ކެތްތެރިކަމުގައި ތިން ވައްތަރެއް، ނުވަތަ ތިން ދަރަޖައެއް ވާކަމަށް ލަތާއިފުލް މައާރިފްގައި އިބްނު ރަޖަބުލް ހަމްބަލީ ބަޔާން ކުރައްވާފައިވެއެވެ.

އޭގެ ތެރެއިން ފުރަތަމަ ދަރަޖައަކީ ﷲ ސުބުހާނަހޫ ވަތައާލާ އެންގެވި އަމުރުފުޅުތަކަށް ކިޔަމަން ގަތުމާއި، އެކަލާނގެއަށް އަޅުކަން ކުރުމުގައި ކެތްތެރިވުމެވެ.

ދެވަނަ ދަރަޖައަކީ، އެކަލާނގެ ނަހީ ކުރެއްވި ކަންތައްތަކުން ދުރުވުމުގައި ކެތްތެރިވުމެވެ. ތިންވަނަ ދަރަޖައަކީ ދުނިޔޭގެ ދިރިއުޅުމުގައި އަޅުގަނޑުމެންނާ ބައްދަލުވާ ކަންތައްތަކަށް، އެކަލާނގެ ގަލާ ގަދަރަށް ކެތްތެރިވުމެވެ.

އެއަށްފަހު އިބްނު ރަޖަބުލް ހަމްބަލީ ބަޔާން ކުރައްވާފައިވެއެވެ. "ރޯދައިގެ މަތީގައި ހުންނަ ރޯދަވެރިޔާ މި ތިން ދަރަޖައިގައި ކެތްތެރިކަން ތަހައްމަލް ކުރެއެވެ."

އޭގެ ސަބަބުން އޭނާގެ ދަރަޖަ އުފުލިގެންދާ ކަމަށާއި، އޭނާ ރޯދައަށް ހުންނައިރު އެކަލާނގެ އަމުރު ކުރެއްވި ރޯދައިގެ މަތީގައި ދެމި ހުރުމުގެ އިތުރަށް އެހެނިހެން ބައިވަރު އަޅުކަންތަކުގައި ޝާމިލުވެ އުޅޭ ކަމަށްވެސް ބަޔާން ކުރައްވާފައިވެއެވެ.

ހަމައެއާއެކު ރޯދައިގެ މަތީގައި ހުންނައިރު، އެހެން މަސްތަކުގައި އެކަލާނގެ، އޭނާއަށް ހަލާލު ކުރައްވާފައިވާ ކެއިން ބުއިމާއި، އަދި އެހެނިހެންވެ ޝަހުވަތްތަކުން ދުރުވެ އެކަންކަމުން މަހުރޫމްވާކަމަށްވެސް ބަޔާން ކޮށްފައިވެއެވެ. ނަމަވެސް އެކަމަށް ކެތްތެރިވެއެވެ. އަދި އެއާއެކު ރޯދައަށް ހުންނައިރު އޭނާ އުފުލާ ބުރަޔާއި، ބަނޑުހައިހޫނު ކަމާއި ކަރުހިއްކުމަށް އޭނާ ކެތްތެރިވެއެވެ. މިއީ ރޯދަ، ނުވަތަ ރޯދަމަސް ކެތްތެރިކަމުގެ މޫސުމަށްވާ ސަބަބެވެ. އެހެންކަމުން، މި ކެތްތެރިކަމުގެ މޫސުމުގެ ދަރުމަ އާއި ސަވާބު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް އަޅުގަނޑުމެން އަޒުމު ކަނޑައަޅަމާ ހިންގަވާށެވެ.

މެސެޖު ދެއްވީ: އަލްއުސްތާޛް މުހައްމަދު ފިރްޒުލް އަބްދުﷲ ޚަލީލް / އިލްމު އިންސްޓިޓިއުޓް