ޕާކިސްތާނުގެ ޕާލަމެންޓުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ބޮޑުވަޒީރުގެ މަގާމުން އިމްރާން ޚާން މިރޭ ވަކިކޮށްފިއެވެ.

އިމްރާން ޚާންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު އެގައުމުގެ ގާނޫނީ މަޖިލީހުން މިރޭ ނަގަން ފެށުމުގެ ކުރިން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެގައުމުގެ ގާނޫނީ މަޖިލީހުގެ 342 މެމްބަރުންގެ ތެރެއިން އިމުރާން ޚާނުގެ އިތުބާރުނެތް ކަމަށް ފާސްކޮށްފައިވަނީ 174 މެމްބަރުންގެ ވޯޓުންނެވެ. އެނާއަށް އިތުބާރުއޮތްކަމަށް އެއްވެސް މެމްބަރަކު ވޯޓުދީފައެއް ނުވެއެވެ. ވޯޓުގައި އިމްރާން ޚާންގެ ތަހްރީކީ އިންސާފް ޕާޓީ (ޕީޓީއައި) ގެ މެންބަރުން ބައިވެރިވެފައެއް ނުވެއެވެ. ވޯޓުގެ ކުރިން އެ ޕާޓީގެ މެންބަރުން ވަނީ ޗެމްބަރުން ނުކުމެފައެވެ.

އިދިކޮޅު ފަރާތްތަކުން އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހެޅީ އިގުތިސާދު މެނޭޖް ނުކުރުމާއި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ނެތް ކަމަށް ބުނެއެވެ.

ދެހާސް އަށާރަ ވަނަ އަހަރުގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިމްރާން ހާނާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް އެންމެ ފުރަތަމަ މައްސަލަ ހުށަހެޅުމުން ގާނޫނުހަދާ މަޖިލީހުން އެމައްސަލަ ތާވަލުކޮށްފައެއް ނުވެއެވެ. ޕާލަމެންޓްގެ ނައިބް ރައީސް ގާސިމް ސޫރީ ވަނީ އެއީ ބޭރުގެ ނުފޫޒުން ނަގަން އުޅޭ ވޯޓެއް ކަމަށާއި އެ ކަމަށް ބަހުސް ކުރުމުގެ ފުރުސަތު ވެސް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން އިމްރާން ޚާން ވަނީ ރައީސަށް ދަންނަވައިގެން ޕާލަމެންޓް އުވާލައި އަވަސް އިންތިހާބެއް ބާއްވަން ނިންމަވައިފައެވެ.

އެކަމާ ނުރުހުން ފާޅުކޮށް އިދިކޮޅު ފަރާތްތަކުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދައިފައެވެ. ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އިތުބާރު ނެތްކަމުގެ ވޯޓު ހުއްޓުވޭނެ ގާނޫނީ ހުއްޖަތެއް ދެއްކިފައި ނެތް ކަމަށާއި އެ ވޯޓު ނެގުން ހުއްޓުވުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އަދި ޕާލަމެންޓް އުވާލުން ވެސް ވަނީ ސުޕްރީމް ކޯޓުން ބާތިލުކޮށްފައެވެ.

ޕާކިސްތާނުގެ ޕާލަމެންޓުގެ 342 މެންބަރުންގެ އަޣުލަބިއްޔަތު އިމްރާން ޚާންގެ ޕީޓީއައިއަށް ގެއްލިފައިވަނީ އޭނާއާ ދެކޮޅަށް ވޯޓު ދޭނެ ކަމަށް ޕާލަމެންޓުގައި ހަތް މެންބަރުން ހިމެނޭ ކޯލިޝަން ޕާޓްނަރަކު ބުނުމުންނެވެ. ޕީޓީއައިގެ ވަރަށް ގިނަ މެންބަރުން ވެސް ވަނީ ފްލޯ ހުރަސް ކުރާނެ ކަމަށް ކުރިން ބުނެފައެވެ.

ޕާކިސްތާނުގައި އަދި މިހާތަނަށް އެއްވެސް މީހަކަށް ބޮޑުވަޒީރުކަމުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެއެވެ.

އިމްރާން ތުހުމަތު ކުރެއްވިގޮތުގައި އޭނާގެ އިތުބާރުނެތްކަމުގެ ވޯޓަކީ ރިޝްވަތުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށާއި އޭނާގެ ސަރުކާރު ވައްޓާލުމުގެ އަޑީގައި އުޅެނީ އެމެރިކާއެވެ. އަދި ސަރުކާރު ވައްޓައިލުމަށްފަހު ދެން ގެންނާނީ ނަވާޒް ޝަރީފުގެ ކޮއްކޮ ޝަހުބާޒު ޝަރީފުގެ ސަރުކާރެއް ކަމަށްވެސް އިމްރާން ވަނީ މިދިޔަ ހަފުތާގައި ތުހުމަތުކުރައްވައިފައެވެ.