ވާހަކަ

ކުރުވާހަކަ: އިސްތިރި

"ސިހުރު ހެދުމުގައި އައްޑޫ މީހުން ތިބޭނީ ވަރަށް ކުރީގަ... ހާއްސަކޮށް އިސްތިރި ވަރިތޮޅީގަ... މުޅިންވެސް މީހުންގެ ދިރިއުޅުން ހަލާކުކޮށްލާފަ ފައިގަދަކުރާނީ ބޫގަލްގެ ބާރުން..."

އޮފީހުގައި މިއަދު ކުރިއަށް ދިޔައީ ވަރަށް ވަރުގަދަ ބަހުސެކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ރައުުޔުގެ މައްޗަށް ވާހަކަ ދެއްކިއެވެ. އީމާން މިކަމާ ދެކޮޅެއް ނުހަދައެވެ. އެކަމަކު އީމާނު ބުނި ވާހަކައެއްގެ ސަބަބުން އިތުރަށް އެބަހުސު ހޫނުވެގެން ދިޔައެވެ.

“ސިހުރު ކަމެއް އިލްމު ކަމެއް ނޭނގެ. މާލޭގަ ބަޔަކަށް ވާކަހަލަ ބަޔަކު ތިބިއްޔާ ތިބީ އައްޑޫ މީހުން.”

އީމާނަކީ ސިހުރާއި ހާހޫރަ، އިސްތިރި ވަރިތޮޅި ގަބޫލު ކުރާ މީހެއް ނޫނެވެ. އީމާން އެހެން ބުނެލީ އެއްވެސް ހާލެއްގައި އޭނައަކީ އައްޑޫ މީހެއްގެ ދަރިއަކަށްވާތީއެއް ނޫނެވެ. އެއީ އޭނާއަށް އެނގި، ފެނިފައިވާ ގޮތަށް ހަގީގަތަށް ބުރަވެ ބުނި ވާހަކައެކެވެ. އެކަމަކު އޮފީހުގެ އެންމެން އޭނާއަކީ އައްޑޫ މީހަކަށްވީމައޭ ކިޔައި ދިމާކޮށް މަލާމާތް ކުރިއެވެ. އެއީ އޮފީހުގެ އާދަ ކަމަކަށް ވާތީ އޭނާވެސް އެވާހަކައިގައި ރަނގަޅަށް ބައިވެރިވެލިއެވެ.

އޮފީސްތެރޭގެ އަޑު ގަދަވެގެންކަން ނޭނގެއެވެ. ކުއްލިއަކަށް އެންމެންގެ އަޑު އެއްފަހަރާ ކެނޑުނީ އިންޗާޖް ކެބިނުން ނުކުމެ ހުއްޓުނު ތަން ފެނުމުންނެެވެ. އީމާންވެސް އަވަސްއަވަހަށް އޭނާގެ ގޮނޑި މޭޒާދިމާއަށް ދިމާއަށް އަނބުރާލައި މޭޒުމަތީގައި ހުރި ފައިލްތައް ތަރުތީބު ކުރަން ފެށިއެވެ.

އީމާންގެ މަންމައަކީ އައްޑޫ މީހަކަށްވިޔަސް ބައްޕައަކީ މާލޭ މީހެކެވެ. ރާއްޖެތެރޭގެ ރަށްރަށާއި މާލެއާ އަޅައި ކިޔުމަކީ އަބަދުވެސް ކޮންމެ ތަނެއްގައިވެސް އޮންނަ ކަމެކެވެ. ޒަމާނުއްސުރެ އައްޑޫ މީހުންނާ ދޭތެރޭގައި މީހުން ދެކޭ ގޮތް މާކަ ރަނގަޅެއް ނޫނެވެ. އަމިއްލަ ވަންތަކަމާއި ބޮޑާކަން ހުންނަ، ކިބުރުވެރި ބައެއްގެ ގޮތުގައި އައްޑޫ ރައްޔިތުން ނަންކޮށްފައިވާއިރު ފަންޑިތަ އާއި ސިހުރުފަދަ ކަންތަކުގައިވެސް މިމީހުންގެ ނަން އޮންނަނީ މާމަޝްހޫރު ބަޔަކަށް ވެފައެވެ.

އޮފީހުން ނިމިގެން ޒަލީޝާނާއެކު ޒަލީޝާންގެ ސައިކަލުގައި އީމާނު ދިޔައީ ވިލިނގިލީ ފެރީޓާމިނަލާ ދިމާއަށެވެ. ދެމީހުންނަކީ އޮފީހުގައި ވެރިޔަކާއި މުވައްޒަފަކަށް ވިޔަސް އޮފީހުން ބޭރުގައި އެއީ އެކަކު އަނެކަކަށް ކޮންމެ ކަމެއްގައިވެސް ނުހަނު އެހީވާ އެކަކު އަނެކަކު ދެެކެ ލޯބިވާ ގާތް ދެރަހުމަތްތެރިންނެވެ. އުމުރުގެ ގޮތުން ޒަލީޝާނަށްވުރެ އީމާން ހަތަރު އަހަރު ދޮށީނަމަވެސް އެމީހުން ބައްދަލުވީ ގްރޭޑް ހައެއްގެ އެއްކުލާހަކުންނެވެ.

