ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގު އެއްވަރުކޮށްގެން ވަރުގަދަ ބަޔާން މިއުނިކް ކަޓުވާލައި، 16 އަހަރަށްފަހު ވިލަރެއާލްއިން ފުރަތަމަ ފަހަރަށް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭގެ މެޗު ބަޔާން ދަނޑުގައި ކުޅެ ވިލަރެއާލްއިން އެއްވަރު ކުރީ 1-1 ގެ ނަތީޖާ އަކުންނެވެ. ފުރަތަމަ ލެގުން ވިލަރެއާލް 1-0 އިން މޮޅުވެފައި އޮތުމުން ރޭގެ ނަތީޖާއާއެކު އެޓީމަށް ވަނީ އެގްރިގޭޓް 2-1 ގެ ނަތީޖާއަކުން ކުރި ލިބިފައެވެ.
ރޭގެ މެޗަށް ނުކުތް އިރު ބޮޑުތަނުން ފެވަރިޓުންނަކީ ބަޔާންއެވެ. ޖަރުމަނުގެ ގަދަ ބާރު ބަޔާންއިން ފުރަތަމަ ލެގުގައި ބަލިވެފައި އޮތް ނަމަވެސް، ހޯމްގައި ބަޔާން މާ ބޮޑަށްވެސް ވަރުގަދަ ވާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް އުނައި އެމެރީގެ ވިލަރެއާލްގެ "ޑިފެންސިވް މާސްޓާކްލާސް" މާ ބޮޑަށްވެސް ތަފާތެވެ. އެވަރަށް ޑިފެންސްކޮށް ވިލަރެއާލްއިން އެޓޭކަށް ކައުންޓާވެސް ހެދިއެވެ. އެމެރީގެ ޔޫރަޕްގެ ކާމިޔާބީތަކަށް ރޭގެ ނަތީޖާވީ އިތުރު ބޮޅަކަށެވެ.
މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގުވެސް ކާމިޔާބުކުރި ވިލަރެއާލްއިން މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ޑިފެންސް ކުރަމުން ދިޔައިރު، ޖޫލިއަން ނަގެލްސްމަން ނެރުނު އެޓޭކިން ފުރަތަމަ 11 އަށް ނުރައްކާތައް ކުރަން އުނދަގޫވިއެވެ. ބަޔާންއިން އަރިމަތިން ގިނަ ހުރަސްތަކެއް ނެގި ނަމަވެސް އެޓީމަށް ރަނގަޅު ހަމަލާއެއް ފުރަތަމަ ހާފުގައިވެސް އުފެއްދިފައެއް ނުވެއެވެ. ބަޔާންއިން ވަނީ ފުރަތަމަ ހާފުގައިވެސް 18 ހުރަސް ނަގައިފައެވެ.
ވިލަރެއާލްއިން ނުރައްކާ ކުރީ ކައުންޓާގައެވެ. ފުރަތަމަ ހާފުގައިވެސް ވިލަރެއާލްގެ ޖެރާޑް މޮރޭނޯއާއި އާނައުޓް ޑަންޖޫމާގެ ބާރު ދުވެލި ފާހަގަވެފައިވެއެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ރޮބާޓް ލެވަންޑޯސްކީ ބަޔާންއަށް ލީޑު ނަގައިދިނެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ލެވަންޑޯސްކީ ޖެހި 13 ވަނަ ގޯލާއެކު ބަޔާން ލީޑު ނެގި ނަމަވެސް އޭގެ ފަހުން ގިނަ ފުރުސަތުތަކެއް ލިބިވެސް ބަޔާންއަށް ލީޑު ފުޅައެއް ނުކުރެވުނެވެ.
އޭގެ ނަތީޖާއަކަށްވީ މެޗު ނިމެން ދަނިކޮށް، ނައިޖީރިއާގެ ފޯވަޑް ސެމިއުލް ޗުކުވޭޒީ ޖެހި ގޯލާއެކު ވިލަރެއާލް މެޗު އެއްވަރުކޮށް، އެގްރިގޭޓް ލީޑު ނެގުމެވެ. މިއީ 2005-06 ވަނަ އަހަރު ސީޒަނަށްފަހު ވިލަރެއާލް ޗެމްޕިއަންސް ލީގު ސެމީއަށް ދިޔަ ފުރަތަމަ ފަހަރެވެ. އެފަހަރު އާސެނަލް އަތުން އެޓީމު ކެޓި އިރު، މިފަހަރުގެ ސެމީގައި ކުޅެން ޖެހޭނެ ޓީމު އެނގޭނީ ލިވަޕޫލާއި ބެނިފީކާ ކުޅޭ ދެވަނަ ލެގަށްފަހުއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު