ދިވެހި ސަރުކާރުން އެއާ މޯލްޑިވްސް އިން ފެށި ދަތުރު ނިންމާލައި އައިލެންޑް އޭވިއޭޝަން ގެ ދަށުން އުފެއްދި ގައުމީ އެއާލައިން އުދުހެން ފެށިތާ މިއަދު 22 އަހަރު ވެއްޖެއެވެ. ވިލާތުގެ އެކި ކަންކޮޅުތަކުން ފެށިގެން ރާއްޖޭގެ އެންމެ އުތުރާއި މެދުރާއްޖެތެރެއާއި އަދި އެންމެ ދެކުނުންވެސް ވައިގެ ދަތުރުތަކުން ގުޅުވައިލަދީ އުދުހެމުން އަންނަނީ ހުއްޓުމެއް ނެތިއެވެ.
ކޮވިޑު 19ގެ އެންމެ ނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް އެއާލައިންތައް ހުއްޓި މާލީގޮތުން ގެއްލުންވަމުން ދިޔައިރުވެސް ގައުމީ އެއާލައިން, މޯލްޑިވިއަން އިން ދިޔައީ ގައުމީ ހިދުމަތުގައި އުދުހެމުންނެވެ.
ކޮވިޑުގެ ވައިރަސް ޗައިނާއިން ފެނުނު އިރު، ޗައިނާ ސަރުކާރުން ހަދިޔާކުރި ކެއާ ޕެކޭޖްތައް ބަލައި މޯލްޑިވިއަންގެ ޕައިލެޓުން ވަނީ ޗައިނާއަށް ދަތުރުކޮށްފައެވެ. އަދި ވެކްސިނާއި މުދަލާއި ބޭރުގައި ތާށިވެފައި ތިބި ދިވެހިންނާއި ކޮވިޑުގެ ބަލި މީހުން ގޮވައިގެން ދަތުރުކުރަންޖެހުނު ހުރިހާ ވަގުތެއްގައި މުވައްޒަފުން ނެރެ މޯލްޑިވިއަން އިން އައީ ހިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މިހާރުވެސް މޯލްޑިވިއަން އިން އަންނަނީ ޕަސިންޖަރުންނަށް ދޭ ހިދުމަތް ފުޅާކުރުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.
އެތެރޭގެ އުދުހުންތަކާއެކު ޖުމުލަ 23 ޑެސްޓިނޭޝަނަކަށް މޯލްޑިވިއަން ގެ ދަތުރުތައް އަޅާއިރު މިވަގުތު މޯލްޑިވިއަން ދަތުރުކުރަނީ ހަތަރު ގައުމަކަށެވެ. ނަމަވެސް އެ އަދަދު އިތުރުކޮށް އިތުރު ތިން ގައުމަކަށް ދަތުރު ފަށަން އެ އެއާލައިނުން އަންނަނީ ތައްޔާރުވަމުންނެވެ.
މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު 'ވަން' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި މޯލްޑިވިއަން އިން ދަތުރު ކުރާ ޑެސްޓިނޭޝަން ތަކުގެ ލިސްޓަށް ސައުތު އެފްރިކާގެ ޖޮހަނަސްބާގް، އަންނަ މަހުން ފެށިގެން އިތުރުވާނެއެވެ. މި މަސްތެރޭގައި ޖޮހަނަސްބާގަށް ޗާޓަރު ދެ ފްލައިޓް އަޅާފައިވާއިރު މިވަގުތު މޯލްޑިވިއަން އިން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާކްރާފްޓް ތަކަކީ ދިގު ދަތުރުތައް ކުރެވޭ އެއާކްރާފްޓްތަކެއް ނޫން ކަމަށާއި ދިގު ދަތުރުތަކަށް ބޭނުންވާ 'ލޯންގް ހައުލް' އެއާކްރާފްޓްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށް މިހާދު ވިދާޅުވިއެވެ. އިންޓަނޭޝަނަލް ދަތުރުތަކަށް މިވަގުތު މޯލްޑިވިއަން އިން ބޭނުން ކުރަމުން އަންނަނީ އެއާބަސް-321، އެއާބަސް-320 ގެ ދެބޯޓެވެ.
މޯލްޑިވިއަންގެ ފްލީޓަށް ބޯޓުތައް އިތުރުކުރުމަށް ގެންނަން މިއަހަރު އިއުލާނުކުރި އޭޓީއާރު 600-72 ގެ ދެ މަތިންދާ ބޯޓާއި އޭޓީއާރު 400-72 ގެ އެއް މަތިންދާބޯޓު މި އަހަރުގެ އޮކްޓޯބަރު ނުވަތަ ނޮވެމްބަރު މަހުގައި ލިބޭނެ ކަމަށް މިހާދު ވިދާޅުވިއެވެ.
މިހާދު ވިދާޅުވި ގޮތުގައި މިހާރު ގެންނަން އިއުލާކޮށްފައިވާ ތިން ބޯޓުގެ އިތުރުން އޭޓީއާރު މަރުކާގެ އިތުރު ދެ ބޯޓު ކުއްޔަށް ގެނައުމުގެ މަސައްކަތްވެސް އައިއޭސް އިން އަންނަނީ ކުރަމުންނެވެ. އަދި ކުއްޔަށް ގެންނަ އެ ދެ އެއާކްރާފްޓް އަންނަ ޖުލައި މަސްތެރޭގައި ރާއްޖެ ގެނެސް އޮޕަރޭޓް ކުރަން ފެށޭނެ ކަމަށާއި މި އެއާކްރާފްޓްތައް ފްލީޓަށް އިތުރުވުމުން މިހާރު އޮންނަ ޑިމާންޑާއި އެއްވަރަށް މޯލްޑިވިއަންގެ އަމިއްލަ ބޯޓުތަކުގައި ދަތުރުތައް ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށްވެސް މިހާދު ވިދާޅުވިއެވެ.
"ނިމިދިޔަ އަހަރުތެރޭގައި އަޅުގަނޑުމެންނަށް ޑިމާންޑާ އެއްވަރަށް ކޭޓާ ނުކުރެވިގެން ވިލާ އެއާ އާއި މަންޓާ އެއާއިން ފްލައިޓް ޗާޓާ ކޮށްގެން އަޅުގަނޑުމެންގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހިދުމަތް ދޭން ޖެހުނު. އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑުމެން މިގެންނަ، ޖުލައި މަހުގައި އިންޑަކްޓް ކުރެވޭ ޑްރައިލީސް ދެ އެއާ ކްރާފްޓާއި މި އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަސްތެރޭގައި ލިބޭ ތިން އެއާ ކްރާފްޓާއެކު އަޅުގަނޑުމެން އިތުރަށް އެހެން ބަޔަކަށް ބަރޯސާ ނުވެ އާއްމު ރައްޔިތުންނަށާއި ވިޔަފާރި ބައިވެރިންނަށް ހިދުމަތް ދެވިގެން ދާނެ." މިހާދު ވިދާޅުވިއެވެ.
ގައުމީ އެއާލައިން އިން ދިވެހި އިގްތިސާދު އެކަމަށް މިހާރު ބިނާވެފައި އޮތް ޓޫރިޒަމް އިންޑަސްޓްރީގައިވެސް ވަރަށް މުހިއްމު ރޯލެއް އަދާ ކުރެއެވެ. ގިނަ ރިސޯޓުތަކަށް ދަތުރުކުރާ ފަތުރުވެރިން ސީޕްލޭންގައި ރާއްޖޭގެ ޖަޒީރާ ރަށްތައް ފެންނަ ފަށުން ދަތުރުކުރަން ބޭނުންވާއިރު، މޯލްޑިވިއަން ސީޕްލޭން އޮޕަރޭޝަން ފުޅާކުރުމަކީ އައިއޭއެސްގެ މިހާރު އެންމެ ބޮޑު އެއް އަމާޒެވެ.