ސުކޫލުދައުރުން ފެށިގެންވެސް އެދެމެދުގައި އޮތް އެކުވެރި ރަހުމަތްތެރިކަން އަދިވެސް އޮތީ ހަމައެގޮތުގައެވެ. ޒަލީޝާންގެ އޮފީހުން އީމާނަށް ވަޒީފާ ލިބޭނެ ގޮތް ހަމަޖައްސައިދިނީ އީމާނުގެ އެގާބިލުކަން ހުރުމާއެކު ޒަލީޝާން އެމަގާމަށް އީމާން ގެންނަން ބޭނުންވާތީވެސް މެއެވެ. އީމާން ދިރިއުޅެނީ ވިލިނގިލީގައިކަމަށްވިޔަސް ޒަލީޝާން ދިރިއުޅެނީ މާލޭގައެވެ. އެހެންނަަމަވެސް އެދުވަހު އީމާނާއެކު ވިލިނގިއްޔަށް ދާން ޖެހުނީ ފަހަރިދައްތައަށް ޒަލީޝާން ނުފެންނާތީ ގިނަދުވަސްވެގެން އެޝަކުވާ ކުރާތީއެވެ. އީމާނުގެ އަނބިމީހާއަކީ ޒަލީޝާންގެ ދައްތައެއްކަހަލަ ކުއްޖެކެވެ. އަދި އީމާނާ އިންފަހުން ފުރަތަމަ ދުވަހުން ފަށައިގެންވެސް ޒަލީޝާނަށް އެއި ފަހަރިދައްތައެވެ.

ދުވަހަކީ ހަފްތާގެ ބުރާސްފަތި ދުވަސްކަމަށްވެފައި މިއީ އޮފީސްތައް ނިމޭ ގަޑިއަށް ވާތީ މީހުންގިނައެވެ. ޒަލީޝާނާއި އީމާންވެސް އަވަހަށް ފެރީއަށް އަރައި ތަންކޮޅެއް ހަމަޖެހިލައިގެން ތިބެވޭނެހެން ފަހަތުގެ ސީޓެއްގައި އިށީނެވެ. ކުއްލިއަކަށް ތެޅެމުން ފޮޅެމުން އައި އަންހެންކުއްޖަކު އީމާން އާއި ޒަލީޝާން އިށީނދެގެން ތިބި ސީޓުގައި އިށީނދެ އޭނާ ގެނައި އަތްދަބަސް އީމާންގެ އުނގަށް ލެވޭނެހާ ގާތުގައި ބެހެއްޓިއެވެ. ދެމީހުންނަށްމެ އެކަކުއަނެކަކަށް ބަލައިލައި ދެކޮނޑު އަރުވައިލެވުނެވެ.

ކޮންމެވެސް މުއްސަންޖެއްގެ ދަރިއެއްކަން ޔަގީނެވެ. ލައިގެން އިން ހެދުމާއި ލޮލުގައި އޮތް އަގުބޮޑު އަވިއައިނާއި އަތްދަބަސް އެކަމަށްހެކިދެއެވެ. އެންމެ ފަހުގެ އެހާމެ އަގުބޮޑު މޮޅު ފޯނު ނަގައިގެން އަންހެންކުއްޖާ ކަންފަތުގައި އިޔަރޕޮޑް ޖެހުމަށްފަހު ލަވަޖަހައިގެން ސީޓުގެ ލެގޭބައިގައި ބުރަކަށި ޖައްސާލިއެވެ. މިއީ ކޮންމެވެސް ތާކުން ފެނިފައިވާ އަންހެންކުއްޖެެއް ހެން ޒަލީޝާނަށް ހީވީ އިރުކޮޅެއް ފަހުންނެވެ. އެކަމަކު ސީދާ ކޮންތާކުންކަމެއް އޭނާގެ ހަނދާނަށް ނައެވެ.

ފެރީ މަޑުކޮށްލުމާއެކު ގޮނޑިތަކުން ތެދުވެ ވިލިނގިއްޔަށް ފައިބަން ތައްޔާރުވުމުން އީމާންވެސް ތެދުވެ ކިއުގެ ފަހަތަށް ހުއްޓުނެވެ. އޭރުވެސް އެއްކަލަ އަންހެންކުއްޖާ ލޯމަރައިގެން ލަވައިގެ ތެރެއަށް ގެއްލިފައި އިނެވެ.

އީމާން އުޅޭ ގެ ހުންނަނީ ޓާމިނަލާ މާކަދުރެއްގައެއް ނޫނެވެ. ވަރަށް ހަމަޖެހިގެން މަޑުމަޑުން ދިޔަޔަސް ފަސްވަރަކަށް މިނިޓްތެރޭ ގެއަށް ދެވޭނެއެވެ. ޒަލީޝާން އީމާނާއި ވަކިވެގެން ދިޔައީ ކައިރި ފިހާރައަކުން ކޮންމެވެސް ކަހަލަ ހަދިޔާތަކެއް ހިފައިގެން އެގެއަށް ދާން ކަމަށް ބުނެފައެވެ. އެގޮތަށް ކުއްލިއަކަށް އޭނާ ފެނުމުން ފަހަރި އުފާވާނެކަން ޔަގީންވާތީ އީމާންވެސް މިގޮތާ އެއްބަސްވިއެވެ.

އީމާން ގޭގެ ބޮޑު ދޮރުން އެތެރެއަށް ވަދެ ސިޓންރޫމް ތެރެއިން އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގެތެވެ. މިކުޑަކުޑަ އެހެނަސް ނުހަނު ހިތްގައިމު ގެއަކީ އީމާން މަހު ކުއްޔަށް ހިފައިފައި ހުރި ގެއެކެވެ. ކުޑަކޮޓަރިއަކާއި ތަނަވަސް ނިދާކޮޓަރިއެއްގެ އިތުރަށް ކުޑަކުޑަ ބަދިގެއަކާއި ކާތަންކޮޅެއް ހުރެއެވެ. މީގެ އަށެއްކަ އަހަރު ކުރިން އީމާން އޭނާގެ ކުޑަކުޑަ އާއިލާ ގޮވައިގެން މިގެއަށް ބަދަލުވީ އަމިއްލަ އާއިލާއާއެކު އަނބިދަރިން ގޮވައިގެން އުޅުމަކީ ފަސޭހަކަމަކަށް ނުވާތީއެވެ.

