ޚަބަރު

ބީއެމްއެލްގެ އެހީގައި ފެލިދޫ އާއި ހެނބަދޫގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ވ. ފެލިދު އާއި ނ. ހެނބަދޫގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފެލިދޫގައި ވަނީ ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށްފައެވެ. އެއީ ފެލިދޫ ޒުވާން އެކުވެރިންގެ ދިރުން ޖަމިއްޔާއިން ހިންގި ޕްރޮޖެކްޓެކެވެ.

ބީއެމްއެލުން ބުނީ މި ސަރަހައްދު ތަރައްގީކޮށްފައިވަނީ ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި ކައިރި ރަށްރަށުން އެރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވެސް ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ. އަދި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެހެން ވަނީ ޖޯއްޔާއި އުނދޯލީގެ އިތުރުން ބާބަކިއު ސްޓޭންޑް އަދި އައުޓްޑޯ ޝަވަރެއް ބަހައްޓައިފައެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން އެ ޕްރޮޖެކްޓް ކާމިޔާބުކުރި ހާމިދު ރަޝީދު ވަނީ ހެނބަދޫގައި ވެސް ބާބެކިއު ސަރަހައްދެއް ގާއިމުކޮށްފައެވެ. އެ ތަނުގައި ބާބެކިއު ސްޓޭންޑާއި ޖޯލި ފަތި އަދި ހޮޅުއަށި ބަހައްޓައި ކުޑަ ލައިބްރަރީއަކާއި މަސްކެނޑުމަށް ބޭނުންކުރާނެ އަށްޓެއް ވަނީ ހަދައިފައެވެ. އަދި ތަކެތި ރައްކާކުރުމަށް ސްޓޯރެއް ވެސް ގާއިމުކޮށްފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ.

މިހާތަނަށް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.