މިހާދު ވިދާޅުވި ގޮތުގައި ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން އެންމެ އެފިޝަންޓްކޮށް ސައުތު ކަނެކްޓިވިޓީއެއް ދެވޭނެ ގޮތްތައް ބެލުމަށް އައިއޭއެސް އިން މިހާރުވެސް އަންނަނީ ސްޓަޑީތަކެއް ހަދަމުންނެވެ. މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފެށުމަށްޓަކައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ސީޕްލޭން ބޭސްއެއް ގާއިމުކޮށްފައިވާ ކަމަށާއި ނަމަވެސް ދެކުނުގައި ސީޕްލޭން ދަތުރުތައް ނުފެށިގެން އުޅެނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދާއިމީ ގޮތެއްގައި އިންޓަނޭޝަނަލް ފްލައިޓްތައް ދަތުރު ނުކުރާތީ ކަމަށް މިހާދު ވިދާޅުވިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރެވިގެން އަންނަ އިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ސީޕްލޭން ބޭސް އެއް ގާއިމްކުރުމުގެ ޕްލޭނެއް ސަރުކާރުން ގެންގުޅޭ ކަމަށް މިހާދު ވިދާޅުވިއެވެ.
"މިދިޔަ އަހަރު ފެށުނު އިރު އަޅުގަނޑުމެން ސާވްކުރަމުން އައީ ހަ ކޮންޓްރެކްޓް. މިހާރު މިއަދުގެ މި ވަގުތާ ހަމަޔަށް 12 ކޮންޓްރެކްޓަށް ސީޕްލޭންގެ ހިދުމަތް އަޅުގަނޑުމެން އެބަދެން. އިތުރު 8 ރިސޯޓަކަށް މި އަހަރުތެރޭގައި ހިދުމަތް ދެވޭނެ ކަމަށް މިބަލަނީ. އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމާއި އެއާކްރާފްޓް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. އަޅުގަނޑުމެންގެ އުއްމީދަކީ މި އަހަރު ނިމުމުގެ ކުރިން 20 ކޮންޓްރެކްޓް އޮތުން" މިހާދު ވިދާޅުވިއެވެ.
އައިއޭއެސް އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ގުޅިގެން ޕައިލެޓުން ތަމްރީނުކުރުމަށް އޭވިއޭޝަން އެކަޑެމީއެއް މިއަހަރު ވަނީ ހަދައިފައެވެ. އެ އެކަޑަމީގެ ދަށުން އައްޑޫ ފްލައިން ސްކޫލް ހިންގަން ފަށާފައިވާއިރު އެކަޑަމީގެ ފުރަތަމަ އަމާޒަކީ އޭއޭއޭ އިން ކިޔަވަމުން ދިޔަ ޕައިލެޓުންގެ ކިޔެވުން ފުރިހަމަކޮށްދިނުމެވެ.
މިހާދު ވިދާޅުވި ގޮތުގައި ފްލައިން ސްކޫލަށް ޖުމުލަ ޖުމުލަ ހަ އެއާކްރާފްޓް ބޭނުންކުރާނެއެވެ. އެއީ މަލްޓި އިންޖީނުގެ އެއް އެއާކްރާފްޓާއި ސިންގަލް އިންޖީނުގެ އެއް އެއާކްރާފްޓެވެ. އޭގެ ތެރެއިން މަލްޓި އިންޖީނުގެ އެއާކްރާފްޓް މިހާރު ރާއްޖެ ގެނެސްފައިވާއިރު ސިންގަލް އިންޖީނުގެ ދެ އެއާކްރާފްޓް އައިއޭއެސް އިން ވަނީ އޭއޭއޭ އިން ގަނެފައެވެ. މިހާދު ވިދާޅުވީ ފްލައިން ސްކޫލަށް ރާއްޖެއިން ބޭރުން ގެންނަ އިތުރު ތިން އެއާކްރާފްޓް އަންނަ ހުކުރު ދުވަހު މާލެ އަންނާނެ ކަމަށެވެ. އަދި ފްލައިން ސްކޫލުގެ ފުރަތަމަ އަމާޒަކީ އޭއޭއޭ ފްލައިން ސްކޫލުން ކިޔަވަމުން އައި ހުރިހާ ދަރިވަރުންގެ ކޯސް ވީހާވެސް އަވަހަކަށް ނިންމައިދިނުން ކަމަށާއި އުއްމީދު ކުރައްވަނީ މި އަހަރު ތެރޭގައި އޭގެތެރެއިން 70 ދަރިވަރުން ގްރެޖުއޭޓް ވުން ކަމަށްވެސް މިހާދު ވިދާޅުވިއެވެ.
