އޮސްކާ އެވޯޑް ހަފުލާގައި ކްރިސް ރޮކްގެ ކޯތާފަތް މަތީގައި ވިލް ސްމިތު ޖެހި މައްސަލައިގައި އޭނާއަށް ދޭ އަދަބެއްގެ ގޮތުން، އޮސްކާ އާއި އެކެޑަމީ އޮފް މޯޝަން ޕިކްޗާސްގެ އެއްވެސް ހަފުލާއަކަށް ދިއުން 10 އަހަރަށް މަނާކޮށްފިއެވެ.
އޮސްކާ އެވޯޑް ހަފުލާ އިންތިޒާމުކުރާ އެކެޑަމީން އެގޮތަށް ނިންމީ، އެ އިދާރާގެ ބޯޑް މެމްބަރުންގެ މެދުގައި ތިން ގަޑިއިރު ވަންދެން މަޝްވަރާކުރުމަށް ފަހުގައެވެ.
އެ ބައްދަލުވުން ކުރިން ބާއްވަން ނިންމާފައި އޮތީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް ވިލް ސްމިތަށް ދޭނެ އަދަބެއް ކަނޑައެޅުން އަވަސްކުރުމަށް ބައްދަލުވުން އަވަސްކުރީއެވެ.
އެކެޑަމީގެ ނިންމުމުގައި ބުނެފައިވާ ގޮތުން، ކުރިއަށް އޮތް 10 އަހަރު އެކެޑަމީގެ އެއްވެސް އިވެންޓަކަށް ނުވަތަ ޕްރޮގްރާމަކަށް އަދި އެވޯޑް ހަފުލާއަކަށްވެސް ވިލް ސްމިތު ވަނުން އަދި ވާޗުއަލްކޮށް ބައިވެރިވުންވެސް މަނާ ވާނެއެވެ.
އެކެޑެމީގެ ނިންމުމާ ގުޅިގެން ވިލް ސްމިތު ނެރުނު ބަޔާނެއްގައި ބުނީ، އެ ނިންމުން ގަބޫލުކޮށް، އެއަށް އިހުތިރާމްކުރާ ކަމަށެވެ.
މިދިޔަ މަހު 27 ގައި ބޭއްވި އޮސްކާ އެވޯޑް ހަފުލާގައި، ރޮކްގެ ކޯތާފަތް މަތީގައި ވިލް ސްމިތު ޖެހީ، އޭނާގެ އަންހެނުން ޖެޑާ ޕިންކެޓް ސްމިތުގެ އިސްތަށިގަނޑާ ގުޅޭ ގޮތުން ރޮކް މަޖަލަކަށް ދެއްކި ވާހަކައަކާ ގުޅިގެން ހިތްހަމަނުޖެހިގެންނެވެ.
ރޮކް ގައިގައި ޖެހުމަށްފަހު ވިލް ސްމިތު ވަނީ އޭނާގެ އަންހެނުންގެ ނަން ނުގެނައުމަށް ބުނެ ވަރަށް ހުތުރުކޮށް ވާހަކަދައްކައިފައެވެ. ނަމަވެސް ހަފުލާގައި އޭނާއަށް ލިބުނު އެންމެ މޮޅު އެކްޓަރުގެ އެވޯޑާ ހަވާލުވުމަށްފަހު، ވިލް ސްމިތު ވަނީ އޭނާގެ އަމަލުތަކަށް މައާފަށް އެދިފައެވެ. އަދި ފަހުން ވަނީ އެކެޑެމީން އިސްތިއުފާވެސް ދީފައެވެ.