ޙަޤީޤީ މާނައިގައި ރޯދަވެރިޔަކަށް ވެވަޑައިގެންނެވުމަށްޓަކައި ތިބާ ރޯދަޔަށް ހުންނަވާއިރު ސަމާލުކަން ދެއްވުން ލާޒިމުވާ ކަންތައްތަކެއް ހުރެއެވެ. އޭގެތެރޭގައި ހިމެނޭ އެއްކަމަކީ، ތިބާ ރޯދަޔަށް ހުންނަވާއިރު ތިބާގެ ގުނަވަންތައް ފާފަތަކުން ސަލާމަތްކުރެއްވުމެވެ. އެމަޤްޞަދު ޙާޞިލުކުރެއްވޭނީ ހަކަމެއްގެ މައްޗަށް ސަމާލުކަން ދެއްވައިގެންނެވެ. އެކަންކަމުން ރައްކައުތެރިވެވަޑައިގަންނަވައިގެންނެވެ.
އެންމެފުރަތަމަ ކަމެއްގެ ގޮތުން ތިބާގެ ބެއްލެވުމާމެދު ރައްކައުތެރިވެވަޑައިގަންނަވާށެވެ. ނަޒަރު ތިރިކުރައްވާށެވެ. މާތް اللّــه سبحـانــه وتـعــالــى ރުހިވޮޑިނުގަންނަވާނެ ދިމަދިމާޔަށް ކަޅިއަޅުއްވައި ނަޒަރު ހިންގެވުމުން އެއްކިބާވެވަޑައިގަންނަވާށެވެ. އެދިމަދިމާޔަކަށް ބެއްލެވުމުން ތިބާގެ ހިތްޕުޅަށް މަގުއޮޅި މާތް اللّــه ހަނދުމަކުރެއްވުމާމެދު ޣާފިލުވެވަޑައިގެންނެވިދާނެ ދިމަދިމާޔަށް ނުބައްލަވާށެވެ. ކަޅިހުއްޓައި ނުލައްވާށެވެ.
ކައުސާހިބާ صلّــى اللّــه عليـه وسلّـم ޙަދީޘުކުރައްވައިފައިވެއެވެ. "ބެލުމަކީ (މާތް اللّــه ނަހީކުރައްވައިފައިވާ ދިމަދިމާޔަށް) ޝައިޠާނާގެ ޒަހަރުން ކަޅިވެފައިވާ ތީރުތަކުގެ ތެރެއިން ތީރެކެވެ. މާތް اللّــه ގެ ރަސްކަންފުޅުދެކެ ބިރުވެތިވުމުގެގޮތުން ފާފަވެރި ބެލުންތަކުން ދުރުވެގެންފި މީހެއްގެ ހިތުގައި މާތް اللّــه އީމާންކަމުގެ ފޮނިކަން ލައްވާނެއެވެ." جــابـــــر رضى اللّــه عـنــه ރިވާކުރައްވައިފައިވެއެވެ. "ރޯދަ ފާސިދުކޮށްފާނެ ފަސްކަމެއްވެއެވެ. އެއްކަމަކީ ދޮގުހެދުމެވެ. ދެވަނަ ކަމަކީ ޣީބަބުނުމެވެ. ތިންވަނަ ކަމަކީ ނެތިނުބައި ކިޔުމެވެ. ހަތަރުވަނަ ކަމަކީ ދޮގު ހުވާކުރުމެވެ. ފަސްވަނަ ކަމަކީ ޝަހުވަތްތެރިކަމުގެ ބެލުންތަކެވެ."
ދެވަނަކަމަކީ ތިބާގެ ދޫރައްކައުތެރި ކުރެއްވުމެވެ. ވިޔާނުދާ ވާހަކަ ނުދެއްކެވުމެވެ. އިތުރުފުޅު ނުހެއްދެވުމެވެ. ޣީބަ ވިދާޅުނުވުމެވެ. އަނެކާއަށް ނެތިނުބައި ވިދާޅުނުވުމެވެ. ލަދުހުތުރު ފާޙިޝު ވާހަކަ ނުދެއްކެވުމެވެ. އަނިޔާވެރި ވާހަކަ ނުދެއްކެވުމެވެ. މީހުނާ ޒުވާބުކުރައްވައި އަރައިރުންވެ ވަޑައިނުގެންނެވުމެވެ. އަނެކުންގެ ވާހަކަ މެދުކަނޑުއްވައި ނުލެއްވުމެވެ. ތިބާގެ ދޫފުޅުގެ ރޯދައަކީ ދޫފުޅު ހިމޭންކުރެއްވުމެވެ. ބަސްމަދުކުރެއްވުމެވެ. މިދެންނެވި ފާފަތަކުން ރައްކައުތެރިވެވަޑައިގަންނަވާށެވެ. ތިބާގެ ދޫފުޅު މާތް اللّــه އަށް ޒިކުރު ކުރެއްވުމުގެ ޒަރީޢާއިން ތެތްކުރައްވާށެވެ. ޤުރްއާން ކިޔަވައި ވިދާޅުވުމުގައި މަޝްޣޫލް ކުރައްވާށެވެ.
سفيـــان الـثّـــــورى رحـمــه اللّــه ވިދާޅުވެފައިވެއެވެ. ޣީބަ ބުނުމަކީ ރޯދަ ގެއްލޭކަމެކެވެ. مجــاهـــد رحـمــه اللّــه ވިދާޅުވެފައިވެއެވެ. ދެކަމަކަށް އަރައިގަތުމުން ރޯދަ ގެއްލެއެވެ. އެއްކަމަކީ ޣީބަ ބުނުމެވެ. އަނެއްކަމަކީ ދޮގު ހެދުމެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم ޙަދީޘުކުރައްވައިފައިވެއެވެ. "ރޯދަޔަކީ އައްޑަނައެކެވެ. (ފާފައިން ދިފާޢުވުމުގެ އައްޑަނައެކެވެ.) ތިޔަބައިމީހުންކުރެ ރޯދަވެރިޔާ ލަދުހުތުރު ވާހަކަ ނުދައްކާހުށިކަމެވެ. ދޫނުބައި ނުކުރާހުށިކަމެވެ. ވިޔާނުދާ ބޭކާރު ވާހަކަ ނުދައްކާހުށިކަމެވެ. ހަޅޭއްފަޅޭއްލަވައި އަޑުގަދަކޮށް ނުހަދާހުށިކަމެވެ. މީހަކު ތިބާއަށް ހުތުރު އެއްޗެހި ކިޔައިފިނަމަ ނުވަތަ ތިބާއާ އަރައިރުންވާން އުޅެގެންފިނަމަ ބުނާށެވެ. އަހަރެން މިހިރީ ރޯދަޔަށެވެ."
