ރޯދަ މަހަކީ އެންމެހާ ހެއޮ އަމަލުތަކެއްގެ މައްސަރެވެ. އެ ހުރިހާ އަމަލު ތަކެއްގެ ތެރެއިންވެސް އެންމެ ހާއްސަ އެއް އަމަލަކީ ސަދަގާތްކުރުމެވެ.

ކީރިތި ރަސޫލާ ސައްލަﷲ އަަލައިހި ވަސައްލަމް އާ ގުޅޭގޮތުން ވާރިދުވެގެންވާ ގޮތުގައި، ރޯދަ މަހު އެކަލޭގެ ފާނުގެ ދީލަތިކަން އެތައް ގުނައެއް އިތުރުވެގެންދެއެވެ.

ހިފޭއްޓުމެއްނެތް ވައިރޯޅިއެއް، ނުވަތަ ވިލާގަނޑެއްގެ މިސާލުގައި އެކަލޭގެ ފާނުގެ ދީލަތިކަންއިތުރު ވެގެންދާކަމަށް ސަހާބީ ބޭކަލުން ބަޔާންކޮށްދެއްވާފައިވެއެވެ. އެއީ ސަބަބުތަކެއް ނެތިއެއްނޫނެވެ. ރޯދަމަހުގައި ސަދަގާތްކުރުން އެހާ ހާއްސަ އަމަލަކަށް ވެގެންދާ އެތައް ސަބަބެއް އިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ.

އެގޮތުން އެންމެ މައިގަނޑު އެއް ސަބަބަކީ މި ވަގުތުގެ ޝަރަފާއި މަތިވެރިކަމެވެ.

ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އެންމެ ހެޔޮ ސަދަގާތަކީ، ރަމަޟާންމަހު ކުރެވޭ ސަދަގާތެވެ." ދެވަނަ ސަބަބަކީ މި މައްސަރުގައި އެކި އެކި އަޅުކަމުގައި އަދި ރޯދައިގައި، އެންމެން ވެސް ޝާމިލްވެ މިއުޅޭއިރު، މި މޫސުމުގައި މީހުންނަށް ފޯރު ކޮށްދޭ ހެޔޮ ކަމާއި، ވެދެވޭ އެހީތެރިކަމަކީ އެބައިމީހުން، އެމީހުންގެ ހެޔޮ އަމަލުތަކުގެ މަތީގައި ދެމިތިބުމަށް ވެވޭ އެހީތެރިކަމަކަށް ވާތީއެވެ. އެމީހުން ރޯދަ ހިފުމަށް ފޯރުކޮށްދެވޭ ބާރެއް ކަމަށްވާތީއެވެ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ގިނަގުނަ އެތައް ސަވާގަބަކާއި، ދަރުމައެއް ލިބިގެންދެއެވެ.

ކީރިތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. "ރޯދަވެރިޔަކަށް، ރޯދަ ވީއްލުން ދީފި މީހަކަށް އެ ރޯދަވެރިޔާއަށް ލިބޭ ސަވާބާއި، އަޖުރާ އެއްފަދަ ސަވާބެއް އެ ރޯދަ ވީއްލުން ދިން މީހާއަށްވެސް ކަނޑައެޅިގެން ވެއެވެ."

ތިންވަނަ ސަބަބަކީ ރަމަޟާން މަހަކީ ﷲ ސުބުހާނަހޫ ވަތައާލާ، ރަމަޟާން މަހުގައި އެކަލާނގެ އަޅުތަކުންނަށް ރަހުމްވެ ވޮޑިގެން، ދީލަތިވެ ވޮޑިގަންނަވާ މައްސަރަކަށް ވުމެވެ.

އެހެންކަމުން މި މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން އެހެން މީސްތަކުންނަށް ރަހުމްކޮށް، އަޅާލައި، އޯތެރިވުމުގެ މަތިވެރިކަން އިންތިހާއަށް ބޮޑުވެގެން ވެއެވެ. އެހެންކަމުން، މާތް ﷲ، ރަހުމްކުރާ މީހުންދެކެ ލޯބިވެ ވޮޑުިގެންވާކަމަށް ކީރިތި ރަސޫލުﷲ ސައްލަﷲ އަަލައިހި ވަސައްލަމަ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ހަތަރުވަނަ ސަބަބަކީ، ރަމަޟާން މަހުގެ ރޯދަ އާއި ސަދަގާތް ޖަމާވުމަކީ އެމީހަކަށް ސުވަރުގެ ހައްގުވެގެންވާފަދަ މަތިވެރި ދަރުމައާއި ސަވާބު ލިބެނިވި އަމަލެއްކަމުގައި ބަޔާންވެގެންވާކަމަށް އޮތުމެވެ.

ނޯޓު: "ރޯދައިގެ މެސެޖް" އަކީ މި ބަރަކާތްތެރި ރޯދަމަހުގެ ކޮންމެ ދުވަހަކު ހަވީރު 06:00 ގައި ވަން މީޑިއާ ގުރޫޕުގެ ޑިޖިޓަލް ޓީވީ، ވަން ޕްލަސް އިން ގެނެސްދޭ ނަސޭހަތުގެ ބަސްކޮޅެކެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ވަން މީޑިއާ ގުރޫޕާއި އިލްމު އިންސްޓިޓިއުޓް ގުޅިގެންނެވެ.

މެސެޖު ދެއްވީ: އަލްއުސްތާޛް މުހައްމަދު ފިރްޒުލް އަބްދުﷲ ޚަލީލް / އިލްމު އިންސްޓިޓިއުޓް