ހިޔާ ފުލެޓުތައް ކައިރީގައި ކާބޯތަކެތީގެ ވިޔަފާރި ކުރުން ހުއްޓާލައި އެކަން ކުރުމަށް ހަދާފައިވާ ތަންތަން، ނަގަން ދިން މުއްދަތު ހަމަވި އިރުވެސް ނުނަގާތީ އެތަކެތި ނެގުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

ހިޔާ ސަރަހައްދުގައި ހެދިކާ އާއި އަދި އެނޫންވެސް ތަކެތި ވިއްކުމަށް މޭޒާއި ލަކުޑިން ހަދާފައި ހުރި ކުދި ގާޑިޔާތައް ނަގަން އެޗްޑީސީން ވަނީ މުއްދަތެއް ދީފަ އެވެ. މި ތަކެތި ނެގުމަށް އަންގާފައިވަނީ ހިޔާ ފްލެޓް ސަރަހައްދަކީ ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަމުން އަންނަ ސަރަހައްދަކަށްވާތީ، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ދަށްވެފައި، އެފަދަ ތަންތަނުންދޭ ހިދުމަތްތަކުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ޝަކުވާ އެ އެޗްޑީސީއަށް ލިބެމުންދާތީ ކަމަށް އެ ކޯޕަރޭޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެޗްޑީސީން ބުނީ އެތަންތަނުގެ ހިދުމަތް ދެމުންދަނީ ކަމާބެހޭ އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި، ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެހެންވެ، ހިޔާ ފުލެޓުތައް ހިމެނޭ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުން އިއްޔެގެ ނިޔަލަށް ތަކެތި ނަގައި ސާފުކޮށް އެފަދަ ހިދުމަތްތައް ދިނުން ހުއްޓާލުމަށް އެ ކޯޕަރޭޝަނުން ވަނީ އަންގައިފަ އެވެ.

އެހެން ނަމަވެސް އެތަކެތި ނަގައި ސާފުކޮށްފައެއްނުވެ އެވެ.

އެޗްޑީސީގެ މީޑިއާ އޮފިސަރު އަލީ މަޝާރު "ވަން" އަށް މިއަދު ވިދާޅުވީ ހިޔާ ސަރަހައްދުގައި ކާބޯތަކެތި ވިއްކުމަށް ބަހައްޓާފައި ހުރި ތަކެތި އެތަކެތީގެ ވެރިފަރާތްތަކަށް ދީފައިވާ މުއްދަތު ހަމަވި އިރުވެސް ނުނެގުނު ކަމަށާއި އެހެން ކަމުން އެތަކެތި ނެގުމުގެ މަސައްކަތް މިހާރު އެ ކޯޕަރޭޝަނުން ފަށާފައިވާ ކަމަށެވެ.

މަޝާރު ވިދާޅުވީ ފުލެޓު ސަރަހައްދަކީ އަދިވެސް ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުން އަންނަ ތަނަކަށް ވެފައި އެފަދަ ތަނެއްގައި ކާބޯތަކެތި ވިއްކުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށެވެ. އެހެން ކަމުން އުސޫލުތަކަކާއެކު އަލުން ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި ރައްކާތެރި ކަމާއެކު ކާބޯތަކެތި ވިއްކޭނެ އުސޫލުތައްވެސް އެކުލަވާލައި އާންމު ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.