ޚަބަރު

ދިއްދޫ އައިސްޕްލާންޓްގެ މައްސަލައިގައި ފިޝަރީސް މިނިސްޓަރު މާދަމާ މަޖިލީހަށް

އިބްރާހިމް ޒަކީ

ހއ. ދިއްދޫގައި އައިސް ޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތް އޮޅުންފިލުވުމަށް، މިނިސްޓާ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޑޮކްޓާ ހުސައިން ރަޝީދު ހަސަންއާ، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ސުވާލު ކުރަން އެޖެންޑާ ކޮށްފިއެވެ.

އެ މައްސަލައިގައި މިނިސްޓަރާ ސުވާލު ކުރުމަށް ހުށަހަޅުއްވާފައި ވަނީ، ދިއްދޫ ދާއިރާގެ މެންބަރު އަބްދު الله ވަހީދެވެ.

ސުވާލުގައި ބުނެފައި ވަނީ ހއ. ދިއްދޫގައި އައިސް ޕްލާންޓެއް ގާއިމްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންފައިވާއިރު، އެއާ އެއްގޮތަށް، 2021 ސެޕްޓެންބަރު އަށް ވަނަ ދުވަހު، ސައޫދީ ފަންޑުގެ އެހީގައި ހއ. ދިއްދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން އިއުލާން ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އެކަމުގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން މިނިސްޓަރާ ސުވާލު ކުރުމަށް ހަމަޖެހިފައިވަނީ، މިހާރު އެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވުމަށާއި، އައިސް ޕްލާންޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށި، އޭގެ ހިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ލަފާކުރާ ތާރީހެއް އޮޅުންފިލުވުމަށެވެ.

މިނިސްޓަރާ ސުވާލު ކުރުމުގެ އިތުރުން، އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅުއުތުރު ދާއިރާގެ މެންބަރު އީވާ އަބްދު الله ހުށަހަޅުއްވާ ގަރާރު މަޖިލީހަށް ހުށަހެޅުއްވުމަށްވެސް މާދަމާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްވެސް މާދަމާ ކުރިއަށްގެންދާނެއެވެ.