި މަޝްވަރާ ކުރެވެން ޖެހޭނެ. އައިންތުގެ ހުރިހާ ކަމެއްގައި ބަރާބަރަށް ހިއްސާވާން އައިންތުވެސް އޭނާގެ ލައިފްގެ ހުރިހާ ކަމެއްގައި ހިއްސާ ކުރަން. ކުރިން މިހިރަމިހިރަ ކަންތައްތަކަށް ސަމާލު ނުވެވުނީ އައިންތު ބޭނުންވާ ގޮތް ހާމަނުކޮށް ސައިލެންޓް ވެވުނީމަ. އެކަމަކު މިހާރު އައިންތުއަށް ވަރަށް ބައިވަރު އެއްޗެހި ދަސްވެ އެނގިއްޖެ."

ކޮންމެއަކަސް ހާބަރު ކަޑައެއްގައި ވަޒީފާ އަދާ ކުރަމުން ގޮސް 17 އަހަރުފަހުން އަމިއްލަ ވުޖޫދުގައި ކޮންމެވެސް މީހަކަށް ވާން ޖެހޭ ކަމުގެ އިހުސާސާއި އުއްމީދުގައި ޑްރައިވިން ކުލާހެއްގައި ބައިވެރިވެ ކާރުދުއްވަން އައިންތު ދަސްކުރީ އެކަޑައިގެ ވެރިޔާ އައްޑޫއަލިބޭގެ އެހީގައެވެ. 10 ފަހަރު ފެއިލްވުމަށްފަހު ދެން ނެގި ޑްރައިވިން ޓެސްޓުން ފާސްވެ ކަޑައިގެ ވެއިޓަރުކަމުން ރާއްޖޭގެ ފުރަތަމަ އަންހެން ޓެކްސީޑްރައިވަރު ކަމުގައި ފައިތިލަ ސާބިތު ކޮށް 7 އަހަރުގެ ދިގު ދަތުރެއް، ދަތުރުނެގުމުގައި ހޭދަކުރަމުން އައިސް، މިއަދު މުޖުތަމައުގެ ކުދިބޮޑު އެންމެންގެ ލޯބިލިބިފައިވާ އައިންތުޑްރައިވަރަކީ ނަމޫނާ އަންހެނެކެވެ.

"ދިރިއުޅުމަށް މަސައްކަތް ކުރުމުގައި އަންހެން ފިރިހެން ވަކި ތަފާތެއް އޮންނާކަށް ނުޖެހޭ، އާމްދަނީގައި އެހެން ލިޔެފައެއް ނޯންނާނެ." މަސައްކަތެއް ކުރަން ޖެހޭ ހިސާބުން ކޮންމެ ކަމެއްވެސް ކުރަން ކެރޭނެކަމާއި ހަލާލު އާމްދަނީއެއް ހޯދުމަށް ހަލާލު މަސައްކަތެއް ވިއްޔާ އެނިމުނީ ކަމަށާއި ވަކިމަސައްކަތެއް ކުރާކަށް ވަކި ޖިންސަކަށް ހާއްސަކޮށް އަންގަވާފައެއް ނޯންނާނެކަމަށް ގަބޫލުކުރާ އައިންތަކީ ވިސްނުމުގައި ހަރުދަނާ، ސާދާ މިޒާޖެއްގެ އަންހެނެކެވެ. ހަމައެހެންމެ އުމުރަށްވުރެ މާބޮޑަށްވެސް ހަގުކަމަށް ފެންނަ ދުޅަހެޔޮ ސިއްހަތެއްގެ ވެރިއެކެވެ.

2021ވަނަ އަހަރު، ވިމެން އިން މެނޭޖްމަންޓް(ވިމް) އިން ދިން ހާއްސަ ގަދަރުވެރި "އިންސްޕިރޭޝަނަލް ވުމަން އޮފް ދި އިޔާ"ގެ އެވޯޑް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަތްޕުޅުން އައިންތުއަށް ވަނީ ލިބިފައެވެ. އެހެންކަމުން މިއަދު އައިންތުއަކީ ގައުމުގެ ގަދަރުވެރި ކަނބަލުންގެ ލިސްޓުގައިވެސް ނަން ހިމެނޭ ހިތްވަރުގަދަ އަންހެނެކެވެ. އަޅާ ކޮންމެ ފިޔަަވަޅެއް ދަރިންގެ ހައްގުގައި އަޅަމުން އަންނަ، އެކުދިންނަށް ލާބައާއިމަންފާ ހިމެނޭހެން ކުރިއަށްދާ ފަހުރުވެރި މަންމައެކެވެ. އަމިއްލަ އިއްޒަތާއި ކަރާމާތަށް އަމާނާތްތެރިވާ ކެތްތެރި އަބުރުވެރި އަންހެނެކެވެ. މައިންބަފައިންގެ ނަމާއި ގަދަރަށް ހުރުމަތްތެރިވާ ކިޔަމަންތެރި އަންހެން ދަރިއެކެވެ.

މިއަދު މަންމަ ބައެއް ފަހަރު ބަހުން ސަމާސާއަކަށް ބުނެފައިވާ، "މަގޭ އައިންތަކީ އަހަންމަދު ފިރިހެންދަރިއަކަށް އެދިގެން ހުއްޓައި އަންހެނެއްގެ ސިފައިގައި ކަލާނގެ ދެއްވި ފިރިހެން ދަރިއެއް" މިބަސްތަކުގައި ފޮރުވިފައިވާ މާނަ ރީތިގޮތުގައި ނަމޫނާއަކަށް އައިންތު ވަނީ، އޭނާގެ އާއިލާއަށާއި މުޅި ގައުމަށްވެސް ސާބިތުކޮށްދީފައެވެ. ކިތަންމެ ހާލެއްގައި އުޅެން ޖެހުނަސް އިސްލާމްދީނުގެ ރިވެތި އާދަތަކަށް ކިޔަމަންވާނެ އަންހެންދަރިން ތިބިކަމެވެ. އުމުރުގައި ދޮށިވިޔަސް މައިންބަފައިންނަށް ކިޔަމަންވެ ތެދުވެރިވާނެ ސޯލިހު ދަރިއަކަށް، އަދި އެމީހުންގެ އުމުރުން ދުވަސްވުމުން އެމީހުންނަށް ބާރަކަށް، އެހީތެެރިއަކަށް އަންހެންދަރިޔަކު ވެދާނެ ކަން މާބޮޑަށްވެސް ފުރިހަމަކޮށް އައިންތު ވަނީ ސާބިތުކޮށްދީފައެވެ.