ކޮޓަރީގެ ދޮރުހުޅުވާލުމުން ފެނުނީ ހިތަށް ހަމަޖެހުމެއް ލިބޭ ލޮލަށް ފިނިކަންދޭ ކިތަންމެ ގިނައިން ފެނުނަސް ފޫހިނުވާ މަންޒަރެވެ. ކޮޓަރީގެ މެދުގައި ހުރި ބޮޑު، ފުޅާ އެނދުމަތީގައި ސުދާ އެމީހުންގެ ހަގު ދަރިފުޅު ބާލީހެއް މަތީ ބާއްވައިގެން ނިންދަވަމުން ދިޔައިރު ކައިރީގައި ދޮށީ ދެބޭން ކޮންމެވެސް ފޮތެއް ހިފައިގެން އެއްޗެއް ލިޔަން ތިއްބެވެ. ދެކުދިންގެ ހޯމްވޯކު ހަދުވަމުން ކުޑަމީހާ ނިންދަވަން އިން ސުދާއަކީ އަބަދުވެސް ކުދިންގެ ކަންތައް ވަރަށް ގާތުން ބަލާ ކުދިންނަށް ވަރަށް ހެޔޮ މަންމައެކެވެ. އީމާން ސުދާއާ ކައިވެނި ކުރީ ހައަހަރު ކުރިން އޮފީސް ދަތުރެއްގައި ފަރެސްމާތޮޑާއަށް ގޮސް އުޅުމުގެ ތެރޭ ބައްދަލުވެ ރައްޓެހިވެގެންނެވެ. ރައްޓެހިވިތާ މާގިނަ ދުވަހެއް ނުވެ އީމާން ސުދާއާ ކައިވެނިކޮށްގެން މާލެ ގެނެސްފިއެވެ.

ސުދާކަހަލަ އަނތްބަކު ލިބޭނީ މަދު ނަސީބުވެރިއަކަށެވެ. ގެވެހި، ދަރިންގެ ކަންތަކަށް ނުހަނު ފަރުވަތެރިވާ އަދި ކިތަންމެ ވަރުބަލިވެފައި ހުއްޓަސް ފިރިމީހާ ގެއަށް އަންނަ އިރު ތާޒާ އުފާވެރި ހިނިތުންވުމަކާއެކު ފިރިމީހާއަށް އިސްތިގުބާލު ކުރާނެއެވެ. ގޭތެރޭގެ ކަންތައްތައް ނުހަނު ފުރިހަމައަށް ބަލަހައްޓައެވެ. ކުދިން ދުވަހަކުވެސް ޓިއުޝަނަށް ނުވަތަ ގުރުއާން ކުލާހަކަށް ފޮނުވާކަށް ނުޖެހެއެވެ. އެކުދިންގެ ޓިއުޝަން ޓީޗަރަކީ ސުދާއެވެ.

އީމާން އެތެރެއަށް ވަންތަން ފެނިފައި ސުދާ ހިނިތުންވެލިއެވެ. ފިލާވަޅު ހެދުމަށް ގެއްލިފައި ތިބި ދެކުދިން ތިބީ ފޮތުގެ ތެރެއަށް މާބޮޑަށް ގެއްލިފައި ކަމަށްވެސް ވެދާނެއެވެ. އިސްއުފުލައި ބަލައިލައިފައި ހީނލުމަށްފަހު އަނެއްކާވެސް ފޮތާއިދިމާއަށް ސަމާލުކަން ދީފިއެވެ.

އީމާނާއި ސުދާގެ މިދިރިއުޅުމަކީ އުފާވެރި ހަމަޖެހޭ މެދުފަންތީގެ ދިރިއުޅުމެކެވެ. ދޮށްޓަށް ތިބި ދެފިރިހެންކުދިންނާއި އެންމެ ފަހުން ލިބުނު އަންހެންދަރިފުޅާއެކު ސުދާ ގޭތެރޭގެ ކަންތައްތައް ހަމަޖައްސަނީ ވަރަށްވެސް ފުރިހަމައަށެވެ.

"މިރޭގެ ކެއުން އޮތީ ބޭރުން. ކޮން ރެސްޓޯރެންޓަކަށް މިމަހު ދާނީ؟"

ކޮންމެ މަހަކުވެސް ކުރީކޮޅު ކޮންމެވެސް ތާކަށް ގެއިން ބޭރަށް އާއިލާ ގޮވައިގެން ކެއުމަކަށް ދިއުމަކީ އީމާން އާދަވެ ކުރާ ކަމެކެވެ. ކައިވެނީގެ ކުރީކޮޅެކޭ ދަރިން ލިބުނު ފަހުން އެކުދިން ގޮވައިގެން ދިއުމެކޭ ވަކި ތަފާތެއް ނުކުރެއެވެ. އެހެންކަމުން މިއަދުވެސް މަހުގެ މުސާރަ ލިބުނު ދުވަސްކަމުން އީމާން އަނބިމީހާގެ ހިޔާލެއް ހޯދައިލިއެވެ.

