މިދިޔަ މާޗު މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ (106.71 މިލިއަން ޑޮލަރު) ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު ދައުލަތަށް ވަނީ އާމްދަނީގެ ގޮތުގައި 5.10 ބިލިއަން ރުފިޔާ ލިބިފައެވެ.
މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ މާޗު މަހު ލިބުނު 2.2 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ %64.2 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މާޗު މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.3 ބިލިއަން ރުފިޔާއެވެ.
މިއަހަރު އާމްދަނީ އިތުރުވެފައިވަނީ ޓީޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ.
އެގޮތުން މިދިޔަ މަހުގައި ޓޫރިޒަމް ލޭންޑް ރެންޓް ނުވަތަ ރިސޯޓް ކުލިން 541.2 މިލިއަން ރުފިޔާ ލިބުނުއިރު އެއީ އާމްދަނީގެ 24.8 ޕަސަންޓެވެ. އިންކަމް ޓެކްސްއިން 183.7 މިލިއަން ރުފިޔާ ލިބުނުއިރު އެއީ އާމްދަނީގެ 8.4 ޕަސަންޓެވެ.
މީގެ އިތުރުން ގްރީން ޓެކްސްއަށް 105.7 މިލިއަން ރުފިޔާ ލިބިފައިވާއިރު އެ އަދަދަކީ އާމްދަނީގެ 4.8 ޕަސަންޓެވެ. އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް 65.1 މިލިއަން ރުފިޔާ ލިބުނުއިރު އެއީ މިދިޔަ މާޗު މަހުގެ އާމްދަނީގެ ތިން ޕަސަންޓެވެ.
މީރާއިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީއަކީ އެ އިދާރާއިން ލަފާކުރި އަދަދަށް ވުރެ 32 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.