މިމަހު ހޫނު ގަދަވާނެތީ ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވާން ސްޓެލްކޯއިން އެދިއްޖެއެވެ.

ސްޓެލްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މިމަހަކީ މިއަހަރުގެ އެންމެ ހޫނުގަދަ މަހަށްވުމުގެ އިތުރުން ރޯދަމަހަށް ވާތީ ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރު ވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން ކަރަންޓު އިގުތިސޯދު ކުރުމުގައި އިތުރު ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

"އޭސީ ފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރަން،" ސެޓްލްކޯއިން ބުންޏެވެ.

މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ އޮފިޝަލު ރޭ "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ، މިމަހުގައި ހޫނުމިން އާންމުގޮތެއްގައި ހުންނާނީ 29.7 ޑިގްރީ ސެލްސިއަސް އާއި 31.5 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ކަމަށެވެ. އަދި މިމަހު އެންމެ ގަދައަށް ހޫނު ވާނީ މެންދުރު ފަހު 1:30 އާއި 2:00 އާ ދޭތެރޭ ކަމަށެވެ.

"މި މަހަކީ މިއަހަރުގެ އެންމެ ހޫނު މަސް، އެހެން މަސްތަކަށްވުރެ މިމަހުގެ ހޫނުމިން މަތިވާނެ. އާންމު ގޮތެއްގައި މި ހުންނަނީ 29.7 ޑިގްރީ ސެލްސިއަސްގައި. ރާއްޖެ ކަހަލަ ގައުމަކަށް ބަލާއިރު އެއީ ވަރަށް ހޫނު. ބައެއް ދުވަސްތަކުގައި 29 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އަރާނެ. އެއީ މެންދުރު 1:30 އިން ފެށިގެން 2:00 ޖެހުމާ. އެވަގުތު 29 ޑިގްރީ ސެލްސިއަސް އާއި 31.5 ޑިގްރީ ސެލްސިއަސްއަށް މަތިވާނެ. މޫސުމަކީ ޕްރެޑިކްޓް ކުރާ އެއްޗެއް، ސީދާ ބުނާކަށް ނޭނގޭނެ އެހެން ޔަގީންކޮށް އެއީ ހަމަ ލަފާކުރެވޭ ގޮތް. މި ހަފުތާގެ ކުރީކޮޅު 31.7 ޑިގްރީ ސެލްސިއަސްގައި ވެސް ހުރި ހޫނުމިން. އެކަމަކު އާއްމު ގޮތެއްގައި އުޅެނީ ކުރިން ދެންނެވި އަދަދުތަކުގައި،" އޮފިޝަލް ވިދާޅުވިއެވެ.

މިދުވަސްވަރު ހޫނުމިން ގަދަވަނީ ވައި މަޑުވެފައި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާތީ ކަމަށެވެ.