ކައުސާހިބާގެ ޙަދީޘުފުޅެއްގައި އައިސްފައިވެއެވެ. އެމާތް ސާހިބާގެ ޙަޔާތްޕުޅުގައި ދެއަންހެނަކު އެއްދުވަހަކު ރޯދަ ހިފިއެވެ. ދުވާލުގެ ވަގުތުތައް ފާއިތުވަމުން ދިޔައިރު ބަނޑުހައިކަމާއި ފެންބޮވައިގަތުމުގެ ސަބަބުން އެދެމީހުންގެ ހާލު ދެރަވަމުން ދިޔައެވެ. އެދެމީހުންނަށް ކެތްނުކުރެވޭ ވަރުވުމުން އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم ގެ އަރިހަށް މީހަކު ފޮނުވައި ރޯދަވީއްލުމުގެ ހުއްދަ ދެއްވުންއެދި ދެންނެވިއެވެ. އިތުރު ސާހިބާ އެއައި މީހާގެ އަތަށް ބޯތައްޓެއް ދެއްވައިފައި ޙަދީޘުކުރެއްވިއެވެ. އެދެމީހުންގެ ގާތުގައި ބުނާށެވެ. ތިޔަ ދެމީހުން ކެއިއެއްޗެހީން މި ތައްޓަށް ހޮޑުލާށެވެ. އެކަކު ކެއިއެއްޗެހި ހޮޑަށްލުމުން، ތާޒާ މަހާއި ލެއިން ބޯތަށީގެ ދެބައިކުޅައެއްބައި ފުރިއްޖެއެވެ. ދެވަނަމީހާ ހޮޑުލުމުން ބޯތަށި އެކަށް ފުރިއްޖެއެވެ. މީސްތަކުން ވަރަށްބޮޑަށް ޙައިރާންވިއެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم ޙަދީޘުކުރެއްވިއެވެ. އެދެމީހުން ރޯދަހިފީ މާތް اللّــه ޙަލާލުކުރެއްވި ތަކެތީންނެވެ. (ޙަލާލުކުރެއްވި ތަކެތި ކައިގެންނެވެ.) އެކަމަކު މާތް اللّـه ޙަރާމްކުރެއްވި ތަކެތި ކަމުންގެންދިޔައެވެ. އެދެމީހުން އެއްތަންވެ އެކުގައި އިށީނުމާއެކު މީހުނަށް ޣީބަބުނާން ފަށައިފިއެވެ. ބޯތަށީގައި އެހެރީ އެދެމީހުން ކައިފައިވާ މީހުންގެ މަހާއި ލެއެވެ."
ރޯދައިގެ ތިންވަނަ އަދަބަކީ ރޯދަވެރިޔާގެ ކަންފަތް ރައްކައުތެރިކުރުމެވެ. ވިޔާނުދާ ވާހަކަތަކަށް ކަންފަތް ނުދިނުމެވެ. ނުރަނގަޅު ވާހަކަތައް އަޑުނޭހުމެވެ. އެހެނީ ދުލުން އެވާހަކަތަކެއް ދައްކައިއުޅުން ޙަރާމްކުރައްވައިފައިވާ ވާހަކަތައް ކަންފަތުން އަޑުއެހުންވެސް ވަނީ ޙަރާމްކުރައްވައިފައެވެ. އެހެންކަމުން ދޮގުވާހަކަތައް އަޑުއަހާ މީހުންނާއި ޙަރާމް މުދާ ކައިއުޅޭ މީހުންގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައިވަނީ އެކުއެކުގައެވެ.
"(އެއީ) ގިނަގިނައިން ދޮގުބަސްތައް އަޑުއަހާ މީހުންނެވެ. ޙަރާމް މުދާ ގިނައިންކާ މީހުންނެވެ." (المـــائـــدة: 42)
އަދިވެސް ވަޙީކުރައްވައިފައިވެއެވެ.
"އެއުރެން ފާފަވެރި ބަސްތައް ބުނުމާއި ޙަރާމް މުދާކެއުން، ޔަހޫދީންގެ އަޅުވެރީންނާއި ޢިލްމުވެރީން އެއުރެންނަށް މަނާކުރާނޭނަމަ ކޮންފަދަހެއްޔެވެ؟ އެއުރެން ކުރަމުންގެންދިޔަ ކަންތަކުގެ ނުބައިކަމާއެވެ!" (المـــائـــدة: 63)
ތިބާ މީހަކު ޣީބަބުނާ އަޑު އައްސަވަން ކަންފަތްޕުޅު ދެއްވައިގެން މަޑުން އިންނެވުމަކީވެސް ޙަރާމްކަމެކެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم ޙަދީޘުކުރައްވައިފައިވެއެވެ. "ޣީބަބުނާ މީހާއާއި އެއަޑު އަހާމީހާއަކީ ފާފައިގެ ހަމަހަމަ ދެބައިވެރީންނެވެ."
ރޯދައިގެ އަދަބުތަކުގެ ތެރެއިން ހަތަރުވަނަ ކަމެއްގެގޮތުން ތިބާގެ ގުނަވަންތައް ފާފައިން އެއްކިބާކުރައްވާށެވެ. ތިބާގެ އަތްޕުޅެވެ. ފައިންޕުޅެވެ. ރޯދަވީއްލަވާ ފަރީއްކޮޅުގައި ޝުބުހު ތަކެއްޗާއި ޙަރާމް އެއްޗެހި އެކުލެވުނަ ނުދެއްވާށެވެ. ތިބާ ދުވާލުގެ ހަތަރުދަމު ތިޔަހުންނެވީ ޙަލާލު އެއްޗެއްވެސް ފަރީއްނުކުޅުއްވައެވެ. މާތް اللّــه އަށްޓަކައެވެ. އެހެންވީއިރު ޝުބުހު އެއްޗެހީން ނުވަތަ ޙަރާމް އެއްޗެހީން ރޯދަ ވީއްލެވުމުން އެހިއްޕެވުނީ ކޮންކަހަލަ ރޯދައެއްތޯއެވެ؟ އެފަދަ ރޯދައެއްގެ މިސާލަކީ މީހަކު މުޅިރަށް ތަޅައި ސުންނާފަތިކޮށް ރޯކޮށްއަންދައި އިންދިރާސްކޮށްލުމަށްފަހު ތިމާޔަށްޓަކައި ގަނޑުވަރެއް ބިނާކުރުމުގެ މިސާލެވެ. ތިބާގެ ހަށިކޮޅަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ފަރީއްކުޅުއްވައިފިނަމަ އެއީ ތިބާގެ ރޫޙުފުޅަށާއި ހަށިކޮޅަށް ދެއްވޭ ގެއްލުމެކެވެ. މޮޅު ޙަލާލު އެއްޗެހިކަމުގައި ވިޔަސްވެހެވެ. އެހެންކަމުން ރޯދައިގެ ޒަރީޢާއިން މަދުން ފަރީއްކުޅުއްވުމުގެ ތަރުބިޔަތު ހޯއްދަވާށެވެ. ގެއްލުމުން ސަލާމަތްވުމަށްޓަކައި ބޭސްކެއުން މަދުކޮށްފައި ޒަހަރެއްކައިފި މީހަކުވާނީ ވަރަށްވެސް ދެކޮޅުނުޖެހޭ މީހަކު ކަމުގައެވެ. މޮޔައަކު ކަމުގައެވެ. ޙަރާމް ކާއެއްޗެއްސަކީ ޒަހަރެކެވެ. އެޒަހަރު ތިބާގެ ދީން ސުންނާފަތި ކޮށްލާނެއެވެ. ޙަލާލު ކާބޯތަކެއްޗަކީ ބޭހެއްފަދަ އެއްޗެކެވެ. ބޭސް ފަރީއްކުޅުއްވާންވާނީ ކަނޑައެޅިފައިވާ މިންވަރަކަށެވެ. ޑޮކްޓަރ އިރުޝާދު ދެއްވައިފައިވާ ވަރަށެވެ. ފައިދާހުރިގޮތަކީ ބޭސް ފަރީއްކުޅުއްވާވަރު މަދުކުރެއްވުމެގެ. ޑޮކްޓަރު ލިޔެދެއްވި ވަރަށްވުރެ ގިނައިން ބޭސް ފަރީއްކުޅުއްވުމަކީ ގެއްލުންހުރި ކަމެކެވެ. ހަލާކަށް ހުރަހޮޅިވަޑައިގެންނެވުމެކެވެ.
ކައުސާހިބާ صلّــى اللّــه عليـه وسلّـم ޙަދީޘުކުރައްވައިފައިވެއެވެ. "އެމީހެއްގެ ރޯދައިން ހައިހޫނުކަމާއި ކަރުހިއްކުން ފިޔަވައި އެހެންކަމެއް ނުލިބޭވެސް ކިތަކެއް ރޯދަވެރީން ތިބޭހެއްޔެވެ؟" ބައެއް ޢިލްމުވެރީން ވިދާޅުވެފައިވެއެވެ. އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم އިޝާރަތްކުރައްވައިފައި އެވަނީ ޙަރާމް އެއްޗެހީން ރޯދަވީއްލާ މީހުންނަށެވެ. އަނެއްބައި ޢިލްމުވެރީން ވިދާޅުވަނީ މިބަސްފުޅުގެ މުރާދަކީ ރޯދަޔަށް ތިބޭއިރު ޙަލާލު އެއްޗެހި ކައިއުޅުމުން އެއްކިބާވެތިބެ މީސްތަކުންގެ މަސްކަމުންގެންދާ މީހުންނެވެ. ހުއްޓައިނުލައި މީހުންނަށް ޣީބަ ބުނަމުންގެންދާ މީހުންނެވެ. އަދިވެސް ބައެއް އެހެނިހެން ޢިލްމުވެރީން ވިދާޅުވާގޮތުގައި އިތުރު ސާހިބާގެ ވާހަކަފުޅުގެ މިޞްދާޤަކީ ތިމާގެ ގުނަވަންތައް ފާފަތަކުން ރައްކައުތެރި ނުކުރާ މީހުންނެވެ.
ރޯދައިގެ ފަސްވަނަ އަދަބަކީ ޙަލާލު ތަކެތީން ރޯދަ ވީއްލެވިކަމުގައިވިޔަސް ވީހައިވެސް މަދުން ފަރީއްކުޅުއްވުމެވެ. ބަނޑުފުޅު ފުރޭވަރަށް ފަރީއްނުކުޅުއްވުމެވެ. އެހެނީ ލަގޮނޑިވަޅާ ހަމަޔަށް ފުރައިފައިވާ ބަނޑަށްވުރެ މާތް اللّــه ރުހިވޮޑިގެންނުވާ އެއްޗެއް ފުރައެއް ނުލެވެއެވެ. ޙަލާލު ކާބޯތަކެތީން ކަމުގައިވިޔަސްވެހެވެ. ބަނޑުފުޅުން ލޯއަޑުކިޔާވަރަށް ފަރީއްކުޅުއްވައި އުޅުއްވާނަމަ ޝައިޠާނާގެ މައްޗަށް ގަދަވެވަޑައިގެންނެވުމަށް އެޅުއްވޭނެ ބާރަކީ ކޮބައިތޯއެވެ؟ ޝަހުވަތްތެރިކަން މަތަކުރެއްވޭނީ ކޮންފަދަޔަކުންތޯއެވެ؟ ދުވާލު ހަތަރުދަމު ފަރީއްނުކުޅުއްވައި ހުންނެވި ހުންނެވުމުގެ ބަދަލު އެއްފަހަރުން ހަމަކޮށްލެވޭ ވަރަށް ރޯދަ ވީއްލަވާއިރު ފަރީއްކުޅުއްވައިފިނަމަ އެދުވަހު ރޯދަޔަށް ހުންނެވިކަމުގައި ވާނޭތޯއެވެ؟ ޢާންމުގޮތެއްގައި އަޅުގަނޑުމެންގެ ތެރޭގައި ރޯދަވީއްލާ ވަގުތަކީ އެކިބާވަތްބާވަތުގެ އެކިކުލަކުލައިގެ މީރު ކާބޯތަކެތި ނަންހުސްކޮށް ތައްޔާރުކުރާ ވަގުތެކެވެ. ރޯދަމަހަކީ އެތައް މަސްދުވަހެއްގެ ޚަރަދާ ނުބައްދަލުވަރަށް މަސްދުވަހަކުން ޚަރަދުކޮށް ނިންމައިލާ މަހެކެވެ. ޝައްކެއްނެތް ގޮތުގައި މިއީ ރޯދައިގެ މަޤްޞަދާ ވަޑިފަތިވާ ރަވައްޔާއެކެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން ރޯދައިގެ މަޤްޞަދުތަކުގެ ތެރެއިން އެއްމަޤްޞަދަކީ ނިކަމެތީންގެ ޙާލު ވަޒަންކުރެއްވުމެވެ. ހައިހޫނުކަން ބަރުދާސްތު ކުރެއްވުމުގެ ޒަރީޢާއިންނެވެ. ނަފުސުގެ މައްޗަށް ބާރު ފޯރުއްވެވުމެވެ. ޝަހުވަތްތައް މަތަކުރެއްވުމެވެ. ތިބާގެ ނަފުސާއި ރޫޙުފުޅުގައި ތަޤުވާގެ ޖައުހަރު އަށަގެންނެވުމެވެ. މީހަކު ފަތިސްދަމުން ފެށިގެން އިރުއޮއްސޭންދެން ހައިބަނޑާ ހުރެފައި އިރުއޮއްސުމާއެކު ލަގޮނޑިވަޅާ ހަމަޔަށް ބަނޑު ފުރައިލައިފިނަމަ ނަތީޖާއަކަށްވާނީ ޝަހުވަތުގެ އަލިފާންގަނޑު އިހުނަށްވުރެ ބޮޑަށް އަނދައިގަތުމެވެ. މާބޮޑަށް ވަރުއެރުމެވެ. ރޯދަ ނުހިފައި ހުންނައިރު ނުހޭލާވަރަށް އެދުންތައް ހޭލައިގަތުމެވެ. އެހެންކަމުން ރަނގަޅުގޮތަކީ ރޭގަނޑުވެސް ވީހައިވެސް ވަރަކުން ތިބާގެ ބަނޑުފުޅު ހުސްކޮށް ބެހެއްޓެވުމެވެ. ތަޙައްޖުދު ނަމާދަށާއި އެނޫންވެސް ރޭއަޅުކަމަށް ހަށިކޮޅު ފަސޭހަފުޅުވާނީ އޭރުންނެވެ. ޝައިޠާނާއަށް ތިބާގެ ހިތްޕުޅަށް ވަސްވާސް ލައިދޭން ދަތިވާނީ އޭރުންނެވެ. ހިތްޕުޅާއި ފުރާނަފުޅު މަލަކޫތީ ޢާލަމުގެ ސިޔާޙަތަށް އުދުއްސައިލައްވަން ފަސޭހަފުޅުވާނީ އޭރުންނެވެ. ހަމައެކަނި ބަނޑުފުޅު ހުސްކުރެއްވުމަކުންވެސް ނުފެދެއެވެ. ތިބާގެ ޚިޔާލުފުޅާއި ފިކުރުފުޅު މާތް اللّــه ފިޔަވައި އެހެން ހުރިހައި ފަރާތްތަކެއް ހަނދުމަކުރެއްވުން ދުރުކުރެއްވުމަކީވެސް ބޭނުންތެރި ކަމެކެވެ.
ރޯދައިގެ އަދަބުތަކުގެ ތެރެއިން މިއަދު އަޅުގަނޑު ފާހަގަކޮށްލާ ހަވަނަ ކަމަކީ، ރޯދަވީއްލަވާ ވަގުތު މާތް اللّــه އަށް ބިރުވެތިވެވަޑައިގެންނެވުމެވެ. ތިބާގެ ރޯދަ ޤަބޫލުކުރައްވައި ދަރުމަވަންތަވެ ވޮޑިގެންނެވުމަށާއި މަޣުފިރަތާއި ރަޙުމަތަށް އެދިވަޑައިގެންނެވުމެވެ. އަރަހުށި މާތް اللّــه ތިބާގެ ރޯދަ ޤަބޫލުކުރައްވައި އެކަލާނގެ ރައްބާނީންގެ ތެރެއިން ތިބާ ހިމަނުއްވައިދެއްވާތޯ ހިތްޕުޅުގެ އަޑީން އަދައިދެންނެވުމެވެ. ފަހަރެއްގައި އެކަލާނގެ ތިބާގެ ރޯދަ ޤަބޫލު ނުކުރައްވައިފާނެކަމަށާއި ކޯފާވެވޮޑިގެންފާނެކަމަށް ބިރުފުޅުގެންވަޑައިގެންނެވުމެވެ. ލޯފުޅުން ކަރުނަފުޅު އޮހޮރުއްވުމެވެ. ހުސްއެކަނި ރޯދަވީއްލަވާ ވަގުތަކު ނޫނެވެ. މިއީ ކޮންމެ އަޅުކަމެއްގެ ތެރޭގައިވެސް އަޅުކަންކުރައްވައި ނިންމައިލައްވާއިރުވެސް އެދެވިގެންވާ ކަމެކެވެ.
