ސައުދި އަރަބިއްޔާއިން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް ފޮނުވާ ކަދުރު، މިއަހަރު ލިބޭނީ ރޯދަ މަހުގެ ފަހު ދިހައިގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މީގެ ކުރީ އަހަރުތަކުގައި ރޯދަ މަސް ފެށުމުގެ ކުރިން ސައުދީން ފޮނުވާ ކަދުރު ބަހައެވެ. ނަމަވެސް މިއަހަރު ކަދުރު ބަހާފައިނުވާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު އިސްމާއިލް އަފްރާހް "ވަން" އަށް މިއަދު ވިދާޅުވީ، ކަދުރު ނުބަހަނީ ސައުދީން އަދި ކަދުރު ލިބުން ލަސްވުމުން ކަމަށެވެ. ނަމަވެސް ރާއްޖެއަށް ކަދުރު ފޮނުވުމަށް މިހާރު ތައްޔާރުކޮށްފައިވާ ކަމަށާއި އެ ޝިޕްމަންޓް ލިބޭވަރު ވާނީ ރޯދަ މަހުގެ ފަހު ދިހައިގައި ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.
"މިހާރު ޝިޕްކޮށްފައިވާ ކަމަށް ސައުދީ އެމްބަސީން އަޅުގަނޑުމެންނަށް ވަނީ އަންގާފައި. ދެން އެ ލިބޭވަރު ވާނީ ފަހު ދިހައިގަ ކަމަށް މި ބަލަނީ. ދެން މިފަހަރު ކަދުރު ލިބުން ލަސްވީ ކީއްވެކަމެއް ނޭނގެ ބުނާކަށް،" އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރު ސައުދީން ވަނީ 25 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެ ކަދުރުތައް ބަހާފައިވަނީ ފަގީރުންގެ ލިސްޓުގައި ނަން ނޯޓުކޮށްފައިވާ މީހުންނަށާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށާއި މީހުންނަށެވެ.
އަފްރާހް ވިދާޅުވީ ސައުދީން މިފަހަރު ފޮނުވަނީ ކިތައް ޓަނުގެ ކަދުރުކަމެއް އަދި ނޭނގޭ ކަމަށާއި އެ ކަދުރު ބަހާނެ ގޮތެއް ނިންމާނީ ލިބޭ މިންވަރަށް ބެލުމަށްފަހުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު