ޚަބަރު

ދިއްދޫ، ރަސްދޫ، މީދޫ، މާމެންދޫ، އަދި ރަތަފަންދޫ އައިސްޕްލާންޓް އެއްބަސް ވުމުގައި ޖޫންމަހު ސޮއިކުރެވޭނެ

އިބްރާހިމް ޒަކީ

ހއ. ދިއްދޫ އާއި އއ.ރަސްދޫ އާއި ދ.މީދޫގެ އިތުރުން ލ.މާމެންދޫ އާއި ގދ. ރަތަފަންދޫގައި އައިސްޕްލާންޓް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ޖޫންމަހު ސޮއިކުރެވޭވަރުވާނެ ކަމަށް ލަފާ ކުރެއްވޭކަމަށް ފިޝަރީޒް މިިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ދިއްދޫގައި، ބަހައްޓަން ހަމަޖެހިފައިވާ އައިސްޕްލާންޓްގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވުމަށް ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ދިއްދޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތަކީ، ސައުދީ ފަންޑުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

އެމަސައްކަތަށް، 9 ސެޕްޓެމްބަރު 2021 ގައި އިންޓަނޭޝަން ބިޑިންއަށް ފިނޭސް މިނިސްޓްރީން ހުޅުވައިލި ނަމަވެސް، ޓެންޑާ ގެމުއްދަތު 21 އޮކްޓޫބަރަށް ހަމަވާީއިރު، ބިޑަހުށަހެޅީ އެންމެ ފަރާތަކުން ކަމަށެވެ. އަދި އެފަރާތަކީ ބިޑު ހުށަހެޅުމުގެ ކުރިން ރަޖިސްޓްރީ ކުރުން ލާޒިމް ކޮސްފައިވާގޮތަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ނޫންކަމުން، އެފަރާތް ޑިސްކޮލިވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެކި ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ދަތިތަކެއް ފާހަގަވި ކަމަށާއި، އޭގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަވަނީ، އައިސްޕްލާންޓްގެ މަސައްކަތަކަށް ހަމަސްދުވަހުގެ މުއްދަތެއް ދޭއިރު، ކަނޑުމަގުން ބޭރުން ތަކެތި ގެނައުމަށް ދަތިވެފައިވުން ކަމަށެވެ. ދެވަނަ ކަމަކީ ފައިނޭންޝަލީ އެލިޖިބިލިޓީ، ކްރައިޓީރިއާ މަތިވުން ކަމަށާއި، އެކަމުގެ ސަބަބުން ދިވެހި ގިނަ ކުންފުނިތަކެއް ޑިސްކޮލިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ މަސައްކަތަށް ދެވަނަ ފަހަރަށް ބީލަން ހުޅުވއިލުމަށްޓަކައި ބީލަން ކަރުދާހަށް ބަދަލުތަކެއް ގެނައުމަށް ނިންމައި، މިއަހަރު ފެބްރުއަރީ މަހުގެ ހައެއްގައި، ކުވެއިތު ފަންޑަށް ހުށަހެޅި ކަމަށެވެ.

އެ ހުށަހެޅުމުގައި އައިސްޕްލާންޓް ގާއިމް ކުރުމުގެ މުއްދަތު ހަ މަސްދުވަހުން އަށްމަސްދުވަހަށް އިތުރު ކުރަން ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެއާއެކު ގެނައި އިތުރު ބަދަލުތައް ގެނައުމަށް ސަރުކާރުން ހުށަހެޅި ގޮތް ސައުދީފަންޑު، ރަސްމީކޮށް ގަބޫލުކުރިކަން އެންގީ ހުސްވި މާޗްމަހުގެ 21 ގައި ކަމަށްވެސް ވިދާޅުވިއެވެ. އެއާއެކު އެ ބަދަލުތައް ކަރުދާހުގައި ހިމެނުމަށް ފިނޭންސް މިނިސްޓްރީން، ފިޝަރީޒް މިނިސްޓްރީއަށް އެންގީ، މާޗް 23 ގައި ކަމަށާއި، ކަރުދާހަށް އެ ބަދަލުގެނެސް މިމަހު ހަތަރެއްގައި، ފިނޭންސަށް ފޮނުވުމުން ދެވަނަ ފަހަރަށް ބީލަން ކުރުމަށް ސައުދީ ފަންޑުގެ ނޯ އޮބްޖެކްޝަން ހޯދުމަށް އޭޕްރީލް ފަހެއްގައި އެފަރާތަށް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ނޯއޮބްޖެކްޝަން އޭޕްރީލްމަހުގެ ތިންވަނަ ހަފުތާގައި ލިބޭނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އެއަށްފަހު ހަފުތާގެ ތެރޭގައި ބީލަމަށް އަލުން ހުޅުވައިލާނެ ކަމަށާއި، އެކަމަށް މަސްދުވަހުގެ މުއްދަތު ދޭން ހަމަޖެހިފައިވާއިރު ބީލަންތައް ލިބި، ބީލަން ހުޅުވޭނީ މެއިމަހުގެ ފަހު ހަފްތާގައި ކަމަށްވެސް ވިދާޅުވިއެވެ.

ބޭނުންވާ އަދަދަށް ސައްހަ ބީލަން ހުށަހަޅާފައިވާނަމަ، ބީލަންތަކުގެ އިވެލުއޭޝަން މަދުވެގެން 15 ދުވަސް ނަގާނެ ކަމަށާއި، އެހެން ކަމުން އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ބެލެވެނީ ޖޫންމަމުގެ ދެވަނަ ހަފްތާގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެއްބަސްވުމުގައި ސޮއިކުރާތާ، އަށްމަސްދުވަހަށް ވިސްނާއިރު، މާޗްމަސްތެރޭގައި ޕްލާންޓްގެ މަސައްކަތް ނިމޭނެކަމަށް ބެލެވޭކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދިއްދޫގެ އިތުރުން، އއ.ރަސްދޫ އާއި ދ.މީދޫ އާއި ލ.މާމެންދޫ އާއި ގދ. ރަތަފަންދޫ ގެ މަސައްކަތްވެސް އޮތީ ހަމަ އެގޮތަށް ކަމަށެވެ.