އާދެ، މި ބަޔާންކުރީ ރޯދައިގެ އަދަބުތަކުގެ ތެރެއިން ޚާއްޞަ ހަކަމެއްގެ ވާހަކައެވެ. ތިބާގެ ރޯދަ ޙަޤީޤީ މާނައިގައި ޞައްޙަ ރޯދަޔަކަށްވާނީ، ރޯދައިގެ މިފަދަ އަދަބުތަކަށް ފަރުވާތެރިވެ ވަޑައިގެންނެވުމުންނެވެ. أبــوالــدّرداء رضى اللّــه عـنــه ވިދާޅުވެފައިވެއެވެ. "ބުއްދިވެރިޔާ ރޯދަޔަށް ހުރުންވެސް އޭނާ ނިދައިފައި އޮތުންވެސް ރަނގަޅެވެ. ހެޔޮ ނުވިސްނޭ މޮޔައަކު ރޯދަޔަށް ހުރުންވެސް ހޭލައި ހުރުންވެސް ނުބައެވެ." ބުނެވުނެވެ. ޔަޤީންކަމާއި ތަޤުވާވެރިކަމާއެކު ކުރާ ކުޑަކުޑަ ހެޔޮކަމެއްވެސް ކުށްފާފަތަކާ މައްސުނިކުރަމުން ކުރާ، ފަރުބަދައެއްވަރުގެ ހެޔޮކަމަކަށްވުރެ ރަނގަޅެވެ. ޢިލްމުވެރީންކުރެ ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ. ވަރަށްގިނަ ރޯދަވެރީން ޙަޤީޤަތުގައި ތިބެނީ ރޯދަޔަކަށެއް ނޫނެވެ. ރޯދަ ނޫން ވަރަށްގިނަ ބަޔަކު ޙަޤީޤަތުގައި ތިބެނީ ރޯދަޔަށެވެ. ރޯދަ ނުހިފައިތިބޭ ރޯދަވެރީންނަކީ އެބައިމީހުން ކައިބޮއި ހަދާއިރުވެސް އެބައިމީހުންގެ ގުނަވަންތައް ފާފަތަކުން ހަޑިމުޑުދާރުވިޔަނުދީ ރައްކައުތެރިކުރާ މީހުންނެވެ. ރޯދަޔަށްތިބޭ ރޯދަނޫން މީހުންނަކީ ކެއިންބުއިމުން އެއްކިބާވެތިބެ ތިމާމެންގެ ގުނަވަންތައް ފާފަތަކުން މުޑުދާރުކުރާ މީހުންނެވެ.
ކައުސާހިބާ صلّــى اللّــه عليـه وسلّـم ޙަދީޘުކުރައްވައިފައިވެއެވެ. ރޯދަޔަކީ އަމާނަތެކެވެ. ތިޔަބައިމީހުން އެ އަމާނަތަށް ރައްކައުތެރިވާށެވެ. އެމާތް ސާހިބާގެ ބަރަކާތްތެރި ދެއަތްޕުޅު، ލޯފުޅާއި
ކަންފަތްޕުޅުގައި ޖައްސަވައިލައްވައިފައި ޙަދީޘުކުރެއްވިއެވެ. ކަންފަތުން އަޑުއެހުމާއި ލޮލުން ބެލުމަކީވެސް އަމާނަތެކެވެ. އެދެ އަމާނަތަށް ރައްކައުތެރިވާށެވެ.
ދީން
ދީން
ދީން
ދީން