ރާއްޖޭގައި ކެންސަރު ގިނަވާ ސަބަބު ދެނެގަތުމަށް ކުރާ ދިރާސާގެ މަސައްކަތް ފަށައިފިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ސަަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ޕްރައިމަރީ ހެލްތުކެއާގެ ނިޒާމު އާރޯކޮށް އަލުން ފެށުމަށް ކަމަށެވެ. އަދި ކެންސަރު ބައްޔަށް ރާއްޖޭގައި މީހުން ހުށަހެޅޭ ސަބަބުތައް ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއާ ގުޅިގެން ދިރާސާކުރުމަށް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

"ކެއިން ބުއިމާއި މާހައުލުގެ ޒަރީއާއިން ކުރިމަތިވާ ސިއްހީ މައްސަލަތައް ދެނެގަތުމަށް، އަދި ވަކިން ހާއްސަކޮށް ކެންސަރު ބައްޔަށް ރާއްޖޭގައި މީހުން ހުށަހެޅޭ ސަބަބުތައް ދެނެގަތުމަށް، ޑަބްލިޔުއެޗްއޯއާ ގުޅިގެން ދިރާސާކުރުމަށް ވަނީ ފެށިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ، ޑަބްލިޔުއެޗްއޯއާ ގުޅިގެން އެފަދަ ދިރާސާއެއް ހެދުމުގެ ބޭނުމަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމާއެކު، ރައްޔިތުންނަކީ ސިއްހީ ކަންކަމަށް ހޭލުންތެރިވެ، އެކަންކަމަށް ފަރުވާ ބަހައްޓާ ބަޔަކަށް ހެދުން ކަމަށާއި ޕެންޑެމިކްތަކާއި ގުދުރަތީ އެކިއެކި ކާރިސާތަކުގައި އަދި ތިމާވެށި ހިމާޔަތް ކުރުމުގައި ވެސް 'ރެޒީލިއެންޓް' ނުވަތަ ވިލުންވެރި ބަޔަކަށް ހެދުން ކަމަށެވެ.

ޑްރަގް ކޮންޓްރޯލް ކުރުމާ ގުޅޭ ނޭޝަނަލް ސްޓްރެޓީޖިކް ޕްލޭން އަންނަ ޖޫން މަހު ލޯންޗްކުރުމަށް ތާވަލުކުރެވިފައިވާ ކަމަށް ވެސް ނަސީމް ވަނީ މިރޭ ވިދާޅުވެފައެވެ. މުޖުތަމައުގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާ އާލާވެ ފުޅާވަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ނަސީމް ވިދާޅުވީ ނޭޝަނަން ޑްރަޖް އެޖެންސީ (އެންޑިއޭ) ހިންގުމާ ހެލްތު މިނިސްޓްރީން ހަވާލުވެ، އެ އެޖެންސީގެ މަސައްކަތާއި ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމުތަކަށް ބޭނުންވާ ދިރާސާތައް ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު މިހާރު ނިމިފައިވާ ކަމަށެވެ.

"މި ފުރުސަތުގައި އަޅުގަނޑަށް ފާހަގަކުރަން މަޖުބޫރުވާ އަނެއް ހަގީގަތަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި އިތުރު ބަލިމަޑުކަމެއް އާލާވެ ފެތުރެމުން ދާކަން. އާދެ، މަސްތުވާތަކެތީގެ ވަބާ. ފާއިތުވި އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު، މިނިސްޓްރީ އޮފް ހެލްތުން ޑްރަގުން ރައްކާތެރިވުމާ ގުޅޭ މަސައްކަތާ ހަވާލުވުމަށްފަހު ގިނަ ކަންތައްތަކެއް ދަނީ ކުރެވެމުން. ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު މިހާރު ވަނީ މިކަމާ ގުޅުން ހުރި ދިރާސާތައް ކުރެވިފައި،" ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް އިތުރަށް ވިދާޅުވީ ކުރިއަށްވުރެ ބޮޑަށް މިހާރު ރައްޔިތުން ސިއްހީ ދާއިރާއަށް އިތުބާރު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ދާއިރާއަށް ގެނެސްދެއްވި ހެޔޮ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ބިނާކޮށް، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތާއި ޓެސްޓުތައް ސަރަހައްދީ ހޮސްޕިޓަލުން ހެދޭނެ އިންތިޒާމު ރައީސް ސޯލިހު ހަމަޖައްސަވާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.