ކުދިން ލިބުނު ފަހުން އަބަދުވެސް ކުދިން ގޮވައިގެން ދެވޭ އެންމެ ރަނގަޅު ތަންތަން ބަލައިފައި ދިއުމަކީ ދެމީހުންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމެކެވެ. މިރޭގެ ޕްރޮގްރާމުގައި ބޭރުން ކެއުން ހަމަޖެހުމުން ސުދާ ރޭގަނޑަށް ނުކައްކާނެކަމަށް އީމާން ގާތުގައި ބުނެލިއެވެ. އެއްވެސް ކަހަލަ އިސްރާފެއް ކުރުމަކީ ސުދާ ރުހޭ އަދި ގަޔާވާ ކަމެއްވެސް ނޫނެވެ.

އީމާނާއި ސުދާގެ ކުޑަކުޑަ އާއިލާއަކީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއްގައި އުޅޭ ވިލިނގިލީގައި ނަމޫނާ އާއިލާއެކެވެ. ގިނަ މީހުންގެ ލޯތްބާއި ގަދަރު އެދެމަފިރިންނަށާއި އެމީހުންގެ ކުދިންނަށް ލިބިފައިވެއެވެ.

ހުކުރު ދުވަހެކެވެ. މެންދުރަށް ކުރަން ޖެހޭ ކަންތައް ނިންމުމުގައާއި ކުދިންނާއި ފިރިމީހާ ހުކުރު ނަމާދަށް ދިއުމަށް ލާނެ އަންނައުނު ތައްޔާރު ކުރުމުގައި ސުދާ އަވަދިނެތި އުޅެއެވެ. ހެނދުނު ހޭލައިގެން ނާސްތާކޮށްގެން ކުދިން ގޮވައިގެން މިވަގުތު ކޮޓަރީގައި އުޅެނީ އީމާނެވެ. ހަގު މަންޖެއާއި ސަކަރާތްޖަހާ އަޑާއެކު ދޮށްޓަށް ތިބި ދެބޭންގެ ސަމާސާގެ އަޑުވެސް ދޭތެރެއަކުން ސުދާއަށް އިވެއެވެ. ބަދިގޭގައާއި ބޭރު ގޭތެރޭގައި މަސައްކަތް ކުރަން ހުރިއިރުވެސް ސުދާއަށް ކުދިންގެ އަޑަށް ސަމާލު ނުވެއެއް ނުހުރެވެއެވެ.

އީމާންގެ ފޯނު އޮތީ ކާމޭޒުމަތީގައެވެ. މެންދުރަށް ތައްޔާރު ކުރި ބާވަތްތަކުގެ ތެރެއިން ބައެއް ތަކެތި މޭޒުމަތީގައި ބެހެއްޓުމަށް މޭޒާ ކައިރިވެލި ވަގުތު އީމާންގެ ފޯނު ސުދާއަށް ފެނިއްޖެއެވެ. ފޯނުގެ ޑިސްޕްލޭ ދިއްލިފައި ހުރުމުން ސަމާލުކަން ދެވުނީ މާބޮޑު އެއްޗެއް އެނގިގެނެއް ނޫނެވެ. އެކަމަކު އެބަލައިލެވުން ވީ ވަރަށް ބައިވަރު ސުވާލުތައް އުފެއްދި ކަމަކަށެވެ.

އީމާންގެ ފޯނު އޮތީ ސައިލެންޓުގައެވެ. އެހެންކަމުން ފޯނެއް އަންނަ ކަން ކުރިން ނޭނގުނީއެވެ. މެދުކެނޑުމެއްނެތި ރިންގްވަމުން ދިޔަ ފޯނުގެ ޑިސްޕްލޭއަށް އަރާފައި އޮތީ ސުދާ ނުދަންނަ ނަންބަރެއް ކަމަކު ސުވާލުމާކަކާއި ހައިރާންމާކެއް ޖަހައި ސޭވްކޮށްފައިވާ ނަންބަރެކެވެ. ސުދާ ފޯނަށް ޖަވާބު ދިނީ އީމާން ހިތްހަމަނުޖެހިދާނެކަމުގެ އެއްވެސް ހިލަމެއް ނެތިއެވެ. އަދި އެއީ ހަމައާދައިގެ އޮފީސް ކޯލެއް ކަމަށް ހީކޮށްފައެވެ.

"މާނު.... ހާދަ ވަރަކަށް ގުޅައިފީމޭ... ކީއްވެ ފޯނު ނުނަގާ ތިއުޅެނީ؟"

އެއީ އަންހެން އަޑެކެވެ. އީމާނަށް އެހާ ގާތްގޮތަކަށް އެގޮވާލީ އަނެއްކާ ކާކުބާވައެވެ؟ ސުދާ އެއްޗެކޭ ބުނަން އަނގަހުޅުވާލި ނަމަވެސް ޖަވާބެއް ނުދެވުނެވެ. އީމާން ކޮޓަރިން ނުކުމެގެން އައިސް ހުރި ކަމެއް ސުދާއަކަށް ނޭނގެއެވެ. އެކަމަކު ފޯނުން ވާހަކަ ދެއްކުމަށް ތައްޔާރުވެލިތަނާ އީމާން ހުޝިޔާރުކަމާއެކު ފޯނު އަތުލައިފިއެވެ. އަދި އަންނަ ކޯލުތައް ނަގަނީ ކީއްކުރަންހޭ އީމާން އަހާލީ ހަރުކަށި ގޮތަކަށެވެ.

ދުވަހަކުވެސް އީމާންގެ ފަރާތުން މިފަދަ ކަމެއް ދިމާވެފައިނުވާތީ ސުދާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އެކީގައި އުޅޭތާ މިހާ ދުވަސްވެފައިވާއިރުވެސް ދުވަހަކުވެސް އީމާންގެ ފަރާތުން ދިމާވެފައި ނުވާ ކަހަލަ ކަމެއް ދިމާވުމުން ސުދާއަށް ހުރެވުނީ ކުރަންވީ ސުވާލެއް ހަދަންވީ ގޮތެއްވެސް ނޭނގިފައެވެ.

އެއީ މައްސަލަތަކުގެ ފެށުމެވެ. އީމާންގެ އުޅުމަށް އަންނަން ފެށީ ބޮޑެތި ބަދަލުތަކެވެ. ސުދާގެ ގައިން ހައްތާވެސް ރަނގަޅު ސިފަތަކާއި ލޯބިވާ ކަންތައްތައް ފެންނަމުން އައި މީހާއަށް ފަހަކަށް އައިސް ސުދާގެ ގައިން އެއްވެސް ރަނގަޅު ކަމެއް ނުފެނެއެވެ. ކޮންމެ ކަމަކުންވެސް ކޮންމެވެސް މައްސަލައެއް ފެނެއެވެ. ބައެއް ފަހަރު ސުވާލު ކުރުމަކުން ޒުވާބަކަށް ގޮސް މަޑުމަޑުން ސުދާއާ ދިމާއަށް އަތް އިސްކުރަން ފަށައިފިއެވެ.

ކޮންމެޔަކަސް އީމާނާއި ސުދާގެ އުފާވެރި ދިރިއުޅުމަށް ޖެހުނީ ކާކުގެ އެސްފީނާއެއް ކަމެއް ނޭނގެއެވެ. ނޭނގި ތިއްބައި ސުދާއާއި ދެކުދިން ދޫކޮށްލާފައި އީމާން އެހެން މީހަކާ އިންނަން ހުރިހާ ކަމެއް ނިންމައިފި ކަމަށާއި ވީހާވެސް އަވަހަކަށް އުޅޭނެ ތަނަކާއި ގޮތެއް ހޯދައިގެން ދިއުމަށް އީމާން ސުދާއަށް އެންގީ ހަމަ ކުއްލިއަކަށެވެ. އެހެން ނުހެދުމަށް ސުދާ ކުރި އާދޭހާއި ރުއިމަށް އީމާންގެ އެއްވެސް ސަމާލުކަމެއް ނުލިބުނެވެ.

އީމާންގެ އޮފީހުގައި މިކުއްލި ވަރިއާއި ކުއްލި ކައިވެނީގެ ވާހަކަ ހަލުވިކަމާއެކު ފެތުރިގެންދިޔައެވެ. ކުއްލިއަކަށް އީމާން މިފަދަ ކަމެއް އެއްވެސް މީހަކާ މަޝްވަރާ ކުރުމަކާ ނުލައި ނިންމި ހަބަރު ލިބުމުން ޒަލީޝާންވެސް ހައިރާންވިއެވެ. އެންމެ ކުރިއްސުރެވެސް ޒަލީޝާނާ ކޮންމެ ކަމެއް ވިޔަސް ހިއްސާކޮށް ހިޔާލު ބަދަލު ކުރަމުން ދިޔަ އީމާނަށް އަނެއްކާ މިވީ ކީއްހެއްޔެވެ؟

އީމާނަކީ ޒަލީޝާންގެ އެންމެ ގާތް އެކުވެރިޔާއަށް ނުވިޔަސް މިއަދާ ހަމައަށް ޒަލީޝާނަށް ހީވެފައި އޮތީ އީމާންގެ ހުރިހާ ވާހަކައެއް އޭނާއާ ހިއްސާ ކުރެވޭކަމަށެވެ. އޮފީހުގައި އީމާނަށްވުރެ ޒަލިޝާން މަގާމުގެ ގޮތުން މަތިވިޔަސް ދުވަހަކުވެސް އެކަމެއް އީމާނަށް އިހުސާސްވާނެ ކަހަލަ ކަމެއް ޒަލީޝާނެއް ނުކުރެއެވެ. އޮފީސް ދަތުރެއްގައި ރާއްޖެއިން ބޭރުން އައުމާއެކު އީމާންގެ މިއާ ވާހަކަ އޭނާއަށް އިވިފައި ކަންބޮޑުވެއްޖެއެވެ. އީމާން ކޮބައިތޯ ބަލައިލިއިރު އޮފީހަށް ނުނިކުންނަކަމަށާއި އީމާން ހުރީ ސަލާމުގައި ކަންވެސް އެނގުނެވެ. ޒަލީޝާން އޭނާގެ ކެބިނަށް ވަދެ ފޯނު ނަގައި ފަރިތަ ނަންބަރަކަށް ޑަޔަލްކޮށްލިއެވެ.

ސުދާގެ އަޑުގައި ހުރި ރިހުމާއި ހިތްދަތިކަން އިވިފައި ޒަލީޝާން ހަމަ ހަގީގަތުގައިވެސް އީމާން ދެކެ ރުޅިއަތުވެއްޖެއެވެ. ގުޅައިގުޅައި ފޯނު ނުނަގައި އީމާން އެއުޅެނީ އޭނާއަށް ފިލައިގެން ސުވާލުތަކަށް ޖަވާބުދޭން ޖެހިދާނެތީ ކުރިމައްޗަށް ނާރަންވެގެންކަން ވަރަށް ފަސޭހައިން ޒަލީޝާނަށް ވިސްނުނެވެ. ސުދާ ކިޔައިދިން ގޮތުގައި އީމާން ދިރިއުޅެނީވެސް އެއަންހެން މީހާގެ ގޭގައެވެ. އެއީ މާލޭގައި ގެދޮރު ހުރި މުއްސަނދިބައެއްކަމަށް ބުނެ ސުދާ ވަރަށް ރުޔެވެ.

އިތުރަށް އެންމެ ވަގުތުކޮޅެއްވެސް މަޑުނުކޮށް އީމާން ދިރިއުޅޭ ކަމަށް ސުދާގެ ފަރާތުން ލިބުނު އެޑްރެހަށް ޒަލީޝާން ދިޔައެވެ. އެގެއަށް ގޮސް ސަލާން ގޮވާލާފައި އީމާންއަށް ގޮވާލަދިނުމަށް އެދުނީ އެގޭގެ ދޮރު ހުޅުވާލި ދެވަން ފުރައިގެ އަންހެން މީހާ ގާތުގައެވެ.

ގޭތެރެއިން ނުކުމެގެން އައި އީމާނަށް ގޯތި ތެރޭގައި ހުރި ޒަލިޝާން ފެނުމުން ކުޑަކޮށް ހުއްޓުން އަރާ ގޮތް ވިއެވެ. އެހެންނަމަވެސް އަވަހަށް ހީނލާފައި ޒަލީޝާނާ ސަލާމް ކޮށްލިއެވެ. ޒަލީޝާން މަލާމާތުގެ ގޮތަކަށް އާއަނތްބަށް މަރުހަބާ ކިޔެވެ. އަދި އީމާނާ ވާހަކައެއް ދައްކާލަން ބޭނުންކަމަށާއި ވަގުތުކޮޅެއް އެބައޮތްތޯ އަހާލިއެވެ. އީމާން އިޝާރާތްކޮށްލީ ސިިޓިންރޫމުގައި ހުރި ސޯފާސެޓަށެވެ.

ތަނަވަސް ގޭތެރެއަށާއި ހިފައިގެންގުޅޭ ސާމާނާއި ހުރިހާ ފަރުނީޗަރުތަކަށް ޒަލީޝާން ވިސްނުންތެރި ލޮލަލުން ބަލައިލިއެވެ. މިއީ ވަރަށް މުއްސަނދި އާއިލާއެއް ދިރިއުޅޭ ގެއެއްކަން ޔަގީނެވެ. އެކަމަކު އީމާނަކީ މިގޮތަށް މުދަލާއި ފައިސާއަށް ދަހިވެތިވާމީހެއް ނޫނެވެ. ޒަލީޝާން ދައްކަން ބޭނުންވަނީ ކޮންވާހަކައެއްތޯ އީމާން އަހާލިއެވެ. ޖަވާބު ދީ އީމާނާ ދިމާއަށް ހިތްފުރެންދެން އެއްޗެހި ގޮވައިގަތުމަށް ކަމަށް ހީކޮށް އަނގަހުޅުވިތަނާ ދުރުގައި ހުރި ފާރުގައި ހުރި ފޮޓޯ ލޯގަނޑު ޒަލީޝާންގެ ލޮލުގައި އަޅައިގެންފިއެވެ. އޭގައި އީމާނާއެކު ހިނިތުންވެފައި އިނީ ދަންނަދެކެފަރިތަ މޫނެކެވެ. ހަމަ ވަރަށް ފަހުގެ ހަނދާނެއް ވީމަ ޒަލީޝާނަށް އެއަންހެން ކުއްޖާ ފެނުނީ ކޮންތާކުންކަން ދެނެގަނެވިއްޖެއެވެ.

އީމާނާއެކު އެދުވަހު ޒަލީޝާން ވެސް ވިލިނގިއްޔަށް ދިޔަ ދުވަހެއްކަމުން އެދުވަހު ފެރީ ތެރެއިން މިއަންހެން މީހާ ފެނުނު ހަނދާން ވަރަށް ފަސޭހައިން ވެއްޖެއެވެ. މިހާރު ދެން އެއީ ކާކުތޯ ބެލިނަމަވެސް ވާނެ ފައިދާއެއް ނެތެވެ. ޒަލީޝާނަށް ޔަގީނެވެ. އީމާނަށް މިއަންހެންމީހާގެ ފަރާތަށް ލެނބިގެން ގޮސްފައި ވަނީ އާދައިގެ ގޮތަކަށް ނޫނެވެ. މީގައި ކޮންމެވެސް ބޮޑު ސިއްރެއް އޮންނާނެއެވެ.

"ފަހަރިއާ ދޭތެރޭގަ ކަންތައް ތި ކުރީ ރަނގަޅަށް ނޫން. އަހަންނަށްވެސް އެނގޭ އެމީހެއްގެ ޒާތީ މައްސަލައެއްކަން ކައިވެންޏާއި ވަރިއާއި ދިރިއުޅުމުގެ މިފަދަ ނިންމުންތަކަކީ.... އެކަމަކު ފަހަރީގެ މައްސަލައެއް އޮތްނަމަ އަހަރެން މިކަމާ ނުބެހުނީމުސް."

އީމާން ހީނލިއެވެ. އަދި ސޯފާގައި ހަމަޖެހިލުމަށްފަހު ވާހަކަ ދެއްކިއެވެ.

"އެއްވެސް ސަބަބެއް ނެތަސް އަހަރެންގެ ހިތް އެދޭކަމެއް ކުރެވިދާނެއެއްނު.. ޝާން ތިހާ ހަމްދަރުދީ ވަންޏާ ދެއަނތްބަށް ސުދާއާ އިނީމަ ވީއެއްނު... އަބަދުވެސް ސުދާގެ ރީތިކަމާ ގެވެހިކަމަށް އެންމެ ތައުރީފު ކުރާ މީހަކީ ޝާން ވިއްޔަ."

އީމާންގެ މޫނުމަތީގައި އެތިފަހަރެއް ޖަހަން ހިތަށް އެރީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. ވަރަށް ގޮތްކުޑަމީހެކެވެ. ނުބައި ނުލަފާ މީހެކެވެ. ޒަލީޝާނަށް ޔަގީންވީ އީމާނާ މިވާހަކަ ދެއްކުމުން ލަދުގަނެ ރުޅިއައުން ފިޔަވައި އެހެން ކަމެއް ނުވާނެކަމެވެ. އެހެންވިޔަސް ރަނގަޅު ހެޔޮއެދޭ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އީމާން މިގޮތަށް ގެއްލި ނިމިގެންދާކަށް އެއްބަހެއް ނުވެވޭނެއެވެ. މިކަމުގެ އަޑީގައި ކޮންމެވެސް ސަބަބެއް ނެތި ނުދާނެއެވެ.

ޒަލީޝާން އޭނާގެ ރަހުމަތްތެރި އަދި އަހުވަންތަކަމުގެ ވާޖިބު އަދާ ކުރީ ވަރަށް ފުރިހަމައަށެވެ. އީމާންގެ މިހާރުގެ އަނބިމީހާގެ ވަނަވަރާއި އެއީ ކިހިނެއް ކޮންތާކުން އީމާނާ ބައްދަލުވެ ގުޅުން ބަދަހިވީ މީހެއްތޯ ބަލައިލުމަށް ޒަލީޝާން ހުރިހާ ސަމާލުކަމެއް ދިނެވެ. ނަސީބު ވަރަށް ރަނގަޅެވެ. ވަރަށް ފަސޭހައިން ޒަލީޝާން ބޭނުންވި ކަންތައް ވެއްޖެއެވެ.

އެންމެ ފުރަތަމަ އަނީގާ ފެނުނު ދުވަހަކީ ފެރީތެރެއިން އެދިމާވި ދުވަސް ނޫންކަން ކުރިންވެސް ޒަލީޝާނަށް އޮތީ ހީއެއް ވެފައެވެ. އެކަން ޔަގީންވީ ރަނގަޅަށް ސިކުނޑިއަށް ބާރުލައި ހަނދާންތަކުގެ ފަށްފުށްތަކުން ހިރަފުސް ފޮޅައިލުމުންނެވެ. އަނީގާ އެންމެ ފުރަތަމަ ޒަލީޝާނަށް ފެނުނީ އޮފީސް ތެރެއިންނެވެ. އެއީ އޮފީހުގައި ސެކްރެޓަރީއަކު ހޯދުމަށް އިއުލާން ކޮށްގެން އިންޓަވިއުއަށް އައި އަންހެންކުއްޖެކެވެ. ވަރަށް މުއްސަނދި ފޯރުންތެރިއެއްގެ ހަމައެންމެ ދަރިފުޅަކަސް އެކުއްޖާ ބޭނުންވީ ހަމަ މިއޮފީހުގެ ސެކްރެޓަރީކަމެވެ. އެކަމަކު އެ އިންޓަވިއުއިން އޭނާ ފެއިލްވީއެވެ.

ޒަލީޝާނަށް އަނީގާއާ ބެހޭގޮތުން އެނގެން ބޭނުންވާ ހުރިހާ އެއްޗެއް ނުހޯދެނީސް އެއްދުވަހެއްގެ ހެނދުނު ސުދާގެ ކޯލެއް އަތުވެއްޖެއެވެ. އީމާނަށް ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ވާހަކަ ބުނުމުން އަވަހަށް އައިޖީއެމްއެޗަށް ދިޔައެވެ. އީމާން އޮތީ އިމަޖެންސީ ރޫމުގެ ރެޑްޒޯނުގައެވެ. އީމާންގެ ނިކަމެތިވެ އަނަރޫފަވެފައިވާ ހަށިގަނޑާއި ވަޅުވަދެފައިވާ ދެލޯ ފެނުމުން ޒަލީޝާންގެ ހިތުގައި ޖެހުނެވެ. އެދުވަހު އީމާނާ ބައްދަލުކުރަން ދިޔައިރު ހުރި އީމާނާއި ވޭތުވެދިޔަ ދެމަސްތެރެގައި އީމާނަށްވެފައި އެވާ ގޮތުން ޒަލީޝާނަށް ލިބުނީ ހައިރާން ކަމެކެވެ. ނަސީބު ރަނގަޅުކަމުން ޒަލީޝާން އުފާކުރިއެވެ. އަނީގާއެއް ނެތެވެ. އެހެންކަމުން އަވަހަށް ގޮސް އީމާންގެ އެނދުކައިރިއަށް ހުއްޓިލިއެވެ.

އީމާންގެ ވަރުދެރަ އަޑުން ޒަލީޝާން ގާތު މާފަށް އެދުނެވެ. ދުނިޔޭގެ ކުލަމަޖަލަށް ހެއްލިގެން އޭނާއަށް މިހެދުނު ގޯހުގައި ސުދާއާއި ކުދިންކޮޅަށް ދެވުނު ނިކަމެތިކަން ހިތަށް އެރުމުން އީމާނަށް ރޮވުނެވެ. އެކަމަކު އަދިވެސް ޒަލީޝާން ބޭނުންވާ ސުވާލުގެ ޖަވާބެއް ނުލިބެއެވެ. އީމާން އެހާ ފަސޭހައިން ސުދާ ދޫކޮށްލައި އަނީގާގެ އަވައިގައި ޖެހުނީ ކިހިނެއްހެއްޔެވެ؟

އީމާން ބުނީ އެއީ އޭނާ ގަސްދުގަ ކުރި ކަމެއް ނޫންކަމަށެވެ. އަދި ސުދާ މަތިން ފޫހިވާން ފެށީ ހަމަކުއްލިއަކަށް ކަމަށާއި ކުދިން ފެނުނަސް ބޮލަށް އުނދަގޫވާން ފެށީމަ ދެން ވަކިވާން ޖެހުނީއެވެ. އޭރު އަނީގާ ފެނި ހަމަ މުޅިން ނޭނގި އަނީގާއަށް ގޮސް ހުސްވެވުނީކަމަށެވެ. ޒަލީޝާންގެ ހަވަނަ ހިއްސު ބުނެދިނީ މިކަމުގައި ބޮޑު ސަބަބެއް، ސިއްރެއް އޮންނާނެކަމަކަށެވެ.

އީމާން ހޮސްޕިޓަލުގައި އޮތްއިރު އަނީގާއަށް ފާރަލުމުގައި ޒަލީޝާން ކާމިޔާބުކުރިއެވެ. އޭނާ ހީކުރި ވަަރަށްވުރެ ކަންތައް އޮތީ ގޯސްކޮށެވެ. އަނީގާ ޒަލީޝާންގެ އޮފީހަށް ވަންނަން އުޅުނީވެސް އީމާންގެ ލޯތްބާ ގާތްކަން ހޯދުމަށެވެ. އެކިގޮތްގޮތުން މަސައްކަތްކޮށް ކާމިޔާބު ނުވުމުން ދެން ހެދީ އިސްތިރި ވަރިތޮޅިއެވެ. ޒަލީޝާނަށް މިހުރިހާ ކަމެއް ލޮލުން ފެނި އަތުން ހިފުނެވެ. އެއްރެއަކު އަނީގާ މާއަވަސް އަރުވާލާފައި ހޮސްޕިޓަލުން ނުކުމެގެން ޓެކްސީއެއްގައި ދިޔަ ތަނަކަށް ޒަލީޝާންވެސް ދިޔައެވެ. އަނީގާ ބައްދަލު ކުރީ ސިހުރު ހަދަން މަޝްހޫރު ހަދާ ހުވަދުއަތޮޅު މީހަކާއެވެ. އަނީގާ އެގެއިން ދިއުމުން ޒަލީޝާން ސައިކަލު ޕާކުކޮށްފައި އެގެއަށް ވަނެވެ. އަދި ސިހުރުބެ ދުނިޔެއަށް އައީތީ ދެރަވާވަރަަށް ބިރުދައްކާފައި ސުވާލު ކުރުމުން ހުރިހާ ވާހަކައެއް ކިޔައިދީފިއެވެ. މިހާރު އީމާން ހޮސްޕިޓަލުގައި އޮންނަން ޖެހިގެން މިއުޅެނީ ވެސް މިކަމަކާ ހެދިއެވެ. މިމީހާއަށް ހެދުނު އެއްޗެއް ބާރުގަދަކަމުންނެވެ.

ޒަލީޝާން އަނީގާއާއި މިބޭ ފުލުހުންނާ ހަވާލުކުރިއެވެ. ކަނޑައެޅިގެން މީހެއްގެ ދިރިއުޅުން ނަގާލިކަމުގެ ތުުހުމަތުގައެވެ.

******************

އޮފީހުގައި އެންމެން އުފާފާޅު ކުރަމުން ދުވަހުގެ މުނާސަބަތުގައި މޭޒުމަތީ އަތުރާލެވިފައި ހުރި ކާތަކެއްޗަށް އިންސާފު ކުރަނީއެވެ. ޒަލީޝާންގެ އުރުގައި އިނީ ސުދާއާއި އީމާންގެ އެންމެ ހަގު، ހަމަހަށްދާ ދަރިފުޅެވެ. އަނީގާއާއި ކަރީމްބެ ކަމާބެހޭ ފަރާތާ ހަވާލު ކުރުމަށްފަހު ޒަލީޝާން ހޮސްޕިޓަލުގައި އޮތް އީމާނަށް ފަރުވާ ދިނުމަށް ޝަރުއީރުގްޔާ ކުރާ މީހަކު ހޯދައި އީމާނަށް ފަރުވާ ކުރުވިއެވެ. އިސްތިރި ބާތިލުކޮށް އަލުން އަނބުރާ އާދައިގެ އިންސާނަކަށް އީމާން ހެދުމުގައި ޒަލީޝާންގެ ދައުރު ވަރަށް ބޮޑެވެ. ހަމައެހެންމެ މެދުކެނޑުމެއްނެތި ސުދާ ކުރި ދުއާއާއި މިންނެތް މަސައްކަތްވެސް އީމާންގެ ގެއްލިގެން ގޮސްގޮސް އޮތް ހަޔާތް އަނބުރާ ގެނައުމުގައި ބޮޑު ބައެއް އަދާކުރިއެވެ. އަލުން އާ ފެށުމަކުން ސުދާއާއެކު ދިރިއުޅުން ފަށައި ހަތަރުވަނަ ދަރިފުޅު ލިބި ހުރިހާ އުފަލެއް އެއްފަހަރާ ފާޅުކުރުމަށް މިއަދު އޮފީހުގައި މިބާއްވާ ކުޑަހަފުލާއަކީ އޮފީހުގެ ދިހަވަނަ އަހަރީ ދުވަސް ފާހަގަ ކުރާ ހަފުލާވެސްމެއެވެ.

"ކޮބާ....އަދިވެސް ބުނާނަންދޯ އައްޑޫ މީހުންނޭ ސިހުރުހާހޫރަ ހަދަނީ؟ ގައިމު އަނީގާއަކީ ހަތަރުކަށިމަތި މާލޭ ދެމަފިރިއެއްގެ މާލޭ އަންހެނެއް....!"

ޒަލީޝާންގެ މިޖުމްލައަަށް އެންމެނަށް އެއްފަހަރާ ހީނގަނެވުނެވެ.