ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މައްސަލަތަކާއި ބިލުތައް، އަދި އެނޫންވެސް ކަންކަންތައްތަކަށް ބަހުސް ކުރުމުގެ ޖާގަ އެންމެ ފުޅާމިނުގައި ދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް، ނިންމައިދިނުމުގައި ހިޔާނާތްތެރިވެފައިވާތީ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުުގެ މައްސަލަ ހުށަހެޅުމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފަށް ފުރުސަތު ދިނުމުން، ހޯރަަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ނެންގެވި ނިޒާމީ ނުކުތާއަކާ ގުޅިގެންނެވެ.

މަޖިލިސް ރައީސް މެންބަރު ޝަރީފަށް އެ ފުރުސަތު ދެއްވުމާ ގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި، މެންބަރު ސަލީމް ވިދާޅުވީ، މަޖިލިސް ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) ގެ ހަތަރުވަނަ ނަމްބަރު މަޖިލިސް ރައީސްގެ ސަމާލުކަމަށް ގެންނަވަން ބޭނުންވާ ކަމަށެވެ.

މަޖިލީހަށް ހުށަހަޅަން ފޮނުވާ ގަރާރުތަކާއި މައްސަލަތަކާއި އިމްތިޔާޒުގެ މައްސަލަތަކާއި އަދި އެނޫންވެސް ކަންކަމާ ގުޅޭގޮތުން، ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފާ ލިބިފައި އޮންނަންވާނެ ކަމަށް އެ މާއްދާގައި ބުނާ ކަމަށާއި، އެފަދަ ލަފައެއް ޕޯޓަލްގައި ފެންނަން ނެތްކަމަށް ވިދާޅުވެ، މި މައްސަލައަކީ ޝަރުތު ހަމަވާ މައްސަލައެއްތޯ ސަލީމް ސުވާލު ކުރެއްވިއެވެ. އަދި އެކަމުގައި މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވާފައިވާ ލަފާ ސާފުކޮށްދެއްވުމަށް ވެސް މަޖިލިސް ރައީސްގެ ކިބައިން މެންބަރު ސަލީމް އެދިވަޑައިގެންނެވިއެވެ.

ޖަވާބު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، މެންބަރު ސަލީމުގެ ނިޒާމީ ނުކުތާ ބަލައި ނުގަނެވޭ ކަމަށެވެ. ހަމަ އެއާއެކު މައްސަލަ ހުށަހެޅުން ކުރިއަށް ގެންދެވުމަށް މެންބަރުން ޝަރީފަށް މަޖިލިސް ރައީސް ދެންނެވިއެވެ.

ޝަރީފް އެ މައްސަލަ މަޖިލީހަަށް ހުށަހެޅުއްވުމުން އެ މައްސަލައަށް ބަހުސް ކުރޭތޯ ވޯޓަށް އެއްސެވުމުގެ ކުރިން ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ މައްސަލަތަކާއި ބިލުތައް، އަދި އެނޫންވެސް ކަންކަން ކުރިއަށްދަނީ މި މަޖިލީހުގެ ގަވާއިދާއި، ރާއްޖޭގެ ގާނޫނުއަސާސީ ތަންދޭ އެންމެ ފުޅާމިނުގައި ކަމަށެވެ.

ބަހުސް ހުއްޓުން އެއީ އެބޭފުޅަކު ތާއީދު ކުރާގޮތަށް އެންމެ ފައިދާހުރި ގޮތްކަމަށް، ބައެއް މެންބަރުން ދެކިވަޑައިގަންނަވާ ކަމަށާއި، އެއްކޮޅުން ދެކޭ އަނެއް އުސޫލަކީ، ބަހުސްކުރެވި ރައްތުންނަށް ކަންކަން އޮޅުން ފިލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މެންބަރު ޝަރީފް މަޖިލީހަށް ހުށަހެޅުއްވި، ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް، ނިންމައިދޭން، ފައިސާ ނަގައި، އެ މަސައްކަތް ނިންމައި ނުދީ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ އަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރަން ފާހެއް ނުވިއެވެ.