މިހާދު ވިދާޅުވި ގޮތުގައި ޑޮމެސްޓިކް ދަތުރުތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އައިއޭއެސް އިން ހާއްސަ ސަމާލުކަމެއް ދެއެވެ. ނަމަވެސް ފްލައިޓްތައް ޑިލޭވުމުވަކީ ޕަސިންޖަރުން ނުހަނު ކަންބޮޑުވާ މައްސަލައަކަށްވާއިރު ގިނަފަހަރު އެހެންވާން ޖެހެނީ އިންޓަނޭޝަނަލް ފްލައިޓްތައް ޑިލޭ ވުމުގެ ސަބަބުންނެވެ. އެއީ ޓޫރިސްޓުން ރާއްޖެ އަންނައިރު ކަނެކްޝަން ފްލައިޓް ބުކިންވެސް ހުންނާނީ ހަދައިފައެވެ. އެހެންކަމުން އިންޓަނޭޝަނަލް ފްލައިޓް ލަސްވުމަކީ ޑޮމެސްޓިކް ފްލައިޓުތަކަށް އޭގެ އަސަރުކުރާނެ ކަމެކެވެ. ނަމަވެސް އެތެރޭގެ އުދުހުންތަކުގެ ދިމާވާ ޑިލޭތައް ވީހާވެސް ކުޑަކުރެވޭނެ ގޮތްތަކެއް ހޯދައިދިނުމަކީ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒުކަމަށް މިހާދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެންމެ ބޮޑު ޗެލެންޖެއް ދިމާވެގެން މިދިޔައީ އަޅުގަނޑުމެންގެ އޭޖްޑް ފްލީޓުން މެއިންޓަނަންސް ހަރަދު ބޮޑުވެ ގަވާއިދުން ދެމުން އަންނަ ހިދުމަތް ނުދެވި ދާތީވެ. އެކަމުގެ އޮތް ހައްލަށް ކުންފުނީގެ ބޯޑުންނާއި މެނޭޖްމަންޓުން މަސައްކަތް ކޮށްގެން މިހާރު މިއަހަރު ތެރޭގައި އޭޓީއާރު އިންޑަކްޓް ކުރެވި އަހަރުގެ ފަހުކޮޅު އެއްވެސް ބުރޫއެއް ނާރައި މިކަން ގެންދެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް." މިހާދު ވިދާޅުވިއެވެ.
އެންމެ ތިން ބޯޓާއެކު ހިދުމަތް ފެށި އެއާލައިނުގައި މިވަގުތު 23 ބޯޓު އޮތްއިރު, ޖުމްލަ 1،254 މުވައްޒަފުން އެބަތިއްބެވެ. ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް ކުރިމަތިވި ގެއްލުމުގެ އަސަރު މޯލްޑިވިއަން އެއްވެސް ކުރިއެވެ. ނަމަވެސް މިހާދު ގަބޫލުކުރައްވާ ގޮތުގައި މި އަހަރު ނިމިގެންދާނީ ފައިދާގެ އަހަރެއްގެ ގޮތުގައެވެ. އަދި އެ ފައިދާތަކުން ކުންފުނި ފުޅާކުރުން މަތީގައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް