(04 އޭޕްރީލްގެ އަދަދާ ގުޅޭ)

މިކަންކަމުން އެނގެނީ އިސްލާމީ ނިޒާމުގައި އަމީރަކު އިންތިޚާބުކުރުމުގައި އުންމަތުގެ ކުރިޔަށް ތިއްބަވާ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންގެ ނިންމެވުން ކިހައި މުހިންމުކަމެވެ. ވަރަށްގިނަ މުފައްސިރުންގެ އަރިހުގައި اولِـى الأمـــر ގެ މުރާދަކީ މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނެވެ. ޚަލީފާއަކު އިންތިޚާބުކުރައްވަނީ އެބޭކަލުންނެވެ. ޝައްކެއްނެތެވެ. މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނަކީވެސް ޢާންމުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ޢާންމުންގެ މަންދޫބުންނެވެ. ނަމަވެސް ޢާންމުންނަށްވުރެ ދުރުވިސްނިވަޑައިގަންނަވާ ބުއްދިފުޅު ކާމިލު ބޭކަލުންނެވެ. ކަންކަމުގެ އެކޮޅުމިކޮޅާއި ހެޔޮނުބައި އެނގިވަޑައިގަންނަވާ ބޭކަލުންނެވެ. އެހެންކަމުން އިންތިޚާބުތަކާއި ޤާނޫނު ހެދުމާއި ސަރުކާރާބެހޭ ކަންކަމުގައި ރުޖޫޢަވާންޖެހެނީ އެބޭކަލުންގެ އަރިހަށެވެ.

ކީރިތި ޤުރްއާނުގެ މޫރިތި އާޔަތެއްކަމުގައިވާ "إِنَّ اللّـهَ يَــأْمُـــرُكُـــــمْ أَنْ تُــؤَدُّواالْأَمَــانَــاتِ إِلَــى أَهْـلِهَـــا" (الـنّسـاء: 58) ("ހަމަކަށަވަރުން، އަމާނަތްތައް، އޭގެ އަހްލުވެރީންނަށް އަދާކުރުމަށް اللّــه ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ.") މި މާތް އާޔަތުގެ މުރާދަކީ ލަޔާޤަތާއި ޤާބިލިއްޔަތު ހުރުމަކީ އަމީރެއްގެ ކިބައިގައި ހުރުން ލާޒިމު ސިފައެއްކަމެވެ. ވެރިކަމުގެ އަމާނަތަކީ އެންމެ ބޮޑު އަމާނަތެވެ. އެ އަމާނަތް ޙަވާލުކުރާންވާނީ އެކަމުގެ އެކަށޭނަކަންހުރި މީހަކާއެވެ. އެކަމުގެ އަހްލުވެރިޔަކާއެވެ. އަރަހުށި މާތް اللّــه އެ އަމުރުކުރައްވަނީ އެފަދައިންނެވެ. ވެރިކަމުގެ އަމާނާތް ޙަވާލުކުރާންވާނީ ވަކި ޚާއްޞަ ޤަބީލާއެއްގެ މީހަކާ ނޫނެވެ. ވަކި ދަރިކޮޅެއްގެ މީހަކާއެއް ނޫނެވެ. (ވާރުތަވާ އުސޫލަކުންވެސް ނޫނެވެ.)

މިތާނގައި އަޅުގަނޑުމެން ދެނެގަތުން ލާޒިމުކަމެކެވެ. ހިތުގައި ބިންވަޅު ނަގާންޖެހޭނެ ކަމެކެވެ. الخــلفــاء الــرّاشــدون ގެ ޢަމަލުފުޅުތަކަކީ ޝަރްޢީ ޙުއްޖަތެކެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم ގެ ޞަރީޙު އަމުރުފުޅެއް އެކަމާބެހޭގޮތުން އަޅުގަނޑުމެންނާ ހަމަޔަށްވަނީ އައިސްފައެވެ. "އަހަރެންގެ ގޮތާއި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ގޮތްކޮޅުގައި ވަރުގަދަޔަށް ހިފަހައްޓާށެވެ." މި މޭރުމުންވަނީ އަމުރުކުރައްވައިފައެވެ. ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ދައުރަކީ ހުސްއެކަނި އިސްލާމީ ތާރީޚުގެ ބައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ މުސްލިމުން ޢަމަލުކުރުން ލާޒިމު ޢަމަލީ ނަމޫނާތަކެއް ދެއްކެވުމުގެ ދައުރެކެވެ. ކައުސާހިބާގެ ސުންނަތާއި الخــلفــاء الــرّاشــدون ގެ ތެރެއިން ކޮންމެވެސް ބޭކަލަކު ޢަމަލުކުރެއްވި ގޮތްކޮޅަކާ އެއްވެސް މީހެއްގެ ޢަމަލު ތަފާތުވެއްޖެ ކަމުގައިވާނަމަ އެއީ ތަންޤީދުކުރާންޖެހޭ ކަމެކެވެ. އިޢުތިރާޟުކޮށް ދެކޮޅުހަދާންޖެހޭ ކަމެކެވެ. އިޞްލާޙުކުރުވާންޖެހޭ ކަމެކެވެ.

ކައުސާހިބާ صلّــى اللّــه عليـه وسلّـم ސުވަރުގެ ވަޑައިގެންނެވުމުން أبــوبكــر الصّـدّيــق رضى اللّــه عـنــه ޚަލީފާކަމަށް އިންތިޚާބުކުރެއްވީ ޞަޙާބީން އެބޭކަލުންގެ މެދުގައި މަޝްވަރާ ކުރައްވައިގެންނެވެ. މުހާޖިރުންނާއި އަންޞާރުންނަކީ ވިސްނުންފުޅުގެ ގޮތުންނާއި އަޚްލާޤީގޮތުން އެހެންމީހުންގެ މައްޗަށް އިސްކަން ލިބިވަޑައިގެން ތިއްބެވި ބޭކަލުންނެވެ. އެބޭކަލުންގެ ލަޔާޤަތާއި ޤާބިލިއްޔަތުގެ ސަބަބުން އެބޭކަލުންނަކީ އުންމަތުގެ މައްޗަށް ބަސްވިދާޅުވުމުގެ މަތިވެރި މަޤާމަށް އަރައި އަރަފޯދިވަޑައިގެން ތިއްބެވި ބޭކަލުންނެވެ. އުންމަތުގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ ވެރީންނެވެ. أبــوبكــر رضى اللّــه عـنــه ގެ ޚިލާފަތުގެ މުއްދަތަކީ ގާތްގަނޑަކަށް ދެއަހަރުބައެވެ. أبــوبكــر رضى اللّــه عـنــه ގެ ޙަޔާތްޕުޅުގެ ފަހުކޮޅު އެކަލޭގެފާނުވަނީ عــمــر ގެފާނު ޚަލީފާކަމަށް ޢައްޔަންކުރައްވައިފައެވެ. މުސްލިމުންނާ މަޝްވަރާ ކުރައްވައިގެންނެވެ. މުސްލިމުންގެ ކުރިޔަށް ތިއްބެވި ކަމުވޮށީންގެ ރުހިވަޑައިގަތުން ހޯއްދަވައިގެންނެވެ. ނުސީދާގޮތެއްގައި ނަމަވެސް އުންމަތުގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންގެ ބައިވެރިވެވަޑައިގެންނެވުމާއެކުގައެވެ. أبــوبكــر رضى اللّــه عـنــه އެކަލޭގެފާނުގެ ޤާއިމުމަޤާމަކު ޢައްޔަންކުރެއްވީ އެކަލޭގެފާނުގެ އަމިއްލަފުޅު ރައުޔުގެ މައްޗަކަށެއް ނޫނެވެ. أبــوبكــر ގެފާނު އެކަލޭގެފާނުގެ ދަރިކަލަކު ވަލީޢަހްދަކަށް ހެއްދެވީކީ ނޫނެވެ. ވިރާސީ ނިޒާމެއް ޤާއިމުކުރެއްވީކީ ނޫނެވެ. ޝައްކެއްނެތެވެ. الخــلافــة الــرّاشــدة އަށްފަހު މުސްލިމުންގެ ތެރޭގައި ޤާއިމުކުރެވުނު ވިރާސީ ނިޒާމަކީ އިސްލާމީ ނިޒާމުގައި އެކަމުގެ އެއްވެސް ސަނަދެއްނެތް "ބިދުޢަ" އެކެވެ. ޚިލާފަތާއި އަމާރަތަކީ ސަރުކާރު ހިންގުމަށްޓަކައި ޤާއިމުކުރެވޭ އިދާރާއެކެވެ. އެކަމުގައި ވާރުތަވުމުގެ ނިޒާމަކަށް ތަނެއްނެތެވެ. ޢާއިލާއަށް ނުވަތަ ދަރިކޮޅަށް ވާރުތަވުމުގެ އުސޫލަކަށް އެއްވެސް ޖާގައެއް ނެތެވެ.

أبــوبكــر رضى اللّــه عـنــه ގެ ދައުރަށްފަހު ދެން އައީ عــمــر رضى اللّــه عـنــه ގެ ބާރަ އަހަރުގެ ވެރިކަމުގެ ދައުރެވެ. عــمــر ގެފާނުވެސް އެކަލޭގެފާނުގެ ތިމާގެފުޅު ބޭކަލަކަށްވެސް ދަރިކަލަކަށްވެސް އެކަލޭގެފާނުގެ ޤާއިމުމަޤާމުކަމެއް ނުދެއްވައެވެ. އެކަލޭގެފާނު ޒަޚަމުވެވަޑައިގެންނެވުމާ ވިދިގެން އުފެއްދެވި ޚިލާފަތު ކޮމެޓީގައި އެކަލޭގެފާނުގެ ދެބެއިންގެދެދަރި އަދި ޅިޔަންބޭބޭފުޅެއްކަމުގައިވާ سعـيـد بــن زيــد އާއި ދަރިކަލުން عبـداللّــه بــن عــمــر އާ ދެބޭކަލުން (رضـى اللّــه عنـهــم) އޮބްޒާވަރުންގެ ގޮތުގައި ބައިވެރިކުރެއްވިއެވެ. އެދެބޭކަލުންނަކީ މުހާޖިރިއްޔަ ޞަޙާބީންގެ السّــابـقــــون الأوّلـــون ގެ ތެރެއިން ހިމެނިވަޑައިގަންނަވާ ދެބޭކަލުން ކަމުގައިވާތީއެވެ. އެކަމަކު އެދެބޭކަލުންކުރެ ބޭކަލަކަށް ޚަލީފާކަމުގެ އިންތިޚާބުގައި ބައިވެރިވެވަޑައިގެންނެވުމުގެ ޙައްޤެއްވެސް ނެތްކަން ދުރާލައި އިޢުލާން ކުރެއްވިއެވެ.

عــمــر رضى اللّــه عـنــه އެކަލޭގެފާނަށްފަހު ވެރިކަމަށް ވަޑައިގަންނަވާނެ ބޭކަލަކު ޢައްޔަންކުރެއްވުމަށްޓަކައި އުފެއްދެވި ޚިލާފަތު ކޮމެޓީ އުފެއްދެވީ ހުރިހައި ދާއިރާތަކެއްގެ ބޭކަލުންނާ މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. ޞަޙާބީންގެ ތެރެއިން އޭރު ދުނިޔޭގައި ތިއްބެވީ އެބޭކަލުންގެ މައްޗަށް އިންތިޚާބީ ނަޒަރު ހުއްޓައިލާންޖެހޭ ހަބޭކަލެކެވެ. އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم ސުވަރުގެ ވަޑައިގެންނެވީ އެ ހަބޭކަލުންނާމެދު ރުހިވަޑައިގެން ހުންނަވައެވެ. އެމާތް ސާހިބާ ވަނީ އެ ހަބޭކަލުންނަށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ ހެޔޮ ޚަބަރު ދެއްވައިފައެވެ. އެ ހަބޭކަލުންނަކީ، علــى بــن أبــى طـالـب، عـثمـان بــن عـفّــان، الــزّبـيــر بــن الـعــوّام، طـلحــة بــن عُبـيد اللّــه، سعــد بــن أبــى وقّــاص، عبـدالــرّحمــن بــن عــوف (رضـى اللّــه عـنـهــم) މި ހަބޭކަލުންނެވެ.

މިބޭބޭކަލުންގެ ތެރެއިން عبـدالــرّحمــن بــن عــوف رضـى اللّــه عـنـه އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ އިންތިޚާބީ ޙައްޤު ދޫކޮށްލައްވައި ޚަލީފާކަމަށް ބޭކަލަކު އިންތިޚާބު ކުރެއްވުމުގެ އިޒުނަ އެހެންބޭކަލުންގެ އަރިހުން ހޯއްދެވިއެވެ. عبـدالــرّحمــن ޚިލާފަތު ކޮމެޓީގެ މެމްބަރުންނާ ވަކިވަކީން މަޝްވަރާކުރެއްވިއެވެ. ޞަޙާބީންގެ އެހެނިހެން ބޭބޭކައުކަނބަލުންގެ ޚިޔާލުފުޅު ހޯއްދެވިއެވެ. މަދީނާއަށް އަރާފައިބާ ދަތުރުވެރީން އިސްވެދެންނެވި ހަބޭކަލުންނާމެދު ދެކޭގޮތްވެސް އޮޅުންފިލުއްވެވިއެވެ. އެއަށްފަހު عـثمـان بــن عـفّــان رضى اللّــه عـنــه ޚަލީފާކަމަށް ޢައްޔަންކުރެއްވިއެވެ. (عبـدالــرّحمــن بــن عــوف رضـى اللّــه عـنــه އުންމަތުގެ ޚިޔާލު ހޯއްދެވިއިރު އެންމެބޮޑަށް ތާއީދުއޮތީ عـثمـان ގެފާނަށެވެ. ދެވަނަޔަށް علــى ގެފާނަށެވެ. އެދެބޭކަލުންނާ އެއްވަރަކަށް އެހެން އެއްވެސް ބޭކަލަކަށް ތާއީދެއް ނެތެވެ.) عبـدالــرّحمــن بــن عــوف رضـى اللّــه عـنــه އެގޮތަށް ޢަމަލުކުރެއްވީ މުސްލިމުންގެ އަންނަނިވި ޖީލުތަކަށް ނަމޫނާއަކަށްވުމަށްޓަކައެވެ. އާދެ، ޚިލާފަތަކީ މުސްލިމުންގެ ފުރިހަމަ މަޝްވަރާއިން އެކަމަށް މީހަކު ޢައްޔަންކުރާންޖެހޭ ކަމެއްކަން ބަޔާންކޮށްދެއްވުމަށްޓަކައެވެ.

عـثمـان بــن عـفّــان رضى اللّــه عـنــه ގެ ޙަޔާތްޕުޅުގައި އިސްލާމީ ޚިލާފަތުގެ ސަރަޙައްދުވަނީ ވަރަށްބޮޑަށް ފުޅާވެފައެވެ. އެކަލޭގެފާނުގެ ވެރިކަމުގެ ފަހުކޮޅުގައިވަނީ އައު މުސްލިމު ޒުވާނުންގެ ޢަދަދު އާދަޔާ ޚިލާފަށް އިތުރުވެފައެވެ. ފުރިހަމައަށް އިސްލާމީ ތަރުބިޔަތު ލިބިފައިނުވާ ޒުވާނުން ގިނަވެފައެވެ. ނަތީޖާއެއްގެގޮތުން ދައުލަތުގެ ސަރަޙައްދުގައިވަނީ އަމަންއަމާންކަން ގެއްލިފައެވެ. ފިތުނަފަސާދަ ޢާންމުވެފައެވެ. ފިތުނަވެރީންގެ ބާރުވަނީ ގަދަވެފައެވެ. عـثمـان رضى اللّــه عـنــه ގެ ޠަބީޢީ ނިޔަނެތިފުޅުކަމާއި ކޯފާމަޑުކަމުގެ ސަބަބުންނެވެ. އެންމެފަހުން އެކަލޭގެފާނު ވަނީ ޝަހީދުކުރެވިފައެވެ.

عـثمـان رضى اللّــه عـنــه ޝަހީދުކުރެވުމަށްފަހު ޞަޙާބީން ޚަލީފާކަމުގެ ބައިޢަތު ހިއްޕެވީ علــى بــن أبــى طـالـب رضى اللّــه عـنــه ގެ އަތްޕުޅުމައްޗަށެވެ. (عبـدالــرّحمــن بــن عــوف رضـى اللّــه عـنــه އުންމަތުގެ ޚިޔާލު ހޯއްދެވިއިރު عـثمـان ގެފާނު ފިޔަވައި އުންމަތުގައި އެންމެބޮޑު ތާއީދެއްއޮތީ علــى ގެފާނަށެވެ.) علــى ގެފާނުގެ އަތްޕުޅުމައްޗަށް ބައިޢަތު ހިފެވުނީ އަލްމަސްޖިދުއްނަބަވީގައެވެ. އެކަލޭގެފާނުގެ ކުރީން ތިއްބެވި ތިން ޚަލީފާއިންނަށްވެސް ބައިޢަތު ހިއްޕެވުނު ފަދައިންނެވެ.

الخــلفــاء الــرّاشــدون ގެ ދައުރަކީ އިސްލާމީ އުންމަތަށްޓަކައި ނަމޫނާ ދައުރެކެވެ. ކުރީންވެސް ދަންނަވައިފައިވާނޭ ފަދައިން ކައުސާހިބާ صلّــى اللّــه عليـه وسلّـم ވަނީ އެމާތް ސާހިބާއަށްފަހު ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ސުންނަތުގައި ވަރުގަދަޔަކަށް ހިފަހައްޓާން އަމުރުކުރައްވައިފައެވެ. އެހެންކަމުން ޤަބޫލުކުރާންޖެހެނީ މުސްލިމުންގެ އިޖްތިމާޢީ ނިޒާމުގައި ގޮށްމުށުބާރުގެ ވެރިކަމަކަށް ކުޑަވެސް ޖާގައެއް ނެތްކަމެވެ. ވިރާސީ ވެރިކަމުގެ ނިޒާމަށްވެސް ފުރުޞަތެއް ނެތްކަމެވެ. އެހެނީ މުސްލިމުންގެ ނަބިއްޔާ صلّــى اللّــه عليـه وسلّـم އަމުރުކުރައްވައިފައިވަނީ الخــلفــاء الــرّاشــدون ދެއްކެވި ނަމޫނާއަށް ތަބާވުމަށެވެ. އެހެންކަމުން މުސްލިމުންގެ ތެރޭގައި ވެރިކަމުގެ ޞައްޙަ ނިޒާމަކަށްވާނީ ޝޫރާއީ ނިޒާމުގެ ވެރިކަމެވެ. ވިރާސީ ނިޒާމެއް ނުވަތަ އިސްތިބުދާދެއް ނޫނެވެ.

الخــلفــاء الــرّاشــدون ގެ މުޅި ދައުރުގައިވެސް އެއިން އެއްވެސް ބޭކަލެއް އެބޭކަލެއްގެ ތިމާގެފުޅު ބޭކަލަކަށް ނުވަތަ ދަރިކަލަކަށް ވަލީޢަހްދުކަމެއް ނުދެއްވައެވެ. ޚުދު އެބޭކަލަކަށް ޚިލާފަތާއި ވެރިކަން ހޯއްދަވާކަށެއްވެސް އެއްވެސްކަހަލަ ތަހްރީކެއް ނުހިންގަވައެވެ. މުސްލިމުންގެ ގޮށްޖެއްސެވުމާއި މޮއްސެވުމުގެ އަހްލުވެރީންގެ ރުހިވަޑައިގެންނެވުމާއި ޤަބޫލުފުޅުގައި ނޫންގޮތަކަށް ޚަލީފާއަކު އިންތިޚާބެއް ނުކުރެވެއެވެ. އެއްވެސް ބޭކަލެއް ބައިތުލްމާލަކީ އެބޭކަލެއްގެ މިލްކެއް ކަމަކަށެއް ނުހައްދަވައެވެ. الخــلافــة الــرّاشــدة އަށްފަހު މުސްލިމުންގެ ތާރީޚުގައި އައި އެންމެ ހެޔޮކަންބޮޑު ދައުރަކީ عــمــر بــن عـبــد الـعـــزيـــز رحـمـه اللّــه ގެ ނަމޫނާ ދައުރެވެ. ޚަލީފާކަމަށް އެކަލޭގެފާނުގެ ނަންފުޅު ހުށަހެޅުނުހިނދު ޢާންމު އެއްވުމެއްގައި ވިދާޅުވިއެވެ. "ތިޔަބައިމީހުނާ މަޝްވަރާކުރުމަކާނުލައި އަހަރެންގެ ގައިގައި މިވަނީ ޚިލާފަތުގެ ޖުއްބާ ލެވިފައެވެ. އަހަރެން މިޖުއްބާ މިބާލަނީއެވެ. ތިޔަބައިމީހުން ރުހޭ މީހެއްގެ ގައިގައި މިޖުއްބާ ލައްވާށެވެ." އެއްވުމުގެ ބައިވެރީން ގޮވައިލިއެވެ. "އަޅުގަނޑުމެން ކަލޭގެފާނު ޚަލީފާއަކު ކަމުގައި ނިންމައިފީމުއެވެ." عــمــر بــن عـبــد الـعـــزيـــز ޚަލީފާކަން ޤަބޫލުކުރެއްވީ ޢާންމުންގެ އެ އިޢުލާނަށްފަހުގައެވެ. عــمــر بــن عـبــد الـعـــزيـــز އެކަލޭގެފާނުގެ ވެރިކަމުގެ މުޅި ދައުރުގައިވެސް ބައިތުލްމާލާމެދު ބެއްލެވީ އަމާނަތެއް ކަމުގައެވެ. އަމީރު ނުވަތަ ޚަލީފާ ޖުމްހޫރީ ހަމަތަކުގެމަތީން އިންތިޚާބުކުރުމަކީ އިސްލާމްދީން ދުނިޔެއަށް ތަޢާރުފުކުރި މަތިވެރި އަދި މިސާލެއް ނުވާފަދަ ރީތި ހެޔޮ ނަމޫނާއެކެވެ. ޤަދީމީ ޒަމާނުގައި އެފަދަ ތަޞައްވުރެއްވެސް ނެތެވެ. މުޅި ދުނިޔޭގައިވެސް އޭރު ޢާންމުވެފައިއޮތީ ޤައިޞަރާއި ކިސްރާގެ ވިރާސީ އިސްތިބުދާދީ ނިޒާމެވެ. ބައިތުލްމާލަކީ ވެރީންގެ އަމިއްލަފުޅު މިލްކިއްޔަތެކެވެ. އެހައިތަނަށް ދުނިޔޭގައިއޮތީ ޝަޚްޞީ ވެރިކަމެވެ. ޤާނޫނުގެ މަސްދަރަކީ ވެރީންގެ އަމިއްލަފުޅު ޒާތެވެ. ވެރީން ހެދިވަޑައިގެން އުޅުއްވި މީސްތަކުންގެ މާލިކުން ކަމުގައްޔާއި އިލާހުން ކަމުގައެވެ. މިހާރުވެސް ޢަރަބި ވަރަށްގިނަ ޤައުމުތަކުގައި ޢަމަލުކުރެވެމުން އެދަނީ ކިސްރާއާއި ޤައިޞަރުގެ ސުންނަތަށެވެ. ޝައްކެއްނެތްގޮތުގައި އެއީ ވެރިކަމުގެ އިސްލާމީ ނިޒާމާ ވަރަށްވެސް ދުރުގޮތެކެވެ.

(ނުނިމޭ)