ސައުދި އަރަބިއްޔާއިން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް ފޮނުވާ ކަދުރު، މިއަހަރު ލިބުން ލަސްވަނީ ކަދުރު މޫސުން ލަސްވުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު އިސްމާއިލް އަފްރާހް "ވަން" އަށް އިއްޔެ ވިދާޅުވީ، ކަދުރު ނުބަހަނީ ސައުދީން ކަދުރު ލިބުން ލަސްވުމުން ކަމަށެވެ. ނަމަވެސް ރާއްޖެއަށް ކަދުރު ފޮނުވުމަށް މިހާރު ތައްޔާރުކޮށްފައިވާ ކަމަށާއި އެ ޝިޕްމަންޓް ލިބޭވަރު ވާނީ ރޯދަ މަހުގެ ފަހު ދިހައިގައި ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

މިއަދު އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ރާއްޖެ ފޮނުވަން ލަސްވީ ކަދުރު މޫސުން ލަސްވުމުން ކަމަށެވެ. އަދި މިފަހަރު 50 ޓަނުގެ ކަދުރު ސައުދީ އިން ރާއްޖެއަށް ހަދިޔާ ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރު ސައުދީން ވަނީ 25 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެ ކަދުރުތައް ބަހާފައިވަނީ ފަގީރުންގެ ލިސްޓުގައި ނަން ނޯޓުކޮށްފައިވާ މީހުންނަށާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށާއި މީހުންނަށެވެ.

މިއަހަރު ހަދިޔާ ކުރާ ކަދުރު ބަހާނެ ގޮތް ނިންމާނީ ރާއްޖެއަށް ކަދުރު ލިބުމުން ކަމަށް އަފްރާހް ވަނީ ވިދާޅުވެފަ